2011 ވަނަ އަހަރަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސްޓްރެޓިޖިކް އެކުޝަން ޕްލޭން އެކުލަވައިފި

23/9/2010

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ވަރަށް ފުޅާދާއިރާގައި ބަހުސް ކުރެއްވުމަށްފަހު 2011 ވަނަ އަހަރަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސްޓްރެޓިޖިކް އެކުޝަން ޕްލޭނުން އެކުލަވައިލައިފިއެވެ.

މައިގަނޑު ތިން ސިޔާސަތެއްގެ މައްޗަށް ބިނާކޮށް، 6 ސްޓްރެޓިޖީއެއް ކަނޑައެޅުނު މި އެކްޝަން ޕްލޭނު ޕާސްކުރެވިފައިވަނީ ޖުމްލަ ގޮތެއްގައި ހުރިހާ މެމްބަރުންނަށްވެސް އެއްވިސްނުކަމަށް އާދެވި މެމްބަރުންގެ އިއްތިފާގުންނެވެ.

2011 ވަނަ އަހަރަށް ކޮމިޝަނުން ކަނޑައެޅި ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ތިން ލަނޑުދަޑިއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ އިތުބާރާއި އިޚުތިރާމް ހޯދުމާއި، ކޮމިޝަނަށް ފަނޑިޔާރުންގެ އިތުބާރު ހޯދުމާއި، ރައްޔިތުންގެ އިތުބާރު ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް ހޯދުމެވެ.

މިގޮތުން މިކަންކަން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ސްޓެޓަޖީތަކަށް ބަލާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުސްތަޤިއްލުކަމާ މިނިވަންކަމާއެކު ވަކިފަރާތަކަށް ބުރަނުވާ މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރުމާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން  ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތައް ކޮމިޝަނުގެ މެންބަރުން ދެނެގަތުމާއި، ކޮމިޝަންގެ އިދާރާ ހަރުދަނާކުރުމާއި، ކޮމިޝަންގެ މަސައްކަތާއި ފަނޑިޔާރުންނާގުޅޭ ކަންތައްތައް ކޮމިޝަނުން ގެންދާގޮތާބެހޭ މަޢުލޫމާތު ހާމަކުރުމާއި، ކޮމިޝަނަކީ ޤާނޫނީ އިމުގެ ތެރެއިން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ބަލައިގަންނަ މިންވަރަށް ހުޅުވާލެވިގެން ހިނގާ މުޢައްސަސާއަކަށް ހެދުމާއި، އަދި ކޮމިޝަންގެ މަސައްކަތާގުޅޭގޮތުން އާއްމުންނަށް މަޢުލޫމާތު ހާމަކުރުމުގެ މައްޗަށެވެ.

އެގޮތުން މިހާރު ކޮމިޝަނުން އެކުލަވާލައިފިވާ ކޮމިޝަންގެ ސްޓްރެޓިޖިކް އެކުޝަން ޕްލޭން، ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv ޝާޢިއު ކުރެވިފައިވާނެއެވެ.

23 ސެޕްޓެމްބަރ 2010