ފަނޑިޔާރުންގެ މަޤާމުގެ އޮނިގަނޑާއި މުސާރަ ހަމަތަކަކަށް ފެއްތުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

28/1/2010

ފަނޑިޔާރުންގެ ޚިދުމަތް އަގުކުރުމުގައި މައްސަލަތަކެއް ހުރުން
• 2009 ފެބުރުއަރީ 1 ން ފެށިގެން ޖުޑީޝަލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ގެނެވުނު ބަދަލުގެ އަމާޒަކީ ޝަރުޢީދާއިރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މަޤާމާއި މުސާރަ ވަކިހަމަތަކަކަށް ފެއްތުމަށްޓަކައި ގެނެވުނު ބަދަލުތަކެކެވެ. އެތާރީޚުން ފެށިގެން މިގެނެވުނު ބަަލުތަކާއެކު ފަނޑިޔާރުންގެ ތެރެއިން ބައެއް މެޖިސްޓްރޭޓުންގެ އަސާސީ މުސާރަ، ޖުޑީޝަލް ސަރވިސްގެ އެންމެ އާދައިގެ އިދާރީ މަޤާމްތަކަށް ހަމަޖެހިފައިވާ އަސާސީ މުސާރައާ ދާދިއެއްވަރެވެ. އަލަށް މިގެނެވުނު ބަދަލުތަކާއެކު އިދާރީ މަޤާމްތަކުގެ އޮނިގަނޑުގެ އެއްމެ ދަށް ލެވެލްކަމުގައި ކަނޑައަޅާފައިވަނީ އޮފިސަރުންނެވެ. އެއީ ކުރީގެ ގޮތުންނަމަ ސެކްރެޓަރީ ލެވަލެވެ. މިމަޤާމުގެ އަސާސީ މުސާރައަކީ -/4465 ރުފިޔާއެވެ. ހަމައެއާއެކު ފަނޑިޔާރުންގެ ފުރަތަމަ ލެވެލް (މެޖިސްޓްރޭޓް) އަސާސީ މުސާރައަކީ -/4525 ރުފިޔާއެވެ. ވުމާއެކު އަލަށް އެކުލަވާލެވުނު މިދާއިރާގެ އިދާރީ މުވައްޒަފުންގެ އޮނިގަޑުގައި ބުނާ އޮފިސަރެއްގެ މުސާރައާއި ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ތަފާތަކީ 60 ރުފިޔާއެވެ.
• އަދި ހަމައެއާއެކު ދައުލަތުގެ އެކިދާއިރާތަކުގައި މަސައްކަތްކުރައްވާ ލީގަލް ބޭފުޅުންގެ މުސާރައަށް ބެއްޔަސް ފަނޑިޔާރުންގެ މުސާރައާ އަޅާބަލާއިރު ބޮޑުކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިއީ ފަނޑިޔާރުކަމުގެ ޚިދުމަތް އަގުކުރުމުގައި އެންމެ އެކަށީގެންވާގޮތްކަމަކަށް މި ކޮމިޝަނަކަށް ޤަބޫލެއް ނުކުރެވެއެވެ.
ރަށްރަށުގެ ކޯޓުތައް ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
• ރާއްޖޭގެ އާބާދީ،ނިސްބަތުން އެންމެ ގިނަރަށްރަށުގެ ކޯޓުތައް ތަރައްޤީކުރުމަށް ދިމާވެފައިވާ އެންމެ ބޮޑުގޮންޖެހުމަކީ ޤާނޫނީ ދާއިރާއިން ތަޢުލީމާއި ތަޖްރިބާ ލިބިފައިވާ ޒުވާނުން ރަށުކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިނުލުމުވެ. އާބާދީ ބޮޑު، ހުށަހެޅޭ މައްސަލަތައް ގިނަ ބައެއް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިއުލާންކޮށް، އެކަށީގެންވާ ބޭފުޅުން ނުލިބުމުގެ މައްސަލަ މިއަދުވެސްވަނީ ޙައްލުނުކުރެވިއެވެެ. މިދާއިރާ ތަރައްޤީކޮށް، ކަމަށް ޤާބިލް ބޭފުޅުން ހޯދުމަށް މަސައްކަތްކުރާއިރު، ކަމަށްއެކަށީގެންވާ ތަޢުލީމާއި ތަޖްރިބާލިބިފައިވާ ފަރާތްތަކުން ރަށުކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިނުލުމަކީ މިދާއިރާގެ ޚިދުމަތް ރަނގަޅުކޮށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގައި މިކޮމިޝަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
• މިކޮމިޝަނަކީ އިންތިޤާލީ ކޮމިޝަނަކަށް ވުމާއެކު މިމަރުޙަލާގައި ފަނޑިޔާރުކަމަށް ބޭފުޅުން ޢައްޔަންކުރުމުގައި ކޮމިޝަނުން ބަލަނީ ރަށްރަށުގެ ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅޭ، ހުށަހެޅޭ މައްސަލަތައް ގިނަ، އަދި އެކޯޓުތަކުގައި ފަނޑިޔާރުން ނެތުމުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ދަތިވެފައިވާ ކޯޓުތަކަށް ފަނޑިޔާރުން ހަމަޖެއްސުމަށެވެ.
• އެކަށީގެންވާ ތަޢުލީމާއި ތަޖްރިބާ ލިބިފައިވާފަރާތްތައް ފަނޑިޔާރުކަމަށް ކުރިމަތިނުލުމުގެ އިތުރުން، މިކޮމިޝަނަށް ފާހަގަކުރެވިފައިވާ އަނެއް މައްސަލައަކީ ޝަރުޢީދާއިރާގައި ތިއްބެވި ތަޢުލީމާއި ތަޖްރިބާ ލިބިފައިވާ ބައެއް ފަނޑިޔާރުން، ފަނޑިޔާރުކަމުގެ މަޤާމު ދޫކޮށް، އަމިއްލަ މަސައްކަތްތަކަށް ނުކުންނަމުންދާކަމެެވެ. މިއީ ޝަރުޢީދާއިރާ ރިފޯމުކުރެވި އިސްލާޙީ ބަދަލުތަކާ ދިމާއަށް ދަތުރުކުރަމުން ދާ ދުވަސްވަރެއްގައި ކުރިމަތިވެފައިވާ ބޮޑު މައްސަަލައެކެވެ.
ފަނޑިޔާރުކަމުގެ ވަޒީފާގެ ރިސްކު އިތުރުވުން
• މި ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި 2006 ވަނަ އަހަރުންފެށިގެން މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް ފަނޑިޔާރުންނަށް އެކި އެކިވަރުގެ އަނިޔާއާއި އިންޒާރުދީގެން 31 މައްސަލައެއް މޯލްޑިވްސް ޕޮލިސްސަރވިސްއަށް ހުށަހަޅުއްވާފައިވެއެވެ. މިފަދަ އަނިޔާތަކުގައި ފަޑިޔާރުންނަށް އެކިވަރުގެ އަނިޔާލިބި، މިދުނިޔެ ދޫކޮށްފައިވާކަންވެސް ހިތާމަޔާއެކު ފާގަކަކޮށްލަން ޖެހެއެވެ. މިސާލަކަށް ދަންނަވާނަމަ، ޅ. ނައިފަރު ކޯޓުގެ މެޖިސްޓްރޭޓެއްގެ ގޮތުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރުޙޫމް މުޙައްމަދު ޢަބްދުﷲ ނަސީމު، ފަތިސް ނަމާދަށް މިސްކިތަށް ވަޑައިގެންނެވި މަގުމަތީގައި އޭނާގެ ގައިގައި ބަޔަކު ތަޅައިގަނެ، ބޮލުގެ ނާށިގަނޑާއި ހަށިގަނޑަށް ލިބިފައިވާ ގެއްލުމުގައި އޭނާވަނީ ނިޔާވެފައެވެ. މިފަދަ އަނިޔާއާއި އިންޒާރުތަކުން ފަޑިޔާރުންނަށް އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ދަތިވެފައިވާ ދުވަސްވަރެއްގައި މިދާއިރާއަށް ކުރިމަތިލުމުގައި ފަސްޖެހުމަކީ ފެންނަމުންދާ ކަމެކެވެ. އަދި ފަނޑިޔާރުންގެ މަޤާމާއި މަސްއޫލިއްޔަތު ފުރިހަމަކުރުމުގައި ރިސްކު ބޮޑުވެފައިވާ މިންވަރު ހާމަވެގެންދާ ކަމެކެވެ. މިފަދަ ސަބަބުތައް މިހެންހުރުމުން ފަނޑިޔާރުން، އެބޭފުޅުންގެ މުސާރައިން ބައެއް ސެކިއުރިޓީއަށް އަމިއްލަފުޅަށް ޚަރަދު ކުރަންވަންޖެހެއެވެ.
މުސާރަ ބޮޑުކުރުމަށް  ހުށަހަޅާފައިވާ މިންވަރު
• ސިވިލް ސަރވިސްއާއި ޖުޑީޝަލް ސަރވިސް ގެ މުވައްޒަފުންގެ މުސާރައާއި، ފަނޑިޔާރުންނާއި ދައުލަތުގެ އެހެންމަޤާމުތަކުގައި ތިއްބެވި އެފަދަ ބޭފުޅުންގެ މުސާއަރާ އަޅާބަލާއިރު، ފަނޑިޔާރުންގެ މުސާރަބޮޑުކުރަންޖެހެއެވެ. ސަބަބަކީ ފަނޑިޔާރުންގެ މަސައްކަތްތަކާއި ޒިންމާއުފުލުގައި ކުރިމަތިވެފައިވާ ކަންތައްތަކުގެ ސަބަބުންނެވެ. ފަނޑިޔާރުންގެ މަޤާމަކީ އެހެންދާއިރާތަކާ އަޅާބަލާއިރު ރިސްކު ބޮޑު ދާއިރާއަކަށް ވުމާއި، އިތުރު އެހެންއެއްވެސް ދާއިރާއެއްގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތުނެތުމަކީ މިކަމުގެ މައިގަނޑު ސަބަބެވެ.
• އެހެންކަމުން ސިވިލް ސަރވިސްއާ ދައުލަތުގެ މަޤާމްތަކުގެ މުސާރަ ބޮޑު ކުރި ނިސްބަތަށް ރިޢާއަތްކޮށް ފަނޑިޔާރުންނަށް މިހާރު ލިބޭ މުސާރައާ އިނާޔަތްތައް ހަމަޔަކަށްފެއްތުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މުސާރައާ އިނާޔަތްތައް ބޮޑުވެފައިވަނީ އެވްރެޖްކޮށް 42 ޕަސެންޓެވެ. ހަމައެފަދައިން މިހާރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑަށް ޢަމަލުކުރެވެން ފެށުމުން ފަނޑިޔާރުންނަށް މިހާރުދެމުންއަންނަ އިނާޔަތްތަކާއި އެލަވަންސްތައް ކެނޑިގެންދާނެއެވެ.

12 އެޕްރީލް 2009