މަދަނީ ކޯޓުގެ ޤާޟީ މުޙައްމަދު ނަޢީމުގެ މައްޗަށް ހުށެހެޅިފައިވާ މައްސަލައިގެ ތަޙުޤީގުގެ އަޑުއެހުން ކުރީގެ ހައިކޯޓްހިންގި އިމާރާތުގައި ބާއްވާގޮތައް ހަމަޖައްސަވައިފި

2/5/2010

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލައިގެން ބާއްވާ ފުރަތަމަ ތަޙުޤީގު، މަދަނީ ކޯޓުގެ ޤާޟީ މުޙައްމަދު ނަޢީމުގެ ތަޙުޤީގުގެ އަޑުއެހުން، ކުރީގެ ހައިކޯޓްހިންގި އިމާރާތުގެ ޝަރީޢަތްކުރާ މާލަމްގައި ބާއްވާގޮތައް ހަމަޖައްސަވައިފިއެވެ.

ޤާޟީ މުޙައްމަދު ނަޢީމުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ 4 މެއި 2010ވާ  އަންގާރަ ދުވަހުގެ ރޭ 21:00 ގައިއެވެ.

މި ތަޙުޤީގު އަޑުއެހުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ޢަމަލުކުރެއްވުމަށް މިހާރު ކަނޑައެޅިފައިވާ އުސޫލަކީ، އަޑުއެހުން އޮންނަ ދުވަހުގެ ހެނދުނު 9:00 ން 15:00 އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ނަންނޯޓްކުރެއްވުމަށްފަހު، އެރޭ 8:45 އަށް ކުރީގެ ހައިކޯޓް ހިންގި އިމާރާތަށް ވަޑައިގަތުމުން ތަޙުޤީގު އަޑުއެހުމަށް ވަދެވަޑައިގެނެވޭގޮތަކަށެވެ. މިގޮތުން ނަންނޯޓުކުރެއްވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.

ތަޙުޤީގު އަޑުއެހުމަށް ވަނުމަށް ފުރުސަތު ދެވޭނީ ތަޙުޤީގުކުރާ މާލަމުގައި ޖާގައޮތް މިންވަރަކުންނެވެ.

ކޮމިޝަނުން މިތަޙުޤީގުގެ އަޑުއެހުން ހުޅުވައިލައިގެން ކުރިއަށް ގެންދެވުމަށް ނިންމެވީ މައްސަލަ މައްސަލަ ރައްދުވާ ފަނޑިޔާރު އެގޮތައް އެދިވަޑައިގަންނަވާތީއެވެ.