ފަނޑިޔާރުންގެ ޝަރުތުހަމަވޭތޯ ނުވަތަ ނުވޭތޯ ކަނޑައެޅުމަށް ކޮމިޝަނަށް ދީފައިވާ މުއްދަތުގައި ކޮމިޝަނުން ޝަރުތުހަމަވާކަމަށް ނިންމަވާފައިވާ ފަނޑިޔާރުންގެ ތެރެއިން، މިހާތަނަށް ހުވާނުކުރައްވާ ހުންނެވި އަރިއަތޮޅު އުތުރުބުރީ ފެރިދޫކޯޓުގެ ސީނިއަ މެޖިސްޓްރޭޓް އިބްރާހީމް މުޙައްމަދު ތައްޚާން މިއަދު ހުވާކުރައްވާ، އޭނާއަށް ފަތްކޮޅުދެއްވައިފި

28/9/2010

ޤާނޫނުއަސާސިގެ 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ ޝަރުތުހަމަވޭތޯ ނުވަތަ ނުވޭތޯ ކަނޑައެޅުމަށް ކޮމިޝަނަށް ދިފައިވާ މުއްދަތުގައި ކޮމިޝަނުން ޝަރުތުހަމަވާކަމަށް ނިންމަވާފައިވާ  ފަނޑިޔާރުންގެ ތެރެއިން، މިހާތަނަށް ހުވާނުކުރައްވާ ހުންނެވި އަރިއަތޮޅު އުތުރުބުރީ ފެރިދޫކޯޓުގެ ސީނިޔަރ މެނިސްޓްރޭޓް އަލްފާޟިލް އިބްރާހީމް މުޙައްމަދު ތައްޚާން މިއަދު ހުވާކުރައްވާ، އޭނާއަށް ފަތްކޮޅުދެއްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އަރިއަތޮޅު އުތުރުބުރީ ފެރިދޫކޯޓުގެ ސީނިޔަ މެޖިސްޓްރޭޓް އަލްފާޟިލް އިބްރާހީމް މުޙައްމަދު ތައްޚާނަށް ހުވާލައިދެއްވީ މަދަނީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަލީ ސަމީރެވެ. އަދި ފަތްކޮޅުދެއްވީ ކޮމިޝަންގެ ނާއިބުރައީސް ޑރ. އަފުރާޝީމް ޢަލީއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަންގެ ނާއިބުރައީސް ދެއްކެވި ވާހަކަ ފުޅުގައި މިއަދަކީ ވަރަށް ތާރީޚި ދުވަހެއްކަމާއި، ޤާނޫނުއަސާސީން ޖުޑީޝަލް ސަރވިސް ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތަތެއް ކޮށްނިންމުމުގެ އުފާލިބިދޭ ދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަކީ ތެދުވެރިކަމާ އަމާނަތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) އިން، ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނުވާކަން، ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން ދެއަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލިބެލުމުން، ބަޔާންކުރެވިދިޔަ ޤާނޫނީ ހަމަތަކުގެމަތީން، 191 ފަނޑިޔާރުންވަނީ ޝަރުތު ފުރިހަމަވާކަމަށް ނިންމަވާފައެވެ.

މިބޭފުޅުންގެ ތެރެއިން ތަފާތު ސަބަބުތަކާއެކު ހުވާނުކުރައްވާ ތިއްބެވި ބޭފުޅުންގެތެރެއިން މިއަދު ހުވާކުރެއްވި އަރިއަތޮޅު އުތުރުބުރީ ފެރިދޫކޯޓުގެ ސީނިޔަ މެނިސްޓްރޭޓް އަލްފާޟިލް އިބްރާހީމް މުޙައްމަދު ތައްޚާން ހުވާކުރެއްވުމުން ކޮމިޝަނުން ޝަރުތު ފުރިހަމަވާކަމަށް ކަނޑައެޅުއްވި ހުރިހާ ފަނޑިޔާރުން ހުވާކުރެވުނީއެވެ.

މިޚަބަރާ ގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv ލިބިވަޑައިގަންނަވާނެއެވެ.