ޝަރުޢީދާއިރާގެ ޙާލަތު ދެނެގަތުމަށް، ސާރވޭ ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

28/1/2010

ޝަރުޢީދާއިރާގެ ޙާލަތު ދެނެގަތުމަށް، ޔޫއެންޑީޕީގެ ފަރާތުން ހިންގާ އެކްސެސް ޓު ޖަސްޓިސް ސަރވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްފަށައިފިއެވެ. އެކްސެސް ޓު ޖަސްޓިސް ސަރވޭކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތްކުރައްވަނީ، އިންޓަނޭޝަނަލް ކޮންސަލްޓެންޓެއް ކަމަށްވާ މިސް ކިޝާލީ ޕިންޓޯ ޖަޔަވަރުދަނާއާއި ލޯކަލް ލީގަލް ކޮންސަލްޓެންޓް އަލްއުސްތާޛާ މިޒުނާ އަޙުމަދުގެ އިތުރުން ސާރވޭ އެކްސްޕާޓް ޑރ. ސިމާދު ސަޢީދެވެ. މި ސަރވޭގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި މިހާރުވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ޤާނޫނެއް ނެތުމާއި، ކޯޓުތަކާ ބެހޭ ޤާނޫނެއް ނެތުމުގެ އިތުރުން ކުށްމަދުކުރުމަށް ކޯޓުތަކުން ހުކުމްކުރުމަށްފަހު، ހުކުމްތަންޒީފުކުރުމުގައި ކުރިމަތި ވާ ދަތިތައް ފާހަގަކުރެއްވިއެވެ.
މި ސަރވޭގެ ދަށުން ރާއްޖޭގެ ކޯޓުތަކާއި، އާންމުނާއި ކޯޓުތަކާ ހުރި ގުޅުމާއި، ތަފާތު މައްސަލަތަކުގައި ކޯޓުތަކަށް މައްސަލަހުށަހެޅުމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަތުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން މާލޭގައި ހުރި ކޯޓުތަކާއި އަތޮޅުތަކުގެ ބައެއް ކޯޓުތަށް ޒިޔާރަށްކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.
މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކ.ގުޅީ ކޯޓަށްވަނީ ޒިޔާރަތްކޮށްފައެވެ. އަދި ނިމިގެންދިއަ ހަފުތާ ބަންދުގައި އައްޑުއަތޮޅުގެ ކޯޓުތަކަށްވެސް މިޓީމުވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން ކ.ގުޅީކޯޓަށް ކުރިދަތުރުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ޢަލީބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ގުޅިކޯޓާއި އައްޑުއަތޮޅުގެ ކޯޓުތަކަށް ކުރި ޒިޔާރަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާއިޝަތު ލީޝާ ބައިވެރިވެވަޑައިގެންނެވިއެވެ. މިސަރވޭކުރުމަށް ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

20 އެޕްރީލް 2009