އެއްވެސް ފަނޑިޔާރަކު ތަޢުލީމީ ޝަރުތުއުނިވެގެން ފަނޑިޔާރުކަމުން ވަކިކުރުމަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައެއް ނުވޭ
ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ ދަށުން، މި ޤާނޫނުއަސާސިއަށް ޢަމަލްކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހަވާލުވެފައިވާ މަސްޢޫލިއްޔަތެކެވެ.
ޤާނޫނުއަސާސިއަށް ޢަމަލްކުރަންފަށާދުވަހުން ފެށިގެން 02 އަހަރު ދުވަހުގެ ތެރޭގައި ނިންމަންއޮތް މި މަސައްކަތް ކުރުމަށް ޤާނޫނުއަސާސީއިން ލިބިފައިވާ މުއްދަތު 7 އޯގަސްޓް 2010 އަށް ހަމަވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގެންދަނީ ފަނޑިޔާރުން އައްޔަނުކުރުމަށް ބަލާނޭމިންގަނޑެއް އެކުލަވާލަމުންނެވެ.
މިކަމުގައި ކޮމިޝަނުން މަސައްކަތްކުރަމުންދަނީ ތަޢުލީމީ ޝަރުތު އުނިވެގެން އެއްވެސް ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިނުކޮށް، ފަނޑިޔާރުކަމުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ތަޢުލީމީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ފަނޑިޔާރެއްގައި ހުރުން ލާޒިމު ތަޢުލީމީ ފެންވަރުކަމަށް ކަނޑައަޅާ މިންވަރަށް، ތަޢުލީމް ލިބިގަތުމުގެ ފުރުޞަތު އެންމެހާ ފަނޑިޔާރުންނަށް ހަމަހަމަގޮތެއްގައި ކުރިއަށްއޮތް 5 އަހަރުތެރޭ ލިބިދިނުމަށެވެ. އަދި މިކަންރޭވުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައްވަނީ ފެށިފައެވެ.
މިހާރު ޚިދުމަތުގައި ތިއްބެވި ފަނޑިޔާރުންގެ ތަޢުލީމީފެންވަރަށް ބަލާއިރު 36 ބޭފުޅުންވަނީ ޑިގްރީ ފެންވަރަށް ނުވަތަ އެއައްވުރެ މައްޗަށް ކިޔަވާ ވިދާޅުވެފައެވެ. ދެންތިއްބެވި 166 ފަނޑިޔާރުންނަކީ ޑިޕްލޮމާ ނުވަތަ ސަނަދާއެކު ޚިދުމަތްކުރައްވައި، ޝަރީޢަތް ކުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
1 ފެބްރުއަރީ 2010