ސެކްރެޓްރީ ޖެނެރަލްގެ މަޤާމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ، ޝަރުޠުތައް ލުއިކުރުމާއެކު އަލުން ކޮމިޝަންގެ ސެކްރެޓްރީ ޖެނަރަލްގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

4/10/2010

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓްރީ ޖެނަރަލްގެ މަޤާމަށް ކުރިމަތި ލުމަށްދީފައިވާ މުއްދަތު ހަމަވިއިރު، އެކަމަށް އެދި ކުރިމަތިލާފައިވާ ފަސްބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު، އެމަޤާމަށް ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަ ނުވާތީ ޝަރުޠުތައް ލުއިކުރުމާއެކު އަލުން ކޮމިޝަންގެ ސެކްރެޓްރީ ޖެނަރަލްގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސެކްރެޓްރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހަމަޖެއްސުމަށް މިފަހަރު އިޢުލާން ކުރުމުގައި ތަޢުލީމާއި ތަޖުރިބާގެ ޝަރުޠުގެގޮތުގައި ކުރިން ކަނޑައަޅާފައިވާ  ގަވަނަންސްގެ ދާއިރާ ނުވަތަ ޤާނޫނީދާއިރާ ނުވަތަ ޕޮލިޓިކަލް ސައެންސް ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއެކު، މާސްޓަރސް ޑިގްރީއެއް އޮތުމާއި، ހިންގުމުގެ ދާއިރާގެ އެގްޒެކެޓިވް ލެވަލްގެ މަޤާމެއްގައި 4 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުމުގެ ބަދަލުގައި ޝަރުޠު ލުއިކުރުމުގެ ގޮތުން، ކޮންމެ ދާއިރާއަކުންވެސް މާސްޓަރސް ޑިގްރީއެއްނަމަ، ހިންގުމުގެ ދާއިރާގެ އެގްޒެކެޓިވް ލެވަލްގެ މަޤާމެއްގައި  2 އަހަރުގެ ތަޖުރިބާ އަދި ޑިގްރީއަކާއެކުގައި ނަމަ 4 އަހަރުގެ ތަޖުރިބާ ކަމަށް ވަނީ ހަމަޖެއްސަވާފައެވެ.

ސެކްރެޓްރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ކުރިން އިޢުލާން ކުރުމުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ލުއިކުރުމަށް ކޮމިޝަނުން ނިންމެވީ، ސެކްރެޓްރީ ޖެނެރަލްގެ މަޤާމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ދިރާސާކުރުމަށް އެކުލަވާލި ކޮމެޓީން ދިރާސާކުރުމަށްފަހު، ކޮމިޝަނަށް ހުށަހެޅި ރިޕޯޓުގައި، މިހާރު ކަނޑައަޅާފައިވާ ޝަރުޠުތައް ބޮޑުކަމަށް ފެންނާތީ، އެކަން ލުއިކުރުމަށް އެދިފައި ވުމުން، ކޮމިޝަންގައި އެކަމާމެދު ބަހުސް ކުރުމަށް ފަހުގައެވެ.

އެހެންކަމުން މިހާރު ސެކްރެޓްރީ ޖެނަރަލްގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ކޮށްފައިވާ އިޢުލާންގައި ވާގޮތުން އެމަޤާމަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ މިމަހުގެ 13 ވާ ބުދަދުވަހެވެ.

މިޚަބަރާ ގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.