ނޫސްބަޔާން

3/8/2010

ނޫސް ބަޔާން

07 އޮގަސްޓް 2008 ގައި ހިންގަންފެށި ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު ފަނޑިޔާރު ކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ބަލާނެ މިންގަނޑެއް ނުވަތަ އުސޫލެއް މިހާރުވަނީ މިކޮމިޝަނުން ފާސްކޮށްފައެވެ.

ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަންކުރަންވާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާ ތަޖުރިބާ ލިބިފައިވުމާއެކު ފަނޑިޔާރުކަމުގެ ވާޖިބާ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް މީހުންކަމަށާއި އަދި އެބައިމީހުންނަކީ އަޚްލާޤު ރަގަޅު ބަޔަކަށް ވާންވާނެ ކަމަށް ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު މިސިފަތައް ކަނޑައަޅާފައިވަނީ ވަރަށް ޢާއްމު އިސްތިލާޙަކުން ކަމަށްވާތީ ޤާނޫނު އަސާސީގެ 149ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު ފަނޑިޔާރު ކަމުގައި ތިބި މީހުންގެ ތަޢުލީމާ، ތަޖުރިބާއާ، ޤާބިލްކަމާއި އަޚްލާޤު ބެލުމަށް މިކޮމިޝަނުން ފާސްކޮށްފައިވާ މިންގަނޑަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާއަށް ފެތޭގޮތަށް އެމާއްދާގެ އިމުން ބޭރުނުވެ، މިކޮމިޝަނުން ފާސްކޮށްފައިވާ ވަރަށް އިންސާފުވެރި ނިންމުމެއް ކަމަށް ދެކެމެވެ.

ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ފަނޑިޔާރު ކަމުގައި ތިބި މީހުން އަލުން ޢައްޔަންކުރާއިރު އަޚްލާޤީ ބައިން ޝަރުޠު ހަމަނުވާ ކަމަށް ބަލާނެ މިންގަނޑެއް ކަމަށް ބުނެފައިވަނީ “ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބުނާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ އަޚްލާޤީ ބައިން އެމީހަކު ޝަރުޠުހަމަނުވާ ކަމަށް ބެލުމަށާއި މިނޫން ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ އެމައްސަލައަކަށް ކޮމިޝަނުން ރިޢާޔަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުން ކަމަށެވެ.

ތަޢުލީމީ ބައިން ޝަރުޠު ހަމަވާ ކަމަށް ބަލަން ކަނޑައެޅި މިންގަނޑަކީ ޝަރިޢާތް ނުވަތަ ޤާނޫނީ ރޮނގުން ތަޢުލީމު ޙާޞިލުކޮށް، ދަށްވެގެން 3 (ތިނެއް) ވަނަ ދަރަޖައިގައި އެކްރެޑިޓް ކުރާ ފާހެއް ލިބިފައިވުމެވެ. މިންގަނޑާމެދު ކޮމިޝަނުގައި ބަހުސްކުރެވުނު އިރު ކޮމިޝަނުގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވީ ހަމައެކަނި އަޚްލާޤީ ބައިން ޝަރުޠު ފުރިހަމަވާކަމަށް ބަލާނެ މިންގަނޑާމެދުއެވެ.

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ އެމާއްދާގެ (ރ) ގައި ބުނެފައިވަނީ އެމާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިން ބަލާބެލުމުގައި (ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިއިރު) ފަނޑިޔާރުކަމުގެ މަޤާމުގައިހުރި މީހެއްގެ ކިބައިގައި މިޤާނޫނު އަސާސީގެ 149ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް (ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް) ފެނިއްޖެނަމަ އެމީހަކު މިޤާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރަން ވާނެކަމަށެވެ.

މިކޮމިޝަނުން ދެކޭ ގޮތުގައި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިއިރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިބިމީހުން ޤާނޫނުއަސާސީގެ 149ވަނަ މާއްދާއަށް ފެތޭތޯ ބަލައި ޝަރުޠު ހަމަވާކަމަށް މިކޮމިޝަނަށް ފެނިއްޖެނަމަ ޤާނޫނު އަސާސީގެ 285ވަނަ މާއްދާގެ (ރ)ގެ ދަށުން އެމީހަކު ފަނޑިޔާރުކަމުގައި ބަހައްޓަން ނިންމާ ނިންމުމަކީ ފަނޑިޔާރުކަމަށް އަލަށް މީހުން ލުމަށް ނުވަތަ އަލަށް މީހުން ޢައްޔަން ކުރުމާ ވަރަށް ތަފާތު އިސްތިސްނާ ޙާލަތެކެވެ.

ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިއިރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނު އަސާސީގެ 149ވަނަ މާއްދާގެ (ހ)ގައިވާ ޝަރުޠުތައް ހަމަވޭތޯ ބެލުމުގައި މިދެންނެވުނު ޤާނޫނީ ހަމަތަކަށް ކޮމިޝަނުން ރިޢާޔަތްކޮށް ކޮމިޝަނުން ނިންމާފައިވާ މިނިންމުމަކީ ކިތަންމެ އިންސާފުވެރި ނިންމުމެއްކަމަށް ވީނަމަވެސް ކޮމިޝަނުގެ މިނިންމުމަށްވެސް ފާޑުކިޔާ ފަރާތްތައް ތިބުމަކީ އެކަށީގެންވާ ކަމެއްކަމުގައި މިކޮމިޝަނުންވެސް ޤަބޫލު ކުރަމެވެ.

ނަމަވެސް ކޮމިޝަނުގެ މިނިންމުމާ ގުޅިގެން ޝަރުޢީ ދާއިރާގެ ހުރުމަތް ކަނޑައި ފަނޑިޔާރުންގެ ޢިއްޒަތާއި ކަރާމާތް ނަގާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާތީ މިކޮމިޝަނުން އެކަން ވަރަށްބޮޑަށް ކުށްވެރި ކުރަމެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމަށް ބުރޫއަރައި މުޖްތަމަޢުއަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ މިކޮމިޝަނުން އެކަމާމެދު ވަރަށް ކަންބޮޑުވެއެވެ.

ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިއިރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނު އަސާސީގެ 149ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ހުރިތޯބަލައި ޝަތުޠުތައްހަމަވާ މީހުން ފަނޑިޔާރުކަމަށް އަލުން ޢައްޔަން ކުރުމަށް ޤާނޫނު އަސާސީގެ 285ވަނަ މާއްދާގައި ދީފައިވާ މުޙްލަތަކީ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފަށާތާ ގިނަވެގެން 2(ދޭއް) އަހަރު ދުވަސްކަމަށް ވީނަމަވެސް ދުސްތޫރީ އެކިއެކި ސަބަބުތަކާހުރެ މިކޮމިޝަން އުފެދުނީ 26 ޖުލައި 2009ގައެވެ.

މިކޮމިޝަނަކީ ފުލްޓައިމްކޮށް މަސައްކަތްކުރަންވާގޮތަށް މެންބަރުން ތިއްބެވި ކޮމިޝަނެއް ކަމުގައި ނުވި ނަމަވެސް މިކޮމިޝަން އުފެދުނު ފަހުން މިވޭތުވެދިޔަ 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިކޮމިޝަނުން ވަނީ ކުރެވިފައެވެ. މިގޮތުން ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިއިރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބާގައި ޤާނޫނު އަސާސީގެ 149ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ހަމަވޭތޯ ބަލައި އެޝަރުޠުތައް ހަމަވާ މީހުން އަލުން ޢައްޔަން ކުރުމުގެ މަސައްކަތް 07 އޯގަސްޓް 2010ގެ ކުރިން ނިންމުމަށްޓަކައި ކުރަންޖެހޭ ޒިންމާދާރު މަސައްކަތް ވަރަށް އިޚްލާސްތެރިކަމާ، ތެދުވެރިކަމާއެކު ޤާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތިން މިކޮމިޝަނުން ކުރަމުން ގެންދާ ވާހަކަ ދެންނެވީމެވެ.

26 މެއި 2010

މުޖުތާޒް ފަހުމީ

(ކޮމިޝަނުގެ ރައީސް)