މަދަނީ ކޯޓުގެ އިސް ޤާޟީކަމަށް އަލްއުސްތާޛް އަލީ ސަމީރު މިއަދު ހަމަޖައްސަވައި ފަތްކޮޅުދެއްވައިފި

28/1/2010

މަދަނީ ކޯޓުގެ އިސް ޤާޟީކަމަށް އަލްއުސްތާޛު ޢަލީ ސަމީރު މިއަދު ޢައްޔަންކުރައްވައިފިއެވެ. ކުރިން އެކޯޓުގެެ ޤާޟީކަމުގައި ހުންނެވި، އަލްއުސްތާޛު ޢަލީ ސަމީރަކީ 2005 ން ފެށިގެން މަދަނީކޯޓުގެ ޤާޟީކަން ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. ޤާޟީކަމުގައި ހުންނަވަނިކޮށް ޝަރުޢީ ދާއިރާގެ ސްކޮލަރޝިޕެއްގައި އަލްއުސްތާޛް އަލީ ސަމީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓާރސް އިން ކޮންޕަރެޓިވް ލޯ ހައްދަވާފައިވެއެވެ.
އޭނާއަށް މަޤާމުގެ ފަތްކޮޅު ދިނުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 9:00 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައެވެ. މި ރަސްމިއްޔާތުގައި އަލްއުސްތާޛު އަލީ ސަމީރަށް ފަތްކޮޅުދެއްވީ ކޮމިޝަންގެ ނާއިބު ރައީސް އަލްފާޟިލް ޢަބްދުﷲ ދީދީއެވެ. މިބައްދަލުވުމުގައި ކޮމިޝަންގެ މެންބަރު ޑޮކްޓަރ މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި މަދަނީ ކޯޓުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށާއި، އަދި ކޯޓުގެ މަސައްކަތްތައްވެސް ޢާއްމުންގެ އިތުބާރު ލިބޭނޭގޮތަށް ކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ކޯޓަކީވެސް މުސްތަޤިއްލު މުއައްސަސާއެއްކަމަށްވުމާއެކު އެ ކޯޓެއްގެ ޒިއްމާއާ މަސްއޫލިއްޔަތު ކުރިއަށްވުރެ އިތުރުވެފައިވާނެކަމަށާއި އެހެންކަމުން އެކަންކަމަށް ސަމާލުކަން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ކޯޓުތަކަކީ މުސްތަޤިއްލު މުއައްސަސާއެއް ކަމަށް ވިއަސް ދައުލަތުގެ އެހެން މުއައްސަސާތަކަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދިނުމަކީ މުހިއްމުކަމެއްކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުމުގައި އަލްއުސްތާޛު ޢަލީ ސަމީރު ދެއްކެވި ވާހަކަފުޅުގައި މިއީ މަޤާމަކަށްވުރެ ބޮޑަށް އިރުތު މަސްއޫލިއްޔަތެއްގެ ގޮތަށް ދެކިވަޑައިގަންންވާކަމަށާއި އަދި ކޮމިޝަަންގެ މެންބަރުން އެދިވަޑައިގެންނެވި ފަދައިން ކޯޓުގެ ހިންގެވުން ހަރުދަނާކުރެއްވުމަށް އޭނާގެ ޤާބިލިއްޔަތު ތަންދޭ އެއްމެ ބޮޑަކަށް މަސައްކަތްކުރައްވާނެ ކަމަށާއި އަދި ޢާއްމުންގެ އިތުބާރު ޝަރުޢީ ދާއިރާއާމެދު އިތުރުވާނެގޮތަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
28 ޖޫން 2009