ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ފަނޑިޔާރުން އަލުން އައްޔަނުކުރުމަށް ބަލަންޖެހޭ ކަންތައްތައް ކޮމިޝަނުން ބަލަމުން އެބަގެންދަވާ

27/7/2010

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން ޤާނޫނުއަސާސީއަށް ޢަމަލްކުރަން ފަށާއިރު ތިބި އެންމެހާ ފަނޑިޔާރުންގެ ކިބައިގައި ފަނޑިޔާރުކަމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، އެފަދަ ފަނޑިޔާރުން އަލަށް އައްޔަނުކުރުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތެކެވެ. އެގޮތުން އެކަން ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި، (7 އޯގަސްޓް 2010 ނިޔަލަށް ) ނިންމަން ޖެހެއެވެ.

އެހެންކަމުން ކޮމިޝަނުން މިހާރު ގެންދަނީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި  ބުނެފައިވާގޮތުގެ މަތިން ފަނޑިޔާރުން އަލުން އައްޔަނުކުރުމަށްޓަކައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަސައްކަތްކުރަމުންނެވެ. އެގޮތުން 11 މެއި 2010 ގައި ކޮމިޝަނުން ފާސްކުރެވިފައިވާ މިންގަނޑުގެ 4 ވަނަ މާއްދާއަށް މިއަދު އިސްލާހު ހުށަހެޅި،ފާސްވެފައެވެ. މި މިންގަނޑާއެއްގޮތައް މިހާރު ފަނޑިޔާރުކަމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން 160 ފަނޑިޔާރުން ޤާނޫނުއަސާސިއާއި ކޮމިޝަނުން ކަނޑައެޅި މިންގަނޑުގައި ބަޔާންކުރާ ޝަތުރުތައް ފުރިހަމަވާ ވޭތޯބަލައި އަލުން އައްޔަނުކުރުމަށްޓަކައި، ޝަރުތު ހަމަވާކަމަށް މިއަދު ނިންމަވާފައެވެ. ދެންތިއްބެވި 37 ފަނޑިޔާރުންގެ މަޢުލޫމާތު ސާފުކޮށް، އަވަސްފުރުސަތެއްގެ ތެރޭގައި އެބޭފުޅުންނާއި މެދުވެސް ކޮމިޝަނުން ގޮތެއް ނިންމަވާނެއެވެ.

ފަނޑިޔާރުން އަލުންއައްޔަނުކުރުމަށް ކަނޑައެޅި މިންގަނޑުގެ 4 ވަނަ މައްދާއަށް ގެނެވިފައިވާ އިސްލާހާއެކު މިހާރު އެމާއްދާ ފާސްވެފައިވަނީ ވާގޮތައް ތިރީގައި މިވަނީއެވެ.

” ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ މާއްދާގައި ބުނާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ އަޚުލާޤީ ބައިން އެމީހަކު ޝަރުޠު ފުރިހަމަ ނުވާކަމަށް ބެލުމާއި މިނޫން ޖިނާއީކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ    ފަނޑިޔާރުންގެ މައްސަލަތަކާއި ޤާނޫނީ ގޮތުން ބާރުލިބިގެން އުފައްދާފައިވާ މުއައްސަސާއަކުން ޖިނާއީ ތުހުމަތަކާ ގުޅިގެން ފަނޑިޔާރެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައިވާ މައްސަލައެއްވާނަމަ އެމައްސަލައަކަށް ކޮމިޝަނުން ރިޢާޔަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުން.”

27 ޖުލައި 2010