ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އާންމުކޮށްފި

3/2/2010

30ޑިސެމްބަރ 2009 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ  32 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އާންމުކުރައްވައިފިއެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކީ ފަނޑިޔާރުންގެ ސުލޫކު ބެހެއްޓުމަށް ކަނޑައަޅާފައިވާ 7 އުސޫލެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މިންގަނޑެކެވެ. މި މިންގަނޑުތަކަކީ ދުނިޔޭގެ ފަނޑިޔާރުން، އެބައިމީހުންގެ ސުލޫކީ މިންގަނޑުކަމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑު ‘ބެންގަލޯ ޕްރިންސިޕަލްސް’ ގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ތައްޔާރުކޮށްފައިވާ މިންގަނޑެކެވެ.

އެގޮތުން ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ހިމަނާފައިވާ އުސޫލްތަކުގެ ތެރޭގައި ފަނޑިޔާރުންގެ މިނިވަންކަމާއި، ފަނޑިޔާރުން ވަކިފަރާތަކަށް ނުޖެހިތިބުމާއި، އެބޭފުޅުންގެ އިންޓެގްރިޓީއާއި، ހިތްތިރިކަމާއި ރިވެތި އަޚްލާގުގެ ސިފަތަކަށް ލޯބިކުރުމާއެކު، ހުރިހާފަރާތަކަށް ހަމަހަމަކަމާއެކު އިންސާފު ހޯދާދިނުމާއި، ފަނޑިޔާރުންގެ ހުނަރާއި ކުޅަދާނަކަމާއި،އަދި ސިޔާސީ ހަރަކާތްތަކުން ފަނޑިޔާރުން އެއްކިބާވެ ތިބުމަށް ކަނޑައަޅާފައިވެއެވެ.

ފަނޑިޔާރުންނާއި މެދު ޝަކުވާއުފުލާފަރާތްތަކުން، އެފަދަ ޝަކުވާދެނެގަތުމަށް މިއާންމުކުރި ސުލޫކީ މިންގަނޑުން މަގުފަހިކޮށްދެއެވެ. އަދި ހަމައެއާއެކު ފަނޑިޔާރުންގެ މައްޗަށް މިހާރު އުފުލެމުންދާ ސުލޫކީ މައްސަލަތަކާއި ގުޅުމެއްނެތް ގިނަ ޝަކުވާތައް އުފުލުންވެސް މަދުވެގެންދާނެކަމަށް ބެލެވެއެވެ.

މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ބަލާއިރު 121 ޝަކުވާއެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 5 މައްސަލައެއް ސުލޫކީ މައްސަލަތަކެއްކަމަށް ފާހަގަކުރެވި ދަނީ ތަހްގީގުކުރެވެމުންނެވެ. ދެންހުރި ގިނަމައްސަލަތަކަކީ ސުލޫކާގުޅުމެއްނެތް  މައްސަލަތަކެވެ.