ހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު މުޙައްމަދު ނިޔާޒަށް މަޤާމުގެ ފަތްކޮޅު ދެއްވައިފި

28/1/2010

ހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް ހދ.ވައިކަރަދޫ ގްރީންވިލާ އަލްއުސްތާޛު މުޙައްމަދު ނިޔާޒް، އައްޔަނުކުރައްވާ މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މުޙައްމަދު ނިޔާޒަށް ފަތްކޮޅު ދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބު ރައީސް އަލްފާޟިލް ޢަބުދުﷲދީދީއެވެ.
އަލްއަސްތާޛު މުޙައްމަދު ނިޔާޒަކީ ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސް އިން ހިންގެވި ފަނޑިޔާރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ދަށުން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެލްއެލްބީ ހައްދަވާފައިވާ ބޭފުޅެކެވެ.
މިއަދު ހދ.އަތޮޅު އިސްމެޖިސްޓްރޭޓްކަން ލިބިލެއްވި އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރިން ހުންނެވީ އެއަތޮޅު ވައިކަރަދޫ ކޯޓްގެ މެޖިސްޓްރޭޓް ކަމުގެ މަޤާމުގައެވެ.
މުޙައްމަދު ނިޔާޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުގައެވެ.