ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތަކާމެދު ޢަމަލުކުރާނެ އުސޫލެއް ކަނޑައަޅައިފި

10/11/2010

ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތަކާމެދު ޢަމަލުކުރާނެ އުސޫލެއް ޖުޑިސަލް ސަރވިސް ކޮމިޝަންގެ ޝަކުވާކޮމެޓީން ކަނޑައަޅައިފިއެވެ.

މި އުޞޫލުގެ މަޤުޞަދެއްކަމުގައި އެ ކޮމެޓީން ކަނޑައަޅާފައިވަނީ ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް މުސްތަޤިއްލުކަމާއި އިތުބާރާ އެކު ލަސްނުކޮށް ބަލައި،  ފަނޑިޔާރުންނަކީ އެބައިމީހުންގެ ސުލޫކާމެދު ޝައްކެއް ނެތް ބަޔަކުކަން ރައްޔިތުންނަށް ކަށަވަރުކޮށްދީ، އެގޮތުން ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި އިޙުތިރާމް ހޯދާ ދެމެހެއްޓުމެވެ.

އަދި މި އުސޫލުގެ ދަށުން ބެލޭނެ ކަންތައްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ(ހ)ގެ ދަށުން  ބެލުމަށް ލާޒިމުކުރާ ފަނޑިޔާރުންގެ ސުލޫކާމެދު ހުށަހެޅޭ ޝަކުވާތަކާއި، ހަމަ އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން ބެލުމަށް ލާޒިމުކުރާ ފަނޑިޔާރުންގެ ސުލޫކާމެދު ސުވާލު އުފެދޭ މައްސަލަތަކެވެ.

މީގެ އިތުރުން މީޑިޔާގެ ޒަރީޢާއިން ނުވަތަ އެހެންވެސް ގޮތަކަށް ފަނޑިޔާރެއްގެ ސުލޫކާމެދު ޢާއްމުކޮށް އުފުލާ ޝަކުވާ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ(ށ)ގެ ދަށުން ބެލެވޭނެކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު ފަނޑިޔާރުންނާ ބެހޭގޮތުން ޝަކުވާއުފުލުމުގައި، ޝަކުވާ ހުށަހަޅާ ފޯމުގެ އިތުރުން، ސިޓީ، ފެކްސް، އަދި އީމެއިލްވެސް ޤަބޫލުކުރާގޮތަށް ވަނީ އުޞޫލުގައި ކަނޑައަޅާފައެވެ.

އެކޮމެޓީން މިފަދަ އުޞޫލެއް ކަނޑައަޅާ، އާންމުކުރުމުގެ ބޭނުމަކީ ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ފާޅުކަން ބޮޑުގޮތެއްގައި ބެލުމާ، މިހާރަށްވުރެ އަވަސްކޮށް ހުށަހެޅޭ ޝަކުވާތައް ބެލުމެވެ. މިއަހަރުގެ މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވަނީ 131 ޝަކުވާއެވެ. އޭގެ ތެރެއިން ބެލިފައިވަނީ 3 ޝަކުވާއެވެ.

ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތަކާމެދު ޢަމަލުކުރާނެ އުޞޫލު ފާސްކުރުމަށް މިއަދު ބޭއްވުނު ޝަކުވާކޮމެޓީއަށް ވަޑައިގެންނެވީ ކޮމެޓީގެ މަޤައްރިރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ، ކޮމެޓީގެ މެމްބަރު ޑރ. އަޙުމަދު ޢަލީ ސަވާދު، ކޮމެޓީގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދެވެ. ކޮމެޓީގެ މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވަނީ ކޮމެޓީގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ދީދީ، ކޮމެޓީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އެވެ.

ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތަކާމެދު ޢަމަލުކުރާނެ އުސޫލު ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.