ކޮމިޝަންގެ ހިންގާ ޤަވާއިދާއި ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕްރޮސީޖަރ ފައިނަލްކުރުމާއި އިންޓަރވިއު ޕެނަލް އެކުލަވާލުމަށް މާލެއިން ބޭރު ތަނެއްގައި ބޭއްވުމަށް ނިންމެވި ޖަލްސާ ކޮމިޝަންގެ ކޯރަމްހަމަނުވާތީ ކެންސަލް ކޮށްފި

28/10/2010

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ޤަވާއިދާއި ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕްރޮސީޖަރ ފައިނަލްކުރުމާއި  އިންޓަރވިއު ޕެނަލް އެކުލަވާލުމަށް އަންނަ ހޮނިހިރު ދުވަހު (30 އޮކްޓޯބަރު 2010)  9:00 ން 20:00 ށް މާލެއިން ބޭރު ތަނެއްގައި ބޭއްވުމަށް 27 އޮކްޓޯބަރ 2010 ގެ ރޭ ނިންމެވި ޖަލްސާ، ކޮމިޝަންގެ ކޯރަމްހަމަނުވާތީ ކެންސަލްކޮށްފިއެވެ.

06 މެމްބަރުން ބައިވެރިވި ރޭގެ ޖަލްސާގައި ކޮމިޝަންގެ ހިންގާ ޤަވާއިދު ފާސްކުރުމަށް ބަހުސްކުރެވި، އެކަންކުރުމަށް ވަގުތު ކަނޑައެޅި، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމެވި ޖަލްސާގައި ކޮމިޝަންގެ ހިންގާ ޤަވާއިދުގެ ބާބުތަކަށް މެމްބަރުންގެ ޚިޔާލުތައް ހުށަހެޅުމާއި ބަހުސްކުރުމަށްވެސް ވަނީ ވަގުތު ކަނޑައެޅިފައެވެ. އަދި އެޖަލްސާގައި އިދާރީ ޤަވާއިދު އެކުގައި ފާސްކުރުމަށްވެސް ރޭގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންވަނީ ނިންމާފައެވެ.

ކޮމިޝަނުން ރޭ ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ މެމްބަރު އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން އެވެ. ފަހުމީގެ އިތުރުން ރޭގެ ޖަލްސާގައި ބައިވެރިވި މެމްބަރުންނަކީ އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު، ޑރ. އަޙުމަދު ޢަލީ ސަވާދު، އައްޝައިޚު ޝުޢައިބު ޢަބްދުއްރަޙުމާން، އަލްއުސްތާޛު އަޙުމަދު ރަޝީދު، އަދި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީއެވެ.