ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ދާއިމީ ކުރުމުގައި ޢަމަލުކޮށްފައިވާ ޤާނޫނީ ތަރަޙަ

4/8/2010

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ޚިދުމަތުގައި ތިބި ފަނޑިޔާރުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަނޑިޔާރުންނާއި ޝަރުތު ފުރިހަމަ ނުވާ  ފަނޑިޔާރުން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދެނެގަތުމަށްޓަކައި 11 މެއި 2010 ދުވަހު، ކޮމިޝަނުން ފާސްކުރި މިންގަނޑާއި އަދި އެ މިންގަނޑުގެ 4 ވަނަ މާއްދާއަށް 27 ޖުލައި 2010 ދުވަހު، ގެނެވުނު އިޞްލާޙާއެކު އެ މިންގަނޑު އެކުލަވާލުމުގައި ކޮމިޝަނުން އޭގެ މައްޗަށް ބިނާކުރި ޤާނޫނީ މައިގަނޑު އަސާސުތައް ބަޔާންކުރާ ލިޔުން

ޕީޑީއެފް ޑައުންލޯޑް

1- މި މިންގަނޑަކީ 11 މެއި 2010 ދުވަހު، މި މިންގަނޑަކީ ކޮމިޝަނުގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްވުމުގެ ކުރިން މި މިންގަނޑާއިމެދު ކޮމިޝަނުގައި ހިމެނޭ ކޮމިޝަނުގެ 10 މެންބަރުން އެ މިންގަނޑުގައިވާ ކަންކަމުގެ މައްޗަށް ބަހުޘްކޮށް ވާހަކަ ދައްކައި އެ މިންގަނޑުގައިވާ ކަންކަމުގެ މައްޗަށް އެއްވެސް ޚިލާފެއްނެތި ކޮމިޝަނުގެ ތަޅުމުގައި އެމިންގަނޑުގެ މައްޗަށް ރުހުން ލިބިފައިވާ މިންގަނޑެކެވެ.

2-  11 މެއި 2010 ދުވަހު، ކޮމިޝަނުން މިމިންގަނޑު ފާސްކުރި ދުވަހު، މިމިންގަނޑު އޮތްގޮތަށް ފާސްކުރުމަށް  ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އިޢްތިރާޟްކުރި ކޮމިޝަނުގެ މަދު މެންބަރުންވެސް ހަމައެކަނި އިޢްތިރާޟް ކޮށްފައިވަނީ މިމިންގަނޑުގެ 4 ވަނަ ނަންބަރ އޭރު އޮންނަ ގޮތަށް ފާސްކުރުމާ މެދުގައެވެ.

3- ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، މިމިންގަނޑުގެ 4 ވަނަ މާއްދާ ކުރިން އޮތްގޮތަށް ފާސްކުރުމާމެދު  އިއްތރާޟްކުރި މަދު މެންބަރުންނާއެކު 27/07/2010 ދުވަހު، ބޭއްވުނު ކޮމިޝަނުގެ ޖަލްސާއަށް  ޙާޟިރުވި  ކޮމިޝަނުގެ 9 މެންބަރުން، ހިމެނޭގޮތުން މިމިންގަނޑުގެ 4 ވަނަ މާއްދާއަށް  ގެނެވުނު  އިސްލާޙާއެކު މިމިންގަނޑަކީ، ކޮމިޝަނުގެ 10 މެންބަރުގެ ތެރެއިން  އެދުވަހު ޖަލްސާއަށް ޙާޟިރުވި 9 މެންބަރުން، މިމިންގަނޑުގައިވާ ހުރިހާ މާއްދާތަކެއްގެ މައްޗަށް މިމިންގަނޑާމެދު ކުރިން ޚިޔާލު ތަފާތުވި ދެ މެމްބަރުން ވެސް ހިމެނޭގޮތަށް ރުހި ޤަބޫލުވެފައިވާ މިންގަނޑެކެވެ.

4- ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގައި މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރުތިބި ފަނޑިޔާރުންގެ ކިބައިގައި މި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން، ނުވަތަ ނޫންކަން މި ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން ދެއަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެކަމަށް ޞަރީޙަކޮށް ކަނޑައެޅި ބަޔާންވެފައިވާއިރު، ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ)ގައި، ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާ ޙަވާލުވެ ތިބި މީހުންނާއި، އެންމެހައި ރައްޔިތުން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު،  މި ޤާނޫނުއަސާސީގައިވާ  އެންމެހައި ކަންތައްތަކަށް  ފުރިހަމަޔަށް ކިޔަމަންވެ ޢަމަލުކުރާން ވާނެ ކަމަށާއި، ޤާނޫނެއް ހެދިފައި ނެތުމަކީ މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ  އަސާސީ ހައްޤުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ ޢަމަލެއް ޙުއްދަވާނޭ ކަމެއްނޫންކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، ޤާނޫނުއަސާސީގެ އިސްވެޙަވާލާ ދެވުނު  285 ވަނަ މާއްދާގެ (ށ)ގައި: މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރުތިބި ފަނޑިޔާރުންގެ ކިބައިގައި، މި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން މިޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން  2 އަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެކަމަށް ބުނެފައިވާއިރު، މިކަން ކަނޑައަޅަންވާނީ ވަކި ޤާނޫނެއް ފާސްވެފައިއޮވެގެން ކަމަށް މިމާއްދާގައި އެއްވެސް މިންވަރަކަށް ބުނެ އެކަން ޝަރުޠުކޮށްފައި ނޫންކަން ރަނގަޅަށް އެގެންއޮތުމުން، ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިކޮމިޝަނުން ޢަމަލުކުރުމުގެ ގޮތުން ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ  މިންވަރުގެ މައްޗަށްބަލައިގެން ޤާނޫނުއަސާސީގެ 285 ވަނަ މާއްދާއަށް ފުރިހަމަޔަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީގެ ބުނެވުނު 299 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކޮމިޝަނުގެ މައްޗަށް  ޤާނޫނީ ގޮތުން ލާޒިމުވެގެންވާ ކަމެއްކަން  ސާފުކޮށް އެނގި ބަޔާންވެގެންވާކަން އެނގެއެވެ.

5- ޤާނޫނުއަސާސީގެ 149 ވަނަ  މާއްދާގެ (ހ)ގައި ޤާނޫނުގައިވާ  ގޮތުގެ މަތިން ފަނޑިޔާރުކަމުގެ  މަޤާމަށް ޢައްޔަންކުރަންވާނީ  ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު ފަނޑިޔާރެއްގެ މަސްޢޫލިއްޔަތާއި ވާޖިބު އުފުލޭފަދަ ޤާބިލު މީހުންކަމަށާއި އަދި އެބައި މީހުންނަކީ އަޚްލާޤު ރަނގަޅުބަޔަކަށް ވާންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، މިމާއްދާގެ މިއަކުރުގައި ޤާނޫނެއްގެ ވާހަކަ ދައްކާފައި އޮތްއިރު، އެއީ ކޮންނަމެއްކިޔާ ކޮން ޤާނޫނެއްކަން އެމާއްދާގެ އެއަކުރުގައި ސާފުކޮށް ބަޔާންކޮށްފައި ނުވާކަން އެނގެން އޮތުމުން އެޤާނޫނަކީ 4 ސެޕްޓެމްބަރު 2008 ވީ ބުރާސްފަތިދުވަހު، ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން  އެދުވަހުން ފެށިގެން ޢަމަލުކުރަން ފެށިފައިވާ ޤާނޫނުނަންބަރ 10/2008 (ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ކަމުގައ މާނަކުރުމަށް  ޤާނޫނީގޮތުން އެއްވެސް ހުރައެއް  އޮތްކަމެއްކަމަށް ޤާނޫނީގޮތުން  ނުބެލެވޭ ހިނދު އެޤާނޫނުގެ 21 ވަނަ މާއްދާއަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާ މާއްދާކަން އެމާއްދާއަށް ބެލުމުން ރަނގަޅަށް އެނގެން އޮންނައިރު އެމާއްދާގެ (ހ)ގައި  އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓްގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުމާއި އުއްތަމަ ފަނޑިޔާރާއި، ސްޕްރީމްކޯޓްގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލް ޖުމްހޫރިއްޔާއަށް މަޝްވަރާދިނުން” މިގޮތަށް ކަނޑައެޅި ބަޔާންވެފައިވާ ވުމުންނާއި، އަދި ހަމަ އެމާއްދާގެ (ނ)ގެ ފެށުމުގައި” ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާބެހޭ ޤަވާއިދުތައް ހެދުން” މިގޮތަށް ބަޔާންކުރުމަށްފަހު އެއަކުރު 1 ވަނަ ނަންބަރުގައި ” ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާއި ގުޅޭ އެންމެހައި ކަންކަން” އަދި ހަމައެމާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައި “ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވަޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމައްޖައްސަންޖެހޭ ކަންކަން” މިގޮތަށް ބަޔާންކުރެވިފައިވާ ވުމުން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބުނާ ޤާނޫނަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ކަމަށް ޤާނޫނީ ގޮތުން ބެލެވޭނެ ތަނަވަސް ޖާގަ އޮތްކަން އެނގެއެވެ.

6- ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ)ގައި ބުނާ ޤާނޫނަކީ، އިސްވެއިޝާރާތްކުރެވުނު ޤާނޫނު ނަންބަރ 10/2008 (ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ނޫން ކަމަށާއި އަދި އެމާއްދާގެ އެއަކުރުގައި ބުނާ ޤާނޫނަކީ އެމާއްދާގެ (ރ)ގައި ބުނާ ” ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނުކަމަށް” ޖަދަލުކުރުމުގެ ގޮތުން ބަޔަކު ބުނާނަމަ، އެބުނުމަކީ ޤާނޫނީ އަސްލެއް އެމައްޗަށްނެތް ބުނުމެއްކަން އެނގެނީ:

(ހ) ޤާނޫނުއަސާސީގެ 149 ވަނަ މާއްދާ (ހ)ގައި ” ޤާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރަންވާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް މީހުންކަމަށާއި އަދި އެބައިމީހުންނަކީ އަޚްލާޤު ރަނގަޅު ބައެއްކަމަށް ވާންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، އެމާއްދާގެ (ށ)ގެ ފެށުމުގައިވާ އިބާރާތަކީ، ” މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން ފަނޑިޔާރުންގެ ކިބައިގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.” މިފަދައިން ބަޔާންކޮށްފައިވުމުން، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ)ގައި ފަނޑިޔާރުންނާ ބެހޭގޮތުން ބަޔާންކޮށްފައިވާ ކަންތައްތަކަކީ، ފަނޑިޔާރުންގެ ކިބައިގައި ހުރުމަށް ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އާންމު  ޝަރުޠުތަކެއްކަމާއި، އެހެންކަމުން އެމާއްދާގެ އެއަކުރުގެ (ހ) ގައި ބުނާ ޤާނޫނަކީ އެމާއްދާގެ (ރ) ގައި ބުނެފައިވާ “ފަނޑިޔާރުންނާއި ބެހޭ ޤާނޫނު” ކަމަށް ޖަދަލުގެ ގޮތުން ބުނެވުނު ކަމުގައިވިޔަސް އެފަދަ ޤާނޫނެއް ވުޖޫދުގައި ނެތްނަމަވެސް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާއްމު ޝަރުޠުތައް 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވެފައި ހުރިތޯ ނުވަތަ ނެތްތޯ ބެލެވިދާނެކަމާއި، އަދި އެކަން ބޮޑަށް ކަށަވަރުވެގެންދާކަން އެމާއްދާގެ (ށ) ގައާއި (ނ) ގައި މުޅި ޖުޑީޝަރީގައި ހިމެނޭ ހުރިހާ މަރުޙަލާގެ ކޯޓްތަކުގެ ފަނޑިޔާރުންގެ ކިބައިގައި ހުންނަށްޖެހޭ ޝަރުޠުތައް ޝައްކަކަށް ވަހުމަކަށް ޖާގަނެތް މިންވަރަކަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތް އޮތުމުން އެނގޭކަން ފާހަގަކުރެވެއެވެ.

(ށ) ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށިފަހުން ޤާނޫނުއަސާސީގެ ދަށުން އިންތިޤާލީ މަރުހަލާގައި އުފެދުނު ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ޢައްޔަން ކުރުމުގައިވެސް އޭރު އުފެދިފައިއޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލާފައިވަނީ ޤާނޫނު އަސާސީގެ 149 ވަނަ މާއްދާ ގައި ބަޔާންކުރެވިފައިވާ ޝަރުޠު ތަކަކަށް ކަމަށްވެފައި އޭގެ މައްޗަށް ކޮމިޝަނުން ބުރަވެ، އޭރުގެ ރައީސުލް ޖުމްހޫރިއްޔާއަށް ކޮމިޝަނުން ފޮނުވި، ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވާ ކަމަށް ބަލާފައިވާ މީހުންގެ އެލިސްޓް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުން އެލިސްޓް ފާސްކޮށްފައި ވަނީ “ފަނޑިޔާރުންނާބެހޭ ޤާނޫނެއް” ވުޖޫދުވެފައި ނެތީސްކަން އެނގެން އޮތުމުން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ތަމްޞީލުކުރާ ރައްޔިތުންގެ މަޖިލީހުން، ރާއްޖޭގެ ކޯޓްތަކަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި “ފަނޑިޔާރުންނާއި ބެހޭ ޤާނޫނު” އެއްވުޖޫދުވެ ނެތި ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ޢައްޔަން ކުރެވޭނެ ތަނެއް ނެތްކަމަށްބުނެ އެއްވެސް އިޢްތިރާޒެއް ކޮށްފައިނުވާކަން އެނގެން އޮތުމުން “ފަނޑިޔާރުންނާއި ބެހޭ ޤާނޫނު” އެއް ނެތްނަމަވެސް ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ޝަރުތަކަށް ބަލައިގެން ރާއްޖޭގެ ކޯޓްތަކަށް ފަނޑިޔާރުން ޢައްޔަން ކުރުމަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ޟިމްނީ އެޕްރޫވަލް އެކަމަށް ލިބިފައިވާކަން އެއްވެސް އޮޅުމެއް ނެތްގޮތުގައި އެނގި ބަޔާންވެފައިވާކަން އެނގެއެވެ.

7- ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުންގެ ކިބައިގައި ރަނގަޅު އަޚުލާޤު ހުރުން ޝަރުޠު ކޮށްފައިވާއިރު އެކަން ބަލާނެ ވަކި މިންގަޑެއް ބަޔާންކޮށްފައި ނުވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅިބަޔާންވެފައި ވުމުން، ޤާނޫނުއަސާސީއަށް ޢަމަލު ކުރަންފެށިއިރު ތިބި ފަނޑިޔާރުންގެ ތެރެއިން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބުނާފަދަ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ ފަނޑިޔާރެއް ނެތްނަމަ، ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުނު އިރު ތިބި ފަނޑިޔާރުންގެ ތެރެއިން ޤާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބުނާ އަޚުލާޤު ރަނގަޅު ވުމުގެ ޝަރުޠު ފަނޑިޔާރުންގެ ކިބައިގައި ހަމަވޭތޯ ބެލުމުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތް ކުރުމަކީ، އެފަނޑިޔާރުންގެވެސް އަސާސީ ޙައްޤެއްކަމާއި އެހެނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ ހިމެނިފައިވަނީ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އަސާސީ ޙައްޤުތަކުގެ ބާބުގައި ކަމާއި މިކަންކަން މިބުނެވިދިޔަ މަގުން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓްތަކުންނާއި ޓްރައިބިއުނަލްތަކުން މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި، ހަމަހަމަ ކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާތީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެއުޞޫލުތައް ނަގަހައްޓަން ވާނެކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤުވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ، ފަނޑިޔާރުންނާބެހޭ ކަންކަން ބެލެހެއްޓުމަށްޓަކައި ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ވަރަށް މުހިއްމު މުއައްސަސާއެއް ކަމަށް ވުމުން، ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ ޝަރުޠު ހަމަވޭތޯ ނުވަތަ ނޫންތޯ ބެލުމުގައިވެސް މިކަމާގުޅޭ ބައިނަލް އަޤްވާމީ މުޢާހަދާތަކަށް ބެލުންއެއީ މި ކޮމިޝަނުގެ މައްޗަށް މާއަޢުލާކަން ބޮޑުވެގެންވާ ކަމެއްކަން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން ސާފުކޮށް އެނގެން އޮންނައިރު، ރާއްޖޭގެ ބައިވެރިވެފައިވާ “އިންޓަނޭޝަނަލް ކޮންވެނެންޓް އޮން ސިވިލް އޮން ޕޮލިޓިކަލް ރައިޓްސް (ICCRP) ގެ 14 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި:

” Everyone charged with a criminal offence shall have the right to be presumed innocent until proved guilty according to law”

މިފަދައިން ބަޔާންވެފައިވުމުން ކުށެއް ކުރިކަމުގެ ތުހުމަތު އެމީހެއްގެ މައްޗަށް އޮތް ކޮންމެ މީހަކުމެ، އެމީހެއްގެ މައްޗަށް ޤާނޫނީގޮތުން ކުށެއް ޘާބިތުވެއްޖައުމަށްދާންދެން ބަރީއަ މީހެއްކަމުގައި ބެލުމުގެ ޙައްޤު އޭނާއަށް ލިބިގެންވާ މީހެއްކަން އެނގެން އޮންނާތީއާއި، އަދި ހަމަ އެހެންމެ،

“Universal Declaration of Human Rights” ގެ 11 ވަނަ މާއްދާގައި:

“Everyone charged with a penal offence has the right to be presumed innocent until proved guilty according to law in a public trial at which he has all the guarantees necessary for his defence”

މިގޮތަށް ބަޔާންކޮށްފައި ވުމުން އެމީހަކު ދިފާޢުވުމަށްޓަކައި ލާޒިމުވާ ގެރެންޓީތައް ކަށަވަރުކޮށްދޭ، ހުޅުވާލެވިފައިވާ ޝަރީޢަތަކުން، ޤާނޫނީގޮތުން އެމީހަކު ކުށްވެރިވާކަން ޘާބިތުވެއްޖައުމަށްދާންދެން ކުށެއްގެ ތުހުމަތު ކުރެވިފައިވާ ކޮންމެ މީހަކީ ކުށެއްނެތް ބަރީއަ މީހެއްކަން އެނގެން އޮތުމުން ޤާނޫނޫއަސާސިގެ ބާރު އެބައެއްގެ މައްޗަށް ހިނގާ ހުރިހާ މީހުންނަށް އެ ޤާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ ހުރިހާ ޙައްޤުތަކެއް ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު ޚިދުމަތުގައިތިބި ހުރިހާ ފަނޑިޔާރުންނަށްވެސް ލިބިގެންވާކަން އެނގެއެވެ.  އެހެންކަމުން، އެފަނޑިޔާރުންގެ ތެރެއިން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާގޮތުގެ މަތިން ޝަރީޢަތުން އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަނޑިޔާރަކީ ކުށެއް ނެތް ބަރީއަ މީހެއް ކަމުގައި ބެލުމުގެ ޙައްޤު އެ ފަނޑިޔާރަކަށް ލިބިގެންވާކަމަށް މިބަޔާންކުރެވި ދިޔަ ޤާނޫނީ އަސާސުތަކަށް ބެލުމުން ރަނގަޅަށް އެނގެއެވެ.

8- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިންނާއި އިސްވެ މި ޙަވާލާދެވުނު (ICCRP)ގެ މުޢާހަދާގެ 14 ވަނަ މާއްދާގެ 2 ވަނަ ނަންބަރުންނާއި “ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” ގެ 11 ވަނަ މާއްދާގެ 1 ވަނަ ނަންބަރުން އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ކަށަވަރު ވެފައިވުމާއެކުވެސް 11 މެއި 2010 ގައި ކޮމިޝަނުން ފާސްކޮށްފައިވާ މިންގަނޑުގެ 4 ވަނަ މާއްދާއަށް 27 ޖުލައި 2010 ގައި ގެނެވުނު އިޞްލާޙާއެކު އެމާއްދާގެ ޢިބާރާތުގައި ބުނަނީ: “ޤާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ މާއްދާގައި ބުނާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އަޚްލާޤީގޮތުން އެމީހަކު ޝަރުޠު ފުރިހަމަ ނުވާކަމަށް ބެލުމާއި މިނޫން ޖިނާއީކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ ފަނޑިޔާރުންގެ މައްސަލަތަކާއި، ޤާނޫނީގޮތުން ބާރުލިބިގެން އުފައްދާފައިވާ މުއައްސަސާއަކުން ޖިނާއީ ތުހުމަތަކާ ގުޅިގެން ފަނޑިޔާރެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައިވާ މައްސަލައެއްވާނަމަ، އެމައްސަލައަކަށް ކޮމިޝަނުން ރިޢާޔަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުން” މިފަދައިން ކަމަށްވާއިރު މި މާއްދާއަށް ގެނެވުނު މި އިޞްލާޙާއެކު މުޅި މި މިންގަނޑަކީ، އެމައްޗަށް ކޮމިޝަނުގެ 10 މެމްބަރުންގެ ތެރެއިން 27 ޖުލައި 2010 ގައި ބޭއްވުނު ކޮމިޝަނުގެ ޖަލްސާއަށް ޙާޟިރުވި 9 މެމްބަރުން އެމައްޗަށް އެއްބަސްވެފައިވާ މިންގަނޑެކެވެ.  އެކަން އެދުވަހުގެ އެ ޖަލްސާގެ ޔައުމިއްޔާއިންނާއި އެދުވަހުގެ އެޖަލްސާ ހިނގައިދިޔަގޮތުގެ ރިކޯޑްތަކުން އެނގެން އެބައޮތެވެ.  އަދި 27 ޖުލައި 2010 ގައި ބޭއްވުނު ކޮމިޝަނުގެ ޖަލްސާއަށް ޙާޟިރުވެ މިމިންގަނޑު މިހާރު އޮތްގޮތާމެދު ރުހި ޤަބޫލުވެ ވޯޓްދިން މެމްބަރުންގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޢައްޔަންކޮށްފައިވާ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ އާއި މި ކޮމިޝަނަށް ޢާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު އަޢްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނުވެސް ހިމެނިވަޑައިގެންފައިވާކަން ފާހަގަކުރަމެވެ. އެހެންކަމުން މި މިންގަނޑުގައި ހިމެނޭ އަޚްލާޤީ ބައި ބެލުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލުމަށް މި މނަގަނޑުގައި ކުރިން ބެލެވިފައިވާ މިންވަރަށްވުރެ އިތުރަށް އެކަންކަން ބެލުމުގެ ޖާގަ ތަނަވެސްވައިވާ މުޅި ކޮމިޝަންގެ 9 މެމްބަރުން އެ މައްޗަށް އިއްތިފާޤުވެފައިވާ، ޤާނޫނުއަސާސީގެ ރޫޙާއި އެއްގޮތަށް ކަނޑައެޅިފައިވާ އުސޫލުތަކެއްކަން ފާހަގަކުރަމެވެ.

9- ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމު ލިބިފައިވުން ޝަރުޠުކޮށްފައި ވީނަމަވެސް އެމާއްދާގައި ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި ތަޢުލީމީގޮތުން ވަކި ފެންވަރެއްގެ ފާހެއް ލިބިފައިވާންވާނެކަމަށް ބަޔާންކޮށްފައި ނުވުމުން 27 ޖުލައި 2010 ދުވަހު، ކޮމިޝަނުގެ ޖަލްސާއަށް ޙާޟިރުވި 9 މެމްބަރުންގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޢައްޔަންކޮށްފައިވާ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ އާއި މި ކޮމިޝަނަށް ޢާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު އަޢްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނުވެސް ހިމެނިފައިވާއިރު އެދުވަހު، ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިއިރު ތިބި ފަނޑިޔާރުން އަލުން ޢައްޔަންކުރުމަށް ކޮމިޝަނުން 11 މެއި 2010 ގައި އަޣްލަބިއްޔަތުން ފާސްކޮށްފައިވާ މިންގަނޑުގެ 4 ވަނަ މާއްދާއަށް 27 ޖުލައި 2010 ދުވަހު، ގެނެވުނު އިޞްލާޙާއެކު 27 ޖުލައި 2010 ދުވަހުން ފެށިގެން އެމިންގަނޑަކީ، 27 ޖުލައި 2010  ދުވަހު ކޮމިޝަނުގެ ޖަލްސާއަށް ޙާޟިރުވި ކޮމިޝަނުގެ 9 މެމްބަރުން އެމައްޗަށް އެއްބަސްވެ ރުހި ޤަބޫލުވެފައިވާ މިންގަޑަކަށްވުމުން، އެމިންގަނޑުގެ 1 ވަނަ ނަންބަރުގައި ތަޢުލީމު ލިބިފައިވާކަމަށް ބަލާނެ މިންގަނަޑުތަކުގެ ގޮތުގައި ބަޔާންކުރެވިފައިވާ ކަންކަމަކީވެސް ކޮމިޝަނުގެ 10 މެމްބަރުންގެ ތެރެއިން އެދުވަހުގެ ޖަލްސާއަށް ޙާޟިރުވި 9 މެމްބަރުން އެމައްޗަށް އެއްބަސްވެފައިވާ، އަދި އެއާމެދު އެ 9 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކަށް ޖަދަލުކުރެވޭނެ ކަންކަމެއް ނޫންކަން ރަނގަޅަށް އެނގެއެވެ.  އަދި ޚާއްސަކޮށް މި މިންގަނޑުގައި ތަޢްލީމީގޮތުން ފުރިހަމަވާންޖެހޭނެ ކަންކަމަކީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޢައްޔަންކޮށްފައިވާ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ހުށަހަޅާފައިވާ ކަންތައްތަކެއްކަންވެސް ފާހަގަކުރަމެވެ. މި މިންގަނޑުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަޢުލީމު ލިބިފައިވާކަމަށް ބަލާނެ މިންގަޑާމެދު ބައެއް ފަރާތްތަކުން އިޢުތިރާޒުކޮށް ވާހަކަ ދެއްކި ކަމަށްވިޔަސް މިމިންގަނޑުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަ އެއްވެސް މިންގަނޑަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އާ ޚިލާފު މިންގަނޑެއްކަމަށް އެއްވެސް ހަމައަކުން ބެލެވޭނެ ޖާގައެއް އޮތް މިންގަނޑެއް ކަމުގައި ނުބެލެވޭހިނދު ރާއްޖެތެރޭގެ ކޯޓުތަކުގައިތިބި ފަނޑިޔާރުންގެ ތެރެއިން ގިނައީ، ޑިގްރީ، ނުވަތަ ޑިޕްލޮމާ ޙާޞިލުކޮށްފައިވާ  ފަނޑިޔާރުންކަމަށް ނުވާތީ، ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ދާއިމީ ކުރާއިރު، ތަޢުލީމުގެ ބައިން ޝަރުޠު ފުރިހަމަވާކަމަށް ބަލާނީ ޑިގްރީ ނުވަތަ ޑިޕްލޮމާ ޙާޞިލުކޮށްފައިވާ ފަނޑިޔާރުންކަމަށް ކޮމިޝަނުން ކުއްލިއަކަށް ނިންމައިފިނަމަ، ރާއްޖެތެރޭގެ ހުރިހާ ކޯޓްތަކެއްހެން ހުއްޓި، އެކޯޓްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޢަދުލުއިންސާފުގެ ޚިދުމަތް މުޅިން ހުއްޓިދާނެ ކަމުގެ ބިރު އެބައޮތްކަން ފާހަގަކުރަމެވެ. މިހެން މިކަން ދިމާވެއްޖެނަމަ ޤާނޫނު އަސާސީގެ  42 ވަނަ މާއްދާ ގެ (ހ) ގައި ބުނާ ޢަދުލު އިންސާފު ލިބުމުގެ އަސާސީ ޙައްޤުން ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މަޙްރޫމްވެގެން ދާނެކަން ކަށަވަރެވެ.

10- ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއްނޫންކަމަށާއި، ނަމަވެސް ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން އެމީހަކު މަޤާމުން މުސްކުޅި ކުރެވޭނެ ކަމަށް ބަޔާން ކުރުމަށްފަހު، އެމާއްދާގެ (ރ) ގައި މިމާއްދާގެ (ނ) އެހެން އޮތުމަކުން ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ފަނަރަ އަހަރުވާންދެން ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު ޢައްޔަން ކުރުމަކަށް ހުރަހެއްނާޅާކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން މި މާއްދާގެ މި ދެއަކުރު ތަރުތީބުވެގެން އައިސްފައިވާ ގޮތުގެ މައްޗަށް ވިސްނާ ބެލުމުން މި މާއްދާގެ (ރ) ގެ ދަށުން ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާރީޚުން ފެށިގެން 15 އަހަރުވާންދެން 5 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ފަނޑިޔާރަކު ޢައްޔަންކުރާނަމަ ޢައްޔަން ކުރަންޖެހޭނީ އެނޫން އެހެން އެއްވެސް ގޮތެއްނެތިގެން ކޮންމެހެން އެކަން ނުކޮށް ފަރުޖެހޭނެ އެހެން ގޮތެއް ނެތް، ޟަރޫރީ ޙާލަތެއް މެދުވެރިވެގެންކަން މިމާއްދާގެ މި ދެއަކުރު އެތުރިގެން އައިސްފައިވާ ގޮތުގެ މައްޗަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން، މިމާއްދާއަކީ، ޤާނޫނުއަސާސީގެ 285 ވަނަ މާއްދާއާ އެއްވެސް ގުޅުމެއް ނެތްގޮތުގައި އައިސްފައިވާ މާއްދާއަކަށް ވުމުންނާއި އަދި 285 ވަނަ މާއްދާގެ އެއްވެސް ތަނެއްގައި 148 ވަނަ މާއްދާއަށް ޙަވާލާދީފައި ނުވާކަން ކަނޑައެޅިގެން އެނގެން އޮންނައިރު ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ “މިމާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ބަލާ ބެލުމުގައި ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހެއްގެ ކިބައިގައި މިޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ކަނޑައަޅައިފިނަމަ، އެމީހަކު މިޤާނޫނުއަސާސީގެ ދަށުން ފަނޑިޔާރު ކަމަށް ޢައްޔަންކުރަންވާނެއެވެ.”  މިފަދައިން ކަމަށްވުމުން 285 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޤާނޫނުއަސާސިއަށް ޢަމަލުކުރަން ފެށުނުއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވޭތޯ ނުވަތަ ނުވޭތޯ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލާބުލުމުން ޤާނޫނުއަސާސީ އަށް ޢަމަލު ކުރަން ފެށުނުއިރު ތިބި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެއްގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ކޮމިޝަނުން ކަނޑައަޅައިފިނަމަ، ކޮމިޝަނުން އެމީހަކު ފަނޑިޔާރުކަމަށް ޢައްޔަންކުރަންވާނީ 285 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި މުއްދަތެއް ކަނޑައެޅުމަކާ ނުލައިކަން 285 ވަނަ މާއްދާގެ (ރ) ގެ ޞަރީޙަ ނައްޞުން އެނގެއެވެ.  އަދި ހަމަ އެހެންމެ، 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު ޢައްޔަން ކުރާއިރު ވަކި މުއްދަތެއް ކަނޑައަޅައި ޢައްޔަންކުރުމަކީ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ރ) ގެ ޞަރީޙަ ނައްސުގައި ކަނޑައެޅި ބަޔާންވެފައިވާގޮތާ މުޅިން ޚިލާފަށް ކުރެވޭކަމެއްކަމުގައި ނޫނީ ނުވާނެކަންވެސް އެމާއްދާގެ (ރ) އަށް ބެލުމުން ސަލާމަތްބުއްދި ހުރި ކޮންމެ މީހަކަށްމެ ރަނގަޅަށް އެނގެން އޮންނަ ޙަޤީޤަތެއްކަން ސާފުކޮށް އެނގެއެވެ.

11. ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކުމެ އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ އެމަސައްކަތެއް ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު މި މާއްދާ ހިމެނިފައިވަނީ ޤާނޫނު އަސާސީގެ “އަސާސީ ޙައްޤުތަކާ މިނިވަންކަމުގެ ބާބު” ގައި ކަމަށްވާއިރު، ޤާނޫނު އަސާސީގެ 270 ވަނަ މާއްދާގައި “މިޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނު އަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން ޤާނޫނެއް އުވިގެންދިޔަކަމުގައި ވިޔަސް މިޤާނޫނުއަސާސީގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެކުރިން އެޤާނޫނުގެ ދަށުން ލިބިފައިވާ ޙައްޤެއް ބާޠިލެއް ނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކާއި ތަޢާރުޟުނުވާގޮތަށް ކޮމިޝަނުން އެކުލަވާލާފައިވާ މި ބުނެވުނު މިންގަނޑަށް ފެތޭ ހުރިހާ ފަނޑިޔާރުން އެމީހުންގެ އެމަޤާމުތަކުގައި ދެމިތިބެވުމަކީ އެމީހުންނަށް ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އިންނާއި 270 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަންވެސް އެނގެއެވެ.

12. ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ (ރ) ގައި “މި މާއްދާގެ (ށ) ގައިވާގޮތުގެ މަތިން ބަލާބެލުމުގައި ފަނޑިޔާރެއްގެ މަޤާމުގައިހުރި މީހެއްގެ ކިބައިގައި މިޤާނޫނު އަސާސީގެ  149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ކަނޑައަޅައިފިނަމަ، އެމީހަކު މިޤާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމަށް ޢައްޔަންކުރަންވާނެއެވެ.”  މިގޮތަށް ބަޔާންވެފައިވުމުން ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުނުއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ ޝަރުޠު ހަމަވޭތޯ ބަލާބެލުމުގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ޝަރުޠުތައް ނޫން އެހެން ޝަރުޠުތަކަކަށް ބަލަންޖެހޭކަމުގެ އެއްވެސް ތަޞައްވުރެއް ނެތްކަން 285 ވަނަ މާއްދާގެ (ރ) އަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން 285 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ ޝަރުޠު ހަމަވޭތޯ ކޮމިޝަނުން ބަލާ ބެލުމުގައި ފަނޑިޔާރުންނާބެހޭ ޤާނޫނެއް ނުވަތަ އެނޫން ޤާނޫނެއް ނަމަވެސް ވުޖޫދުވެއްޖެތޯ ނުވަތަ ނޫންތޯ ބެލުމުގެ އެއްވެސް ޖާގައެއް ދީފައިނުވާކަން 285 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ “މިޤާނޫނު އަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ކަނޑައަޅައިފިނަމަ” މި ޢިބާރާތުންވެސް ރަނގަޅަށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.

13. އިސްވެ މިބަޔާންކުރެވުނު ޤާނޫނީ އަސާސުތަކުގެ މައްޗަށް ރަނގަޅަށް ވިސްނައި ބެލުމުން ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ ދަށުން، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު ތިބި ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ކޮމިޝަނުން މިހާރު ފާސްކޮށްފައިވާ މިންގަނޑަކީ، ޤާނޫނުއަސާސީއާ އެއްވެސް ގޮތަކަށް ޚިލާފުވާގޮތަށް އެކުލަވާލާފައިވާ މިންގަނޑެއްކަމަށް ބުނުމުގެ އެއްވެސް މިންވަރެއްގެ ޖާގައެއް އޮތް މިންގަނޑެއް ނޫންކަމާއި، އަދި މި މިންގަނޑަކީ ޤާނޫނުއަސާސީގައި މިކަމާ ގުޅޭގޮތުން ބަޔާންވެފައިވާ ހުރިހާ މާއްދާތަކަށާއި ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ކަނޑައެޅި ބަޔާންވެފައިވާ އިންސާނީ ޙައްޤުތަކާއި އިސްލާމީ ޝަރީޢަތުގެ މަތިވެރި ހަމަތަކުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތް ކުރުމަށްފަހު އެކުލަވާލެވިފައިވާ މިންގަނޑެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޤަބޫލުކުރަމެވެ.