ޝަރުޢީދާއިރާގެ މުވައްޒަފުން އޮފީސް މަސައްކަތްފިޔަވައި އިތުރު އެހެންމަސައްކަތެއްނުކުރެވޭގޮތަށް ކޮމިޝަނުން ނިންމައިފި
ޝަރުޢީދާއިރާގެ މުވައްޒަފުންނަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ، އެކިއެކި ނުފޫޒުތަކާއި ބާރުތަކުން އެއްކިބާވެތިބެ، މިނިވަންކަމާއި ހަމަހަމަކަމާއެކު ޢަދުލްއިންސާފު ޤާއިމުކުރުމުގައި އިދާރީ އެންމެހާކަންތައްތައް ހިންގާ، ފެންވަރުރަނގަޅު ޚިދުމަތެއްދޭ ބަޔަކަށްހެދުމަށްޓަކައި މުވައްޒަފުންގެ ހުރިހާ ވަގުތެއް އޮފީހުގެ މަސައްކަތަށް އިޚުތިޞާޞްކުރާގޮތަށް ކޮމިޝަނުން ނިންމައިފިއެވެ.
އެގޮތުން ރަސްމީގަޑީގައި އަމިއްލަ ވިޔަފާރިއާބެހޭ ކަމެއް، ނުވަތަ މާލީ ފައިދާއެއްލިބޭ އެހެންމަސައްކަތެއް ނުކުރުމަށާއި، ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް ޝަރުޢީދާއިރާއާ ނުވަތަ ކޯޓުތަކާގުޅޭ އެއްވެސް މަސައްކަތެއް އަމިއްލަ ޙައިޘިއްޔަތުން ނުކުރުމަށް ޝަރުޢީދާއިރާގެ މުވައްޒަފުން އިޤްރާރުވާންޖެހެއެވެ.
ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ހައްޔަރުކުރުމާއި ބަންދުކުރުމުގެ ބާރުގެދަށުން ކޮންމެވަގުތެއްގައިވެސް ކޯޓުއަމުރެއް ނެރެންޖެހިދާނެއެވެ. އެހެންކަމުން ކޯޓުތަކުގެ މުވައްޒަފުންނަކީ ކޮންމެވަގުތެއްގައިވެސް އެމުވައްޒަފުންގެ މަސައްކަތަށް ނުކުންނަށް ޖެހޭފަދަ ހާލަތެއްގައި ވަޒީފާ އަދާކުރަމުންގެންދާ ބަޔަކަށްވާންޖެހެއެވެ. މިކަންކަމަށް ރިޢާޔަތްކޮށް ޝަރުޢީދާއިރާގައި އިދާރީ މަސައްކަތްކުރާ މުވައްޒަފުންގެ މަޤާމާއި މުސާރައަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި އަސާސީ މުސާރައިގެ އިތުރުން ޖުޑީޝަލް އެލަވަންސެއް ދެއްވާގޮތަށްވެސް ކޮމިޝަނުންވަނީ ނިންމަވާފައެވެ.
17 ފެބުރުއަރީ 2009