އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް(އައިސީޖީ)ގެ ވަފުދުގެ ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

15/9/2010

އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް(އައިސީޖީ)ގެ ފަރާތުން މިވަގުތު ރާއްޖެވަޑައިގަން އުޅުއްވާ ވަފުދުގެ ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކޮށްލެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކޮމިޝަންގެ ހިންގުން ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުންނާއި، ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން އަލުން އައްޔަނުކުރުމުގައި ކަންހިގާފައިވާ ގޮތާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.
މި ބައްދަލުކޮށްލެއްވުމުގައި އައިސީޖީގެ ވަފުދުގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކޮމިޝަން ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ހަދަން ޖެހޭޤަވައިދުތައް ހެދުމާ، ޕޮލިސީތައް ކަނޑައެޅާ އެފަދަ ޤަވައިދުތަކާއި ޕޮލިސީތައް އާންމުކުރުމަށް ބާރުއެޅުއްވިއެވެ.
މިގޮތަށް ޤަވައިދުތަކާއި ޕޮލިސީތައް އާންމުކުރުމަކީ ކޮމިޝަނާމެދު އާމުންގެ އިތުބާރު އިތުރުވެގެންދާނެ ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ކޮމިޝަނުގެ މެމްބަރުންވެސް ތާއިދުކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.
ކޮމިޝަންގެ ފަރާތުން މެމްބަރުން ދެއްކެވި ވާހަކަފުޅުތަކުގައި ކޮމިޝަނުން މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތަށް ކަމަށާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދޭ ކަމަށާއި، އެގޮތުން ޚިޔާލު ތަފާތުވާ މައްސަލަތަކުގައި ކޮމިޝަނުން ގޮތްކަނޑައަޅަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއެއްގޮތަށް އަގުލަބިއްޔަތައް ބަލައިގެންކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އައިސީޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ފަނޑިޔާރުންނާ ވަކީލުންގެ މުސްތަޤިއްލުކަމާބެހޭ އދ.ގެ ކުރީގެ ޙާއްސަ މުޝީރު، ޑރ.ލިއެންޑްރޯ ޑެސްޕޮއީއާއި ޑާޓޯ ޕަރަމް ކުމަރަސުވާމީއެވެ. ކޮމިޝަންގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ނާއިބުރައީސް ޑރ. އަފުރާޝީމް ޢަލީގެ އިތުރުން ކޮމިޝަންގެ 4 މެމްބަރަކު ބައިވެރިވެ ވަޑައިގެންނެވިއެވެ.