މާލެއާ އަތޮޅުތެރޭގެ 14 ކޯޓަށް 21 ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފި

15/6/2010

މާލޭގެ 4 ކޯޓަކަށް 11 ފަނޑިޔާރަކާ، އަތޮޅުތެރޭގެ 10 ކޯޓަކަށް 10 ފަނޑިޔާރަކާއެކު، ޖުމްލަ 21 ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

އެގޮތުން ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފައިވަނީ މާލޭގެ ކޯޓުތަކުގެ ތެރެއިން  ޢާއިލާބެހޭކޯޓަށް 2 ފަނޑިޔާރަކު، މަދަނީކޯޓަށް 4 ފަނޑިޔާރުން، ޖިނާއީ ކޯޓަށް 4 ފަނޑިޔާރުން އަދި ކުޑަކުދިންނާ ބެހޭކޯޓަށް އެއްފަނޑިޔާރަށެވެ.

މީގެއިތުރުން ރަށުކޯޓުތަކުގެ ތެރެއިން ރ. އުނގުފާރު ކޯޓާއި ޅ.ނައިފަރު ކޯޓާއި އދ. މަހިބަދޫ ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދުމަށާއި، ހދ. ވައިކަރުދޫ ކޯޓާއި ހދ. ނޮޅިވަރަމް ކޯޓާއި ނ.މިދަލޫ ކޯޓާއި ޅ.ހިންނަވަރު ކޯޓާއި އދ. މާމިގިލި ކޯޓާއި ތ. މަޑިފުށި ކޯޓުގެ އިތުރުން ލ.އިސްދޫ ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ.

މާލޭގެ ކޯޓުތަކަށް މަޤާމު އިތުރުކޮށް ފަނޑިޔާރުން ހޯދުމަށާއި، ރަށުކޯޓުތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލައި، ފަނޑިޔާރުން ނެތް 40 ކޯޓުގެ ތެރެއިން 30 މައްސަލައަށްވުރެ ގިނައިން ހުށަހެޅޭ 10 ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ނިންމެވީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، މައްސަލަތައް ނުނިމި ލަސްވަމުންދާތީއެވެ.

ފާއިތުވި 5 އަހަރުދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު،  މާލޭގެ ކޯޓުތަކަށް އަހަރުން އަހަރަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، އެވްރެޖްގޮތެއްގައި ފަނޑިޔާރަކަށް ދުވާލަކަށް ބަލަންޖެހޭ މައްސަލައިގެ އަދަދަކީ، ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ފަނޑިޔާރުންގެ ނިންމުންތައް ހަރުދަނާކޮށް ނިންމުގައި އެކަށީގެންވާ މިންވަރެއް ނޫނެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަސްދީގުކުރުމާއެކު މާލޭކޯޓުތަކާއި، ރަށުކޯޓުތަކަށްވެސް ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން ބަލާއިރު މަދަނީ ކޯޓަށް ހުށެޅޭ މައްސަލަތައްވަނީ 45 އިންސައްތަ، ޖިނާއީ ކޯޓަށް ހުށަޅޭ މައްސަލަތައް ވަނީ 43 އިންސައްތަ، އަދި ކުޑަކުދިންނާ ބެހޭ ކޯޓަށް ހުށަހެޅޭ މައްސަލަތައްވަނީ 89 އިންސައްތަ އިތުރުވެގެން ގޮސްފައެވެ.

2009 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖިނާއީ ކޯޓުގައި މަސައްކަތްކުރައްވަނީ 7 ފަނޑިޔާރުންނެވެ. މުއްދަތު އިތުރުކުރުމަށް އެކަނިވެސް އެކޯޓަށް 2009 ވަނަ އަހަރުވަނީ 9000 ހާހަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައެވެ.

މިނަތީޖާތަކަށް ބަލައި ކޮމިޝަނުން ދިރާސާކުރުމަށްފަހު، މިވަގުތަށް މާލޭގެ ކޯޓުތަކާއި ރަށުކޯޓުތަކަށް ފަނޑިޔާރުން އިތުރުކުރުމަށް ބޭނުންވި ނަމަވެސް ކޯޓުތަކުގެ ޖާގައިގެ ދަތިކަމާ، އެކު ކޮމިޝަނުން އެންމެ ބޭނުންވާ މިންވަރަށް ފަނޑިޔާރުން އައްޔަނުކުރެވެން ނެތެވެ. އެހެންކަމުން މިވަގުތައް ޖާގައާއި ބަޖެޓަށްބަލައި، މާލެއާއި ރަށުކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކޮށް، ކޯޓުތަކަށް ހުށަހެޅޭ  މައްސަލަތައް ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކޮށްދިނުމަށް ކޮމިޝަނުން 21 ފަނޑިޔާރުންގެ މަޤާމަށް އިޢުލާންކުރަން ނިންމެވިއެވެ.

މި މަޢުލޫމާތާއި ފަނޑިޔާރުން އައްޔަނުކުރުމުގެ ޤަވާއިދާއި  ފޯމް ސެޓް ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ފަނޑިޔާރުކަމުގެ ވަޒިފާއަށް އެދި ހުށަހަޅާ ފޯމުކޮމިޝަންގެ ކައުންޓަރުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ފޯމްސެޓް