ހައިކޯޓުގެ ފަނޑިޔާރުކަމަށާއި ކޮމިޝަންގެ ސެކްރެޓްރީޖެނަރަލްގެ މަޤާމަށް އިޢުލާންކޮށްފި

14/9/2010

ހައިކޯޓަށް 4 ފަނޑިޔާރަކު ހޯދުމަށާއި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ސެކްރެޓެރީ ޖެނަރަލު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

އެގޮތުން ހައިކޯޓަށް ފަނޑިޔާރުން ހޯދުމުގައި، ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު -/11،100 ރުފިޔާ ކަނޑައަޅި، މީގެއިތުރުން ހަތަރު އެލަވަންސެއްގެ ގޮތުގައި، ލިވިން އެލަވަންސާއި ޚާއްޞަ އެލަވަންސާއި މަތީތަޢުލީމު އެލަވަންސްގެ އިތުރުން ޓްރާންސްޕޯޓް އެލަވަންސަށް ޖުމްލަ -/24850 ރުފިޔާ ކަނޑައަޅާފައިވެއެވެ.

ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޝަރުތު ތަކުގެ އިތުރުން އަޚުލާޤް ރަގަޅު މީހަކު ކަމުގައި ވުމަށާއި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމަށް ޝަރުތުކޮށްފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ 26 ސެޕްޓެމްބަރ 2010 ވަނަ ދުވަހުގެ 16:00 ގެ ކުރިންނެވެ.

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލްގެ މަޤާމަށްވެސްވަނީ  އިޢުލާން ކޮށްފައެވެ. އެގޮތުން އެމަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ގަވަނަންސްގެ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާ ނުވަތަ ޕޮލިޓިކަލް ސައެންސް ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަކާއެކު، މާސްޓަރސް ޑިގްރީއެއް އޮތުމާއި ހިންގުމުގެ ދާއިރާގައި އެގްޒެކެޓިވް ލެވަލްގެ މަޤާމެއްގައި 4 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ.

ސެކްރެޓެރީ ޖެނަރަލްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ -/20،500 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

14 ސެޕްޓެންބަރ 2010