ދެކޯޓެއްގެ މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރައްވާ އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފި

28/1/2010

ދެކޯޓެއްގެ މެޖިސްޓްރޭޓްކަމަށް ދެބޭފުޅަކު ޢައްޔަންކުރައްވާ އެދެބޭފުޅުންނަށް މިއަދު މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ފަތްކޮޅުދެއްވީ ކޮމިޝަންގެ ރައީސް އަލްފާޟިލް ހަސަން އަފިފެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބުރާއީސް ބައިވެރިވެލެއްވިއެވެ.

މެޖިސްޓްރޭޓްކަމަށް ޢައްޔަނުކުރައްވާ މިއަދު ފަތްކޮޅުދެއްވި ދެބޭފުޅުންނަކީ ގއ. އަތޮޅުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ގއ.ގެމަނަފުށި ދުނބުރިމާގެ އަލްއުސްތާޛް ޙުސައިން މަޒީދާއި، ނ.ވެލިދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ސ.މީދޫ އަބްލަޣީވާދީ އަލްއުސްތާޛް ޙުސައިން ރަޝީދެވެ.

މި ދެބޭފުޅުންނަށް ފަތްކޮޅުދެއްވުމުގެ ރަސްމިއްޔާތަށްފަހު ކޮމިޝަންގެ ރައީސް އަލްފާޟިލް ހަސަން އަފީފު ދެއްކެވި ވާހަކަފުޅުގައި މިއީ ވަރަށް ޒިންމާދާރު މަސައްކަތްޕުޅެއްކަމަށާއި، އެހެންކަމުން މިމަޤާމު ފުރުއްވުމުގައި ރައްޔިތުންނަށް އިޙުލާސްތެރިވެ،އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ފަނޑިޔާރުންނަކީ ސިޔާސީ ކަންތައްތަކާއި ދުރުގައި ތިއްބަވަންޖެހިވަޑައިގަންނަވާ ބައެއްކަން ފާހަގަކުރެއްވިއެވެ.

މިދެބޭފުޅުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުގައެވެ.