ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު އަލުން މުރާޖާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

17/10/2010

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު ފަނޑިޔާރުންގެ ޤާނޫނަށް މިހާރު ޢަމަލުކުރަމުންދާތީއާއި، ކޯޓުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވުމުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކޮމިޝަން މެމްބަރުންނާ މަޝްވަރާކުރެވި، ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު އޮނިގަނޑު އަލުން މުރާޖާޢާކުރުމަށް ފުރުސަތު ދެއްވުމުން، އެއޮނިގަނޑު މުރާޖާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހަޅާފައިވާ އޮނިގަނޑުގައި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރަށުކޯޓުތަކާއި މާލޭގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންގެ މުސާރައާ އިނާޔަތްތަކުގެ ފަރަގު ކުޑަކުރުމަށެވެ. އެގޮތުން ސުޕްރީމް ކޯޓާއި ހައިކޯޓާއި އަދި މާލޭ ކޯޓުތަކާއި (ސްޕީރިއަރ ކޯޓްތަކާއި) ރަށުކޯޓުތަކު (މެޖިސްޓްރޭޓް ކޯޓްތަކު)ގެ މުސާރަ ކަނޑައެޅުމުގައި އެއް ލެވެލުން އަނެއް ލެވަލަށް ހަމަހަމަ ގޮތަކަށް އަސާސީ މުސާރަ ފަރަގު ކުރުމުގެގޮތުން މިއިން ކޮންމެ ދެ ލެވެލެއްގެ ދޭތެރޭގެ އަސާސީ މުސާރައިގައި 10000 (ދިހަހާސް ރުފިޔާ) ގެ ތަފާތެއް  ވަނީ ހިފަހައްޓާފައެވެ.

މުސާރައިގެ އޮނިގަނޑު މުރާޖަޢުކޮށް މިހާރު ހުށަހަޅާފައިވާ އޮނިގަނޑުގައި ފަނޑިޔާރުންނަށް ދެމުންގެންދާ ދިގުމުއްދަތުގެ އެލަވަންސް، ޚާއްޞަ އެލަވަންސް، މަތީ ތަޢްލީމް އެލަވަންސް، ފަންނީ އެލަވަންސް، ފޯން އެލަވަންސް، ނައިޓް ކޯޓް އެލަވަންސް، ފަނޑިޔާރުކަމުގެ މަޤާމުގެ ހައިސިއްޔަތުން މައްޛޫންކަން ކުރައްވާތީ ލިބޭ މުސާރަޔާއި ޢިނާޔަތްތައް (ކޮށްދޭ ކޮންމެ ކައިވެންޏަކަށް ދޭ ފައިސާ)، ޓްރާންސްޕޯޓް އެލަވަންސް، ސެކިއުރިޓީ އެލަވަންސް (ޖިނާޢީ ކޯޓުގެ ޤާޟީންނަށް ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަމަޖައްސައިފައިވާ މީހުންނަށް ދޭ މުސާރައާއި ޢިނާޔަތްތައް) ރަށުކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށްބަލައި ދެވޭ އެލަވަންސާއި އަދި ހުރިހާ ފަނޑިޔާރުންނަށް އިތުރުގަޑީގެ ގޮތުގައި ދެވޭ ފައިސާ ދިނުން ހުއްޓާލުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ ބަދަލުގައި މިއޮނިގަނޑުގައި ދިނުމަށް ހުށަހަޅާފައިވަނީ މުސާރައިގެ އިތުރު ލިވިންގ އެލަވަންސާއި ރިސްކު އެލަވަންސާއި މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާނަމަ، ދެވޭނެ އެލަވަންސްއެވެ. އެގޮތުން ރިސްކް އެލަވަންސް ކަނޑައެޅުމުގައި ކޯޓުތަކުގެ އިޚްތިޞާޞަށާއި ކުރާ މަސައްކަތަށާއި މައްސަލައިގެ ނިސްބަތަށާއި އާބާދީއަށާއި ރިސްކަށް ބަލައިގެން އެލަވަންސް ވަނީ ކަނޑައަޅާފައެވެ. އަދި ލިވިންގ އެލަވަންސް ކަނޑައެޅުމުގައި ރަށްރަށުން ދެކޮޓަރީގެ އެޕާރޓްމަންޓެއް މަހު ކުއްޔަށް ލިބޭ ރޭޓަށްވެސް ބަލާފައިވެއެވެ.

މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާނަމަ، ދެވޭނެ އެލަވަންސަކީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރާ މެޖިސްޓްރޭޓުންނަށް އެކަނި ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސެކެވެ.