ކޮމިޝަންގެ ހިންގާ ގަވާއިދާއި ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕްރޮސީޖަރ ފައިނަލްކުރުމާއި އިންޓަރވިއު ޕެނަލް އެކުލަވާލުމަށް މާލެއިން ބޭރު ތަނެއްގައި ޖަލްސާއެއް ބޭއްވުމަށް ކޮމިޝަނުން ނިންމަފައި

28/10/2010

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ގަވާއިދާއި ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕްރޮސީޖަރ ފައިނަލްކުރުމާއި  އިންޓަރވިއު ޕެނަލް އެކުލަވާލުމަށް އަންނަ ހޮނިހިރު ދުވަހު (30 އޮކްޓޯބަރު 2010)  9:00 ން 20:00 ށް މާލެއިން ބޭރު ތަނެއްގައި ޖަލްސާއެއް ބާއްވައި، މިދެ މަސައްކަތް ނިންމުމަށް ކޮމިޝަނުން ނިންމައިފިއެވެ.

އެދުވަހަށް ޚާއްޞަކުރެވިފައިވާ ދެ މަސައްކަތްކަމުގައި ވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ގަވާއިދު ފާސްކުރުމާއި، ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕްރޮސީޖަރ ފައިނަލްކުރުމާއި  އިންޓަރވިއު ޕެނަލް އެކުލަވާލުމަށް ވަގުތުވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ގަވާއިދުގެ ކޮންމެ ސްލޮޓަކަށް 4 ބާބުގެ މަސައްކަތް ކުރުމަށް ނިންމެވުމަށާއި ގިނަވެގެން މެންބަރަކަށް ފަސް މިނިޓްގެ ދެ ފުރުސަތު ދިނުމަށާއި އަދި ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕްރޮސީޖަރ ފައިނަލްކުރުމަށާއި އިންޓަރވިއު ޕެނަލް އެކުލަވާލުމުގެ މަޝްވަރާގައިި ކޮންމެ މެމްބަރަކަށް 2 މިނެޓްގެ 2 ފުރުސަތު ދެއްވުމަށްވެސް ކޮމިޝަނުންވަނީ ނިންމަވާފައެވެ.

މާލޭއިން ބޭރުގައި ކޮމިޝަންގެ ޖަލްސާއެއް ބޭއްވުމަށް ކޮމިޝަނުން ނިންމެވީ ކޮމިޝަންގެ ހިންގާ ގަވާއިދު ފާސްނުކުރެވި، ގިނަދުވަސްތަކެއް ފާއިތުވެފައިވުމާއެކު އެޤަވާއިދު ނެތުމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތައް ކުރުމަށް ބުރޫއަރާތީއެވެ.

ކޮމިޝަނުން ރޭބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ މެމްބަރު އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން އެވެ. ފަހުމީގެ އިތުރުން ރޭގެ ޖަލްސާގައި ބައިވެރިވި މެމްބަރުންނަކީ އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު، ޑރ. އަޙުމަދު ޢަލީ ސަވާދު، އައްޝައިޚު ޝުޢައިބު ޢަބްދުއްރަޙުމާން، އަލްއުސްތާޛު އަޙުމަދު ރަޝީދު، އަދި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީއެވެ.