ޝަކުވާ ކޮމިޓީގެ 19ވަނަ ބައްދަލުވުން

25/11/2010

ޝަކުވާ ކޮމިޓީގެ 19ވަނަ ބައްދަލުވުން މިއަދު (25 ނޮވެމްބަރ 2010)ގައި ބޭއްވިއްޖެ.

މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ

–          ކޮމިޓީގެ މުގައްރިރު އަލްފާޟިލާ އާއިޝަތު ވެލެޒިނީ.

–          ކޮމިޓީގެ މެންބަރު އަލްއުސްތާޛު އަޙުމަދު ރަޝީދު

–          ”       ”   ޑރ. އަފްރާޝީމް ޢަލީ

–          ”       ”    ”  އަޙުމަދު ޢަލީ ސަވާދު

މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވާ މެންބަރުން:

–          ކޮމިޓީގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ދީދީ ވަކިއެއްޗެއް ވިދާޅުނުވެ ޖަލްސާއަށް ވަޑައެއްނުގަންނަވާ.

މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެވުނީ ނޫސްތަކުގައި ޝާޢިއުކޮށްފައިވާ ޚަބަރުތަކުގެ ތެރެއިން އާއްމުކޮށް ފަނޑިޔާރުންގެ ތެދުވެރިކަމާ، ޢަދުލް ވެރިކަމާ އަދި ފަނޑިޔާރުގޭގެ މުސްތަޤިއްލުކަމާމެދު އާއްމުންގެ ހިތުގައި ޝައްކު އުފެދޭފަދަ މައްސަލަތަކާބެހޭ ގޮތުންނެވެ.

މައްސަލައާއިގެން ބަޙުޡް ކުރެވެމުންދަނިކޮށް ޑރ. އަޙުމަދު ޢަލީ ސަވާދު ވަޑައިގެންނެގުމުން، ޑރ އަފްރާޝީމް ޢަލީ ކޮމިޓީގެ ރިޔާސަތުގެ އިޒުނައާއެކު ޑރ. ސަވާދަށް މަޤާމުގެ ޙައިސިއްޔަތުން ކޮމިޝަނުގެ އަދި ކޮމިޓީގެ ޖަލްސާތަކުގައި ބައިވެރިވެޑައިގެންނެވޭނެކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ. “ޑރ ސަވާދުގެ އަރިހުން ވަރަށް ބޮޑަށް މައާފަށް އެދުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުވެސް ވޯޓު ދީގެން  އެޓަރނީ ޖެނެރަލްގެ މަޤާމުގައި ޑރ.ސަވާދެއް މިހާރަކު ނުހުންނަވާނެ. އަޅުގަނޑު ވަރަށް އުއްމީދު ކުރަން މިކަން ޑރ.ސަވާދު ޕަރސަނަލްކޮށް ނުނަންގަވާނެކަމަށް. ޤަނޫނަށް ބަލާއިރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޑރ.ސަވާދު ބައިވެރިވެގެން ނުވާނެ ކޮމިޓީއެއްގައިވެސް އަދި  ކޮމިޝަނުގެ ޖަލްސާތަކުގައިވެސް….” އަދި އެސަބަބައްޓަކާ ސަވާދު މަޤާމުގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ކޮމިޓީއެއްގައި އިންނަވަން ބޭނުންފުޅުނުވާކަމަށް ވިދާޅުވިއެވެ.

ކޮމިޓީގެ މުޤައްރިރު ވިދާޅުވީ  ޑރ.އަފްރާޝީމް ޢަލީ ވަޑައިގަތުމަށް ބޭނުންފުޅުވާނަމަ، މަޑުކުރެއްވުމަށް ވިދާޅުވުމުގެ ބާރު މުޤައްރިރައް ލިބިވަޑައި ނުގަންނަވާކަމަށެވެ. “އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން ތިބޭފުޅުންގެ ސިޔާސީ ކަމެއްގެ މައްޗަކަށެއް. އަޅުގަނޑަށް ހީވަނީ ޑރ.އަފްރާޝިމް އެވިދާޅުވިކަމަކާ ޝަކުވާ ކޮމިޓީގައި ބަޙުޘް ކުރުމަކީ އެކަށީގެންވާ ކަމެއް ނޫންހެން. މިކޮމިޓީގައި އެކަމާ ބެހޭގޮތުން ބަޙުޘް ކުރާކަށެއް އެއްވެސް މެންބަރަކަށް ފުރުސަތު އަރުވާކަށް އަޅުގަނޑު ގަސްތެއް ނުކުރަން.” ނަމަވެސް ޔައުމިއްޔާއަށްޓަކައި މެންބަރުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާނަމަ އެކަމަށް ފުރުސަތު ދެއްވިއެވެ.

މި ފުރުސަތުގައި ކޮމިޓީގެ މެންބަރު އަލްއުސްތާޛު އަޙްމަދު ރަޝީދު ވިދާޅުވީ މީ ދުސްތޫރީ މައްސަލައަކަށްވާތީ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާތީ ޑރ. އަފްރާޝީމްގެ ހުށަހެޅުއްވުން އަނބުރާ ގެންދަވާ، މިމަސަައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ މަސައްކަތް އަވަހަށް ކުރިއަށްދާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. މިހާރުވެސް ކޮމިޝަނަށް 130 ށްވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވުމާއެކު ޤައުމީ މަސްލަހަތަށްޓަކައި ވަގުތުކޮޅެއްހޭދަކޮށްލައްވާ ކޮމިޓީގައި މަޑުކޮށް ދެއްވުމަކީ މެންބަރެއްގެ ގޮތުން އެދިވަޑައިގަންނަވާ އެދުމެއްކަމަށް ވިދާޅުވިއެވެ.

އަޙުމަދު ރަޝީދުގެ އެދިވަޑައިގަތުމަށް ޖަވާބު ދެއްވަމުން ޑރ. އަފްރާޝީމް ވިދާޅުވީ ކޮމިޝަނަށް ގިނައަދަދެއްގެ ޝަކުވާ ހުށަހެޅިފައިވާކަމަށް ޤަބޫލުކުރައްވާ ކަމަށާ އަދި ކޮމިޝަންގެ މަސައްކަތްތަކަށް ވަރަށް އިސްކަމެއް ދެއްވާކަމަށާ ނަމަވެސް  މިމައްސަލާގައި މިހާރު ޝަރުޢީގޮތުން ކަންތައްކުރަންޖެހޭ ގޮތަކީ މިއީކަމަށް ޑރ އަފްރާޝިމް ދެކެވަޑައިގަންނަވާކަމަށެވެ. އަދި ސްޕްރީމް ކޯޓަށް ދުސްތޫެރީ މައްސަލައެއްގެ ގޮތުގައި މިކަން ހުށަހެޅިފައި އޮތަސް ޑރ. އަފްރާޝީމް އަމިއްލަފުޅަށް މިމައްސަލާގައި ވަކިގޮތެއް ނިންމަވާފައިވާކަމަށާ ކޯޓުން އެ ނިންމާ ނިންމުމަކަށް އިޙްތިރާމް ކުރުމަކީ އެމަނިކުފާނުގެެ އެނިންމެވުން ދޫކޮށްލީކަމަށް ނުވާނެކަމަށް ދެކެވަޑައިގަންނަވާކަށެވެ.

އެކަމާ ގުޅޭގޮތުން ޑރ. ސަވާދު ވިދާޅުވީ، ޑރ.އަފްރާޝިމް ފާހަގަކުރެއްވެވީ މަޖިލީހުގައި ކަންހިނގާ ދިޔަގޮތާ ނިންމުމުނުގޮތްކަމަށާ، ޤާނުނީގޮތުން އެމަނިކުފާނަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރިކަމަށެވެ. ” އަޅުގަނޑުދެކޭގޮތުގައި އަދިވެސް އަޅުގަނޑު މިހުރީ މަޤާމުގައި. އެހެންވީމާ އެމަޤާމުން އަޅުނޑުވަކިވާނޭ ހަމަތަކެއް ޤާނޫނުއަސާސީގައި ބަޔާންވެގެންވޭ. އެހަމަތަކުގެ މަތީން އަޅުގަނޑު ވަކިވީމަ އަޅުގަނޑުގެ މަސްޢޫލިއްޔަތު އެނިމުނީ. އެހާތަނަށް ޖެހެންދެން އަޅުގަނޑުގެ ޒިންމާއާ މަސްޢޫލިއްޔަތު އަދާކުރަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.  އެހެންވީމާ އެގޮތުން އަޅުގަނޑު މި ކޮމިޓީއަށްވެސް ޙާޟިރުވަނީ. އެމަސްޢޫލިއްޔަތު އަޅުގަނޑު އަދާކުރާނަން އިނގޭތޯ”

ޑރ. އަފްރާޝީމްގެ ހުށަހެޅުއްވުން ބަޙުޘަކަށް ހުޅުވާނުލެއްވިކަމުގައިވިއަސް ހުރިހާ މެންބަރުންވެސް ވާހަކަފުޅު ދައްކަވާފައިވާތީ އެކަމާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރުވެސް އެއްޗެއް ވިދާޅުވަން ބޭނުފުޅުކަމަށް ވިދާޅުވިއެވެ.

ޖަލްސާގައި އިންނަވަނިކޮށް ބަންޑާރަަ ނައިބު ވަޑައިގަތުމުން ޑރ.އަފްރާޝީމް މިކަމުގައި ޑިސިޝަނެއް ނަންގަވަންޖެހިވަޑައިގެން އެހެންވިދާޅުވީތީ އެކަމަށް އިޙްތިރާމް ކުރައްވާކަމަށާ، “ދަންނަވާލަން އޮތީ މީ ޤައުމުގެ ވަރަށްބޮޑު ދުސްތުރީ މައްސަލަތަކެކޭ. އަޅުގަނޑުމެން މިއުޅެނީ އަދި ޑިމޮކްރެޓިކް ޤައުމެއްގައެއް ނޫނޭ. ޤާނޫނުއަސާސީން އަޅުގަނޑުމެނަށް ދީފައިވާ ތަސައްވުރު އަޅުގަނޑުމެން ހަޤީޤަތައް ހަދަން މަސައްކަތް ކުރާއިރު މިކަހަލަ ކަންކަންވެސް ދިމާވާނެ” ކަމަށް ރިޔާސަތުން ފާހަގަކުރެއްވިއެވެ.

ރިޔާސަތުގެ އިޒުނައާއެކު ޑރ. އަފްރާޝީމް ޢަލީ ޖަލްސާ ދޫކުރައްވާ ވަޑައިގަތުމުން ކޮމިޓީގައި ކުރިން ބަޙުޘް ކުރައްވަމުން ދިޔަ މައްސަލާގައި ބަޙުޘް ކުރެއްވުމަށްފަހު ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި ބަޙުޘް ކުރައްވަމުން ގެންދެވި މައްސަލަ ކަމުގައިވާ ނޫސްތަކުގައި ޝާޢިއުކޮށްފައިވާ ޚަބަރުތަކުގެ ތެރެއިން އާއްމުކޮށް ފަނޑިޔާރުންގެ ތެދުވެރިކަމާ، ޢަދުލް ވެރިކަމާ އަދި ފަނޑިޔާރުގޭގެ މުސްތަޤިއްލުކަމާމެދު އާއްމުންގެ ހިތުގައި ޝައްކު އުފެދޭފަދަ މައްސަލަތަކާބެހޭ ގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ނިންމުނެވެ.

ކޮމިޓީ ވަގުތު ހަމަވުމުން މިއަދުގެ ޖަލްސާ ނިންމަވާލެއްވީ 14:30ގައެވެ.

25 ނޮވެމްބަރ 2010