ކުއްލި ޚަބަރު: ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ކުއްލި ޖަލްސާގެ ރިޔާސަތު ދޫކުރައްވައި ކޮމިޝަނުގެ ރައީސް ނިކުމެވަޑައިގެންފި

21/10/2010

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ އިދާރީ ޤަވާޢިދު ފާސްކުރުން 24 އޮކްޓޯބަރ 2010 އާދީއްތަ ދުވަހަށް އެޖެންޑާ ކުރުމަށް އެއްބަސްވެވަޑައިގަތުމާއެކު، މިރޭގެ ކުއްލި ޖަލްސާ ކުރިއަށް ގެންދެވުމަށް މެމްބަރުން އެދުމުން، “އަޅުގަނޑުގެ މައްޗަކަށް ޝަރުތެއް ނުކުރެވޭނެ” ކަމުގައި ވިދާޅުވެ، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ރިޔާސަތު ދޫކުރައްވައި، ޖަލްސާ ހުއްޓަވާލައްވައިފިއެވެ.

މިގޮތަށް ކޮމިޝަނުގެ ރައީސް ޢަމަލުކުރައްވާފައިވާއިރު ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތައް ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގައިވަނީ ކޮމިޝަނުގެ މެންބަރަކު ވަކިކަމެއް އެޖެންޑާ ކުރުމަށް އެދިފިނަމަ ނުވަތަ ކޮމިޝަނުން ވަކިކަމެއް އެޖެންޑާކުރުމަށް  ނިންމާފިނަމަ އެކަމެއް އެޖެންޑާކުރަން ޖެހޭނެކަމުގައެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ އިދާރީ ޤަވާޢިދު ފާސްކުރުމަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދީފައިވާ މުއްދަތު ވަނީ 26 ޖެނުއަރީ 2010ށް ހަމަވެފައެވެ. އަދި އިދާރީ ޤަވާޢިދެއްނެތި ކޮމިޝަނުން ނިންމާ ނިންމުންތަކާމެދު ޤާނޫނީގޮތުން ސުވާލު އުފެއްދުމުގެ ފުރުޞަތު އޮތުމާއެކު، އިދާރީ ޤަވާޢިދު ފާސް ކުރުމަށް އެންމެ އިސްކަމެއް ދިނުމަށް މެމްބަރުން ތަކުރާރުކޮށް އެކި ޖަލްސާތަކުގައި އެދެމުންދާއިރު، މިކަމަށް ކޮމިޝަނުގެ ވަގުތު ކަނޑައެޅުމަށް ކޮމިޝަނުގެ ރައީސް ވަނީ ފަސްޖެހިފައެވެ.