ސުޕްރީމްކޯޓްގެ ރޫލިންގއަށް އަމަލުކުރަން ނިންމައިފި

28/1/2010

ސުޕްރީމްކޯޓުގެ ނަންބަރ 2008/SC-RU/01 (02 ޑިސެމްބަރ 2008) ރޫލިންގއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރ 10/2008 )ގެ 21 ވަނަ މާއްދާގެ (ބ) އަކީ ޢަމަލުކުރެވެންނެތް ބާތިލް އަކުރެއްކަމަށް ކަނޑައަޅުއްވާފައިވާތީ، (ބ) ގައި، ބަޔާންކޮށްފައިވާ ތިރީގައިވާ އެންމެހައިކަންކަން މީގެ ފަހުން މިކޮމިޝަނުން ނުކުރުމަށްވަނީ ނިންމާފައެވެ. އެކަންކަމަކީ:
1. ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެކޯޓެއްގެ އެންމެ އިސް ފަނޑިޔާރެއްގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން؛
2.    ފަނޑިޔާރުންނަށް ބޭނުންވާ ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން؛
3. ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ބޭއްވުން؛
4.    ޤާނޫނުތަކަށާއި ޤާނޫނީ ނިޒާމަށް އަންނަ ބަދަލުތަކާގުޅޭ މަޢްލޫމާތާއި ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން؛
5. ކޯޓުތަކުގެ ނިންމުންތައް ފުރިހަމައަށް ރެކޯޑްކޮށް ބެލެހެއްޓުމާއި އެ ނިންމުންތައް ޢާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ޤާއިމުކުރުން؛
6.    ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް އެހެން ކޯޓުތަކުގެ މަޝްވަރާއާއެކު އެކުލަވާލުން.

މި ކޮމިޝަނުން މިގޮތަށް ޢަމަލުކުރަން ނިންމީ ޝަރުޢީ ދާއިރާގެ މިނިވަން މުސްތަޤިއްލުކަން ދެމެހެއްޓުމާއެކު ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައިވެސް ދެމެހެއްޓުމަށްޓަކައިއެވެ.

01 އޮކްޓޯބަރ 2009