ކޯޓުތަކުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ އެއްވެސްޢަމަލެއް އެއްވެސްފަރާތަކުން ނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިލްތިމާސްކޮށްފި

28/1/2010

މިހާރު ޢަމަލްކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ޝަރުޢީދާގެ މަސައްކަތްތައް ފުރިހަމަކުރުމުގައި ކޯޓުތަކުން ހަރަކާތްތެރިވަމުންދާދިއުމުގައި، ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
ޤާނޫނު އަސާސިގެ 141 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާގޮތުން ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަކަކީ ކޮންމެ މީހަކަށްމެ، ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަނަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާއިދުގެ ޛަރިޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާއި ޙަވާލުވެތިބި އެންމެހާ މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ.
އެހެންކަމުން ސިޔާސީގޮތުން ޤައުމުގެ ކަންތައްތަށް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް މިނިވަންކަމާއި ހަމަހަމަ ކަމާއެކު ކުރިއަށް ގެންދިއުމުގައި ޤާނޫނުއަސާސީން ލިބިދިފައިވާ ކަންކަން ފުރިހަމަކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެހިތެރިކަމާއި އެއްބާރުލުން ލިބިގެން ނޫނީ ޤައުމުގެ ހާލަތު ހަމަޖެހޭ މިސްރާބަކަށް ނުގެންދެވޭނެއެވެ.
މިހާރު ޢަމަލުކުރުމުންދާ ޤާނޫނުއަސާސިގެ 141 ވަނަ މާއްދާގައި (ނ) ބަޔާންކޮށްފައިވާފަދައިން ފަނޑިޔާރުންގެ މަސައްކަތްކުރިއަށް ގެންދިއުމުގައި އަމިއްލަ ފަރުދަކުވިޔަސް އަދި ދަޢުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރި މީހަކު ކަމުގައިވިއަސް ފަނޑިޔާރުންގެ މަސައްކަތައް އެއްވެސް ނުފޫޒެއް ނުވަތަ ދަތިކަމެއް ލިބިދޭފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.
އެހެންކަމުން މިކޮމިޝަނުން ޢިލްތިމާސް ކުރަނީ ޤާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ހުރިހާ ފަރާތްތަކެއްގެ ޢަމަލުތައްވެސް ބައްޓަންކޮށް، ޝަރުއީކޯޓުތަކުން އެކޯޓުތަކުގެ މަސައްކަތައް ފުރިހަމަ ކުރުމުގައި މިނިވަންކަމާއި ޢަދަލުވިެރިކަމާއެކު މަސައްކަތްކުރުމަށް ބުރޫއަރާފަދަ އެއްވެސް އަމަލެއް އެއްވެސް ސިފައެއްގައި ނުކުރުމަށެެވެ.