އަލްއުސްތާޛް ޔޫސުފު ޙުސައިން، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރުމާއި، މަދަނީ ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމު ހުވާކުރައްވައިފި

22/9/2010

ޤާނޫނުއަސާސީގެ 145 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސްޕްރީމްކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރިއިރު އިންތިގާލީ މަރުޙަލާގެ ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ސްޕްރީމް ކޯޓުގެ ބެންޗަށް ހޮވިވަޑައިގެންފައިނުވާ އައްޝައިޚް ޔޫސުފު ޙުސައިން، ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރައްވައި، އަލްއުސްތާޛް ޔޫސުފު ޙުސައިން ހުވާ ކުރެއްވުމާއި ފަތްކޮޅު ހަވާލު ކުރުމުގެ ރަސްމިއްޔާތު ޖުޑީޝަލް ސަރވިސް މިކޮމިޝަނުގައި ބާއްވައިއެވެ.
ހަމައެއާއެކު ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) އިން، ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން ދެއަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލިބެލުމުން، ބަޔާންކުރެވިދިޔަ ޤާނޫނީ ހަމަތަކުގެމަތީން، މަދަނީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުރި އަލްއުސްތާޛު މުޙައްމަދު ނަޢީމުގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކުރާ، ފަނޑިޔާރުންގައި ހުރުން ލާޒިމު ޝަރުޠުތައް ފުރިހަމަވާކަމަށް، 6 އޯގަސްޓް 2010 (25 ޝަޢުބާން 1431) ވީ ހުކުރު ދުވަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވެއެވެ. އެހެންކަމުން މުޙައްމަދު ނަޢީމު ހުވަކުރެއްވުމާއި ފަތްކޮޅު ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުވެސް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބާއްވާފައެވެ.

21 ސެޕްޓެމްބަރ 2010