ދެ ބޭފުޅަކު ފަނޑިޔާރުކަމުގެ މަޤާމަށް ހަމަޖައްސަވައި، ފަތްކޮޅުދެއްވައިފި

28/1/2010

ދެބޭފުޅަކު ފަނޑިޔާރުކަމުގެ މަޤާމަށް ހަމަޖައްސަވައި، މިއަދު ފަތްކޮޅުދެއްވައިފިއެވެ. އެގޮތުން ފަނޑިޔާރުކަމުގެ މަޤާމު މިއަދު ދެއްވި ދެބޭފުޅުންނަކީ، އަރިއަތޮޅު އުތުރުބުރި އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް އެއަތޮޅު ބޮޑުފޮޅުދޫ ތަރިވިދާގޭ އަލްއުސްތާޛު ޢަބްދުއްނާޞިރު ޢަބްދުއްރަޙީމާއި ތިލަދުންމަތި އުތުރުބުރި އިސްމެޖިސްޓްރޭޓުކަމުގެ މަގާމަށް ފ. އަތޮޅު ދަރަނބޫދޫ ދަނބުފަށުވިގޭ އަލްއުސްތާޛު ޒުބައިރު މުޙައްމަދެވެ. އަރިއަތޮޅު އުތުރުބުރި އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް ހަމަޖެއްސެވި އަލްއުސްތާޛު ޢަބްދުއްނާޞިރު ޢަބްދުއްރަޙީމާއި ތިލަދުންމަތި އުތުރުބުރި އިސްމެޖިސްޓްރޭޓުކަމުގެ މަގާމަށް ހަމަޖެއްސެވި އަލްއުސްތާޛު ޒުބައިރު މުޙައްމަދު މަޤާމުގެ ހުވާކުރެއްވުމަށްފަހު ފަތްކޮޅުދެއްވުމުގެ ރަސްމިއްޔާތު އޮތީ ޖުޑީޝަލް ސަރވިސް ކޮމިޝަންގައެވެ. އެބޭފުޅުންނަށް ފަތްކޮޅުދެއްވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އިސްމެޖިސްޓްރޭޓްގެ ޒިންމާއާއި މަސްޢުލިއްޔަތު އުފުއްލެވުމުގައި ޒިންމާދާރުވެލެއްވުށާއި، މަޤާމުގެ ހައިސިއްޔަތުން ކޯޓުތައް ހިންގެވުމުގައި ރާއްޖޭގެ ޤާނޫނުއަސާސީއާއި ހެދިފައިވާ ޤާނޫނުތަކަށް ރިއާޔަތްކުރައްވާ މިނިވަންކަމާ މުސްތަޤިއްލުކަމާއެކު މަސައްކަތްކަތްޕުޅުކުރެއްވުމަށާ، ފަނޑިޔާރުންގެ މަސްއޫލިއްޔަތު އުފުއްލެވުމުގައާއި އަމިއްލަ ދިރިއުޅުއްވުމުގައިވެސް އިންޓަގްރިޓީ ހިފެހެއްޓެވުމަށް އެދިވަޑައިގަތެވެ. އަލްއުސްތާޛު ޢަބްދުއްނާޞިރު ޢަބްދުއްރަޙީމާއި އަލްއުސްތާޛު ޒުބައިރު މުޙައްމަދަކީ ކުރިން މެޖިސްޓްރޭޓް ކަމުގައި ހުންނެވުމަށްފަހު ޝަރުއީދާއިރާގެ ސްޕޮންސަރޝިޕްގެ ދަށުން ލިބުނު ފުރުސަތެއްގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ސަރިއްޔާ އެންޑް ލޯއިން ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ދެބޭފުޅުންނެވެ. 14 ޖެނުއަރީ 2010