ޤާނޫނުއަސާސިގައި ވާގޮތުގެމަތިން ފަނޑިޔާރުންގެ މާލީބަޔާން ހުށަހެޅުމަށް ދެންނެވުމަށް ކޮމިޝަނުން ނިންމައިފި

28/1/2010

“ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާއާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާ ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން” ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަން ފަނޑިޔާރުންނަށް ދެންނެވުމަށް ކޮމިޝަނުން ނިންމަވައިފިއެވެ.

މިގޮތަށް ކޮމިޝަނުން ނިންމެވީ ޤާނޫނުއަސާސީގެ 153 ވަނަ މާއްދާގައި ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާން ކޮށްފައިވާތީއެވެ. އެގޮތުން ތައްޔާރުކުރާ މާލީބަޔާން ހުށަހަޅާ ފޯމެޓް ފާސްކޮށް؛ 2008 ވަނަ އަހަރުގެ މާލީ ބަޔާން (7 އޯގަސްޓް 2008 ން ފެށިގެން 31 ޑިސެމްބަރ 2008 އަށް) އަދި 2009 ގެ މާލީ ބަޔާން 31 މާރޗް 2010ގެ ނިޔަލަށް ފޮނުވުމަށާއި އަދި ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ މާލީ ބަޔާން ޖެހިގެން އަންނަ އަހަރުގެ 31 މާރޗްގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވުމަށް ފަނޑިޔާރުންނަށް މިހާރުވަނީ ދަންނަވަން ފަށާފައެވެ.