ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޖީދިއްޔާ ސްކޫލުގެ ބައެއްދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

28/1/2010

ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންތިޒާމްކޮށްގެން ކޮމިޝަނުގެ މަސައްކަތްތަކާއި ޝަރުޢީދާއިރާގެ މަސައްކަތްތާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މަޖީދިއްޔާ ސްކޫލްގެ 270 އަށްވުރެ ގިނަކުދިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މިއަދު ހިންގައިފިއެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ ޖުޑީޝަލް ސަރިވސް ކޮމިޝަންގެ މަސައްކަތްތަކާއި، ކޮމިޝަން އެތުރިފައިވާ ގޮތާއި، ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން މިހާރު ޢަމަލްކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ޝަރުޢީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކާއި، މިދާއިރާގައި މިހާރުހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވިފައިވެއެވެ.
މި ޕްރޮގްރާމްގެ މަގުޞަދަކީ މިހާރު ޢަމަލްކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަން އުފެދި، އެކޮމިޝަންގެ މަސްޢޫލިއްޔަތުތަކާއި، ޝަރުޢީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކާއި، މިދާއިރާގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅޭ ޝަކުވާތައް މަދުކޮށް، މިދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތައް އަންގައިދީ، އަދި އާންމުނަށް އަރާ އޮޅުންތައް ފިލުވައިދިނުމަށް ވިހާވެސް ފުޅާދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މަޖީދިއްޔާ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދިއަ މި ޕްރޮގްރާމުގައި މަޢުލޫމާތު ދިނުމުގެ އިތުރުން ޝަރުޢީދާއިރާގުޅޭގޮތުން ދަރިވަރުންކުރި ސުވާލު ތަކަށްވެސް ޖަބާވުދިނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުންވަނީ އެ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މާލޭގެ ޘާނަވީ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއެް ބާއްވާފައެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އާގުޅިގެން ތާރާދުގެ ނަމުގައި ކޮމިޝަނާއި ޝަރުޢީދާއިރާބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިހާރުވެސްދަނީ ކުރިއަށް ގެންދަމުންނެވެ.