ފަނޑިޔާރުކަމަށް އަލަށް ޢައްޔަންކުރެއްވި ފަސްބޭފަޅަކަށް ފަނޑިޔާރުކަމުގެ ފަތްކޮޅުއަރުއްވައިފި

30/5/2010

ޝަރުޢީދާއިރާގެ ސްޕޮންސަރގައި ޤާނޫނީ ދާއިރާއިން  ކިޔަވާ ވިދާޅުވި ބޭފުޅުންގެ ތެރެއިން ފަސްބޭފުޅަކު ފަނޑިޔާރުކަމަށް ޢަައްޔަންކުރައްވައި، އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅުއަރުއްވައިފިއެވެ.

މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިބޭފުޅުންނަށް ފަތްކޮޅުއެރުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޖުތާޒު ފަހުމީއެވެ.

މި ރަސްމިއްޔާތުގައި ފަތްކޮޅުދެއްވުމަށްފަހު ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާއިރު ޢަދުލްވެރިކަމާ އިޚުލާޞްތެރިކަމާ، މިނިވަންކަމާ މުސްތަޤިއްލުކަމާއެކު މަސައްކަތްކުރެއްވުމަށް އެދިވަޑައިގަތެވެ.

ހަމައެއާއެކު މިއީ ވަރަށް ހުޅުވިފައިވާ ޒަމާނެއްކަމަށާއި، އެހެންކަމުން މަސައްކަތްކުރެއްވުމުގައި ޤާނޫނުއަސާސީގެ ހިޔަލުގައި، ކޮންމެ ފަނޑިޔާރަކީވެސް މިނިވަން ބޭފުޅެއްކަން ދެނެތިއްބަވައިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަތެވެ. އަދި ސިޔާސީ ގޮތުން ކުރިމަތިވާ ގޮންޖެހުން، ކެތްތެރިކަމާއެކު ޙައްލުކުރައްވާ އަދުލުވެރިކަން އިސްކުރެއްވުމަށް އެބޭފުޅުންގެ އަރިހުން އެދިވަޑައިގަތެެވެ.

30 މެއި 2010