ޝަރުޠު ހަމަވާކަމަށް ކޮމިޝަނުން ކަނޑައެޅި ފަނޑިޔާރުންގެ ތެރެއިން ހައިކޯޓާއި މާލޭކޯޓުތަކުގެ ފަނޑިޔާރުންނާއި، މިވަގުތު މާލޭގައި ތިއްބެވި މެޖިސްޓްރޭޓުން ހުވާކުރައްވައިފި

5/8/2010

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިހާރު ތިބި ފަނޑިޔާރުން އަލުން އައްޔަންކުރުމަށް ދީފައިވާ މުއްދަތު 7 އޯގަސްޓް 2010 އަށް ހަމަވާތީ، ފަނޑިޔާރުން އަލުން ޢައްޔަންކުރުމުގެ މަސައްކަތުގެ ދަށުން 27 ޖުލައި 2010 ވަނަ ދުވަހު ޝަރުޠު ހަމަވާކަމަށް ކޮމިޝަނުން ކަނޑައެޅި ފަނޑިޔާރުންގެ ތެރެއިން ހައިކޯޓާއި މާލޭކޯޓުތަކުގެ ފަނޑިޔާރުންނާއި، މިވަގުތު މާލޭގައި ތިއްބެވި މެޖިސްޓްރޭޓުން 4 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ވަނީ އެކަމުގެ ހުވާކުރައްވާފައެވެ.

މި ބޭފުޅުންނަށް ހުވައިލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. ހައިކޯޓުގެ މާލަމުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސައީދެވެ. ފަނޑިޔާރުންނަށް ފަޔްކޮޅުދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސައީދާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޖުތާޒު ފަހުމީއާއި ކޮމިޝަންގެ މެމްބަރު ޑރ. އަފުރާޝީމް ޢަލީއާއި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދެވެ.

ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތްކުރުމަށް ޤާނޫނުއަސާސީގައި ބަޔާންކުރާ ޝަރުޠުތަކާއި ކޮމިޝަނުން އެކުލަވާލައިފައިވާ މިންގަނޑުގައިވާ ޝަރުޠުތައް ހަމަވެ، އެއްވެސް ރެކޯޑެއްނެތް ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި، 160 ފަނޑިޔާރުން ދާއިމީކުރުމަށް 27 ޖުލައި 2010ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާއިން ވަނީ ފާސްކުރައްވާފައެވެ. އަދި ރެކޯޑުހުރި ބޭފުޅުންގެތެރޭގައި ހިމެނޭ 37 ފަނޑިޔާރުންނާމެދު ޢަމަލުކުރާނޭ ގޮތެއް ނިންމުމަށްޓަކައި އެބޭފުޅުންގެ ނަންފުޅުތައް ކޮމިޝަންގެ މޭޒަށް ގެނެސް މިހާރުދަނީ މަޝްވަރާކުރެވެމުންނެވެ.

4 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ހުވާކުރައްވާފައިވާ ފަނޑިޔާރުންނަކީ އެއްވެސް ރެކޯޑެއް ނެތް،  160 ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.