ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުންގެ މަޤާމާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސްފި

28/1/2010

ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުންނަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ، އެކިއެކި ނުފޫޒުތަކާއި ބާރުތަކުން އެއްކިބާވެތިބެ، މިނިވަންކަމާއި ހަމަހަމަކަމާއެކު އަދުލްއިންސާފު ޤާއިމުކުރުމުގައި އިދާރީ އެންމެހާކަންތައްތައް ހިންގާ ފެންވަރުރަނގަޅު ޚިދުމަތެއްދޭ ބަޔަކަށްހެދުމަށްޓަކައި މުވައްޒަފުންގެ މުސާރައާއި މަޤާމުގެ އޮނިގަނޑަށް ބަދަލުގެންނަވައިފިއެވެ.

ޖުޑީޝަލް ސަރވިސްކޮމިޝަނުން މިބަދަލުގެންނެވީ ޝަރުޢީދާއިރާގެ މުވައްޒަފުންނަކީ އެމީހުންނަށް ލިބޭއެއްޗަކުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދޭ ބަޔަކަށް ހެދުމާއި، މިދާއިރާގެ އިދާރީ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި، ޝަރުޢީދާއިރާގެ މުވައްޒަފުންނަކީ އެމީހުންގެ މަސައްކަތުގެ ހުރިހާވަގުތެއްވެސް ދާއިރާއަށް ޚިދުމަތްކުރުމުގައި ދެމިތިބޭބަޔަކަށް ހެދުމުގެ އިތުރުން، އެބައިމީހުންނަކީ އެންމެހާ ބާރުތަކާއި ނުފޫޒުތަކުން އެއްކިބާވެތިބެގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ބަޔަކަށް ހެދުމަށެވެ.

މި އޮނިގަނޑުގެދަށުން ޝަރުޢީދާއިރާގެ ހުރިހާ އޮފީސްތަކެއްގެ މުވައްޒަފުންގެ މުސާރައަށްވަނީ އެދެވޭ ހެޔޮބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އަލަށް ކަނޑައެޅި އޮނިގަނޑުގެ ދަށުން އަސާސީ މުސާރައިގެ އިތުރުން ސަރވިސް އެލަވަންސަކާއި، ޖުޑީޝަލް އެލަވަންސެއެް ތަޢާރަފު ކޮށްފައިވެއެވެ. އަދި ހަމައެއާއެކު މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެގޮތުން ކޮންމެ ދެއަހަރުން ޕާރފޯމަންސް އެޕްރައިސަލްއެއް ހަދައި މުސާރައިގެ ކުރިއެރުމެއް ދެމުންގެންދާގޮތަށް މިއޮނިގަނޑުގައި ހިމަނާފައިވެއެވެ.

ޝަރުޢީދާއިރާގައި އިދާރީ މަސައްކަތްކުރާ މުވައްޒަފުންގެ މަޤާމާއި މުސާރައަށް ގެންނެވި ބަދަލުތަކުގެ ތަފުސީލް 2009 ފެބުރުއަރީ 15 ވަނަދުވަހުގެރޭވަނީ ސްޕްރީމްކޯޓާއި، ހައިކޯޓާއި، ޢާއިލާއާ ބެހޭކޯޓާއި، ކުޑަކުދިންނާބެހޭ ކޯޓާއި، ޖިނާއިކޯޓާއި އަދި މަދަނީ ކޯޓުގެ އިސްފަރާތްތަކަަށް ދެއްވާފައެވެ. ރަށުކޯޓުތަކުގެ އިސްފަރާތްތަަކަށް އޯޑިއޯ ކަޮންފަރެންސިންގެ ޒަރީޢާއިން މިމަޢުލޫމާތު ދިނުމުގެ މަސައްކަތް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އަދިހަމައެއާއެކު މިބަދަލުތައް މިދާއިރާގެ އިދާރީ މުވައްޒަފުންނާ ހިއްސާކުރުމަށްވެސް ކޮމިޝަނުންވަނީ ނިންމާފައެވެ.

16 ފެބުރުއަރީ 2009