ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރު ކޯޓުތަކުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ޙާލަތު ވަނީވަރަށް ދަށުދަރަޖައިގައ

28/1/2010

ޤާނޫނު އަސާސީން ވަކިކަންތައްތަކެއް ޙާޞިލުކުރަން ބޭނުންވިޔަސް ޝަރުޢީދާއިރާ ވޭތުވެދިޔަ 100 އަހަރަށްވުރެ ދިގުމުއްދަތުގައި ބައްޓަންވެފައިއޮތް ގޮތުން އެކަންކުރުމަށް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވަމުން ދެއެެވެ. އެގޮތުން ބަލާއިރު މިހާތަނަށް ޝަރުޢީދާއިރާގެ ހުރިހާކަމެއްވެސް ހިނގަމުން އައީ މަރުކަޒީ އުޞޫލުންނެވެ. ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރު ކޯޓުތަކުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ޙާލަތު ވަރަށް ދަށުދަރަޖައިގައިވާކަމަށް ފާހަގަކުރެވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފާހަގަކުރެވުނު ބައެއް ކަންތައްތަކުގެތެރޭގައި ޝަރުޢީދާއިރާގެ ހުރިހާކަމެއްވެސް މަރުކަޒީ އުޞޫލުން ހިންގުމުގެ ސަބަބުން ކޯޓުތަކުގައި ތަމްރީނުވެފައިވާ ފަނޑިޔާރުން ތިއްބެވިނަމަވެސް ތަމްރީނުވެފައިވާ އިދާރީ މުވައްޒަފުން މަދުންނޫނީ ނެތްކަން ފާހަގަކުރެވެއެވެ. އެގޮތުން އެކައުންޓެންޓުން، މެނޭޖްމަންޓް ދާއިރާގެ މީހުން، އައިޓީ ދާއިރާގެ މީހުން، ރަޖިސްޓްރާއިން ކޯޓުތަކުގައި މަދުޢަދަދަކަށްތިބުމުން ޝަރުޢީދާއިރާގެ އިދާރީ ހިންގުމާއި ޢާންމުންނަށް ދޭޚިދުމަތްތައް ދިނުމުގައި ކޯޓުތަކުން ވަރަށްބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދެކޭގޮތުގައި އާ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ޝަރުޢީ ކޮންމެ ކޯޓަކީވެސް ޝަރުޢީ ކަންތައްތަކާއި އިދާރީ ކަންތައްތައް ހިންގުމުގައިވެސް އެހެން އެއްވެސް ކޯޓެއް ނުވަތަ އެހެންއެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ހިނގާ މިނިވަން މުސްތަޤިއްލު ކޯޓުތަކަކަށް ވާންޖެހޭނެއެވެ.

ޤާނޫނު އަސާސީ ބައްޓަންކުރެވިފައިވާ ގޮތުން ދިވެހިރާއްޖޭގެ ޝަރުޢީނިޒާމްގައި 3 މަރުޙަލާއެއްގެ ކޯޓުތައް އެކުލަވާލައްވާފައިވެއެވެ. އެހެންކަމުން ކޮންމެ މަރުޙަލާއެއްގެ ކޯޓަކުންވިއަސް އެކޯޓެއްގެ މަސައްކަތާގުޅޭގޮތުން ކަނޑައެޅިފައިވާ އިޚްތިޞާޞްއިން ބޭރުން، އެހެންކޯޓަކަށް ނުވަތަ މަތީ މަރުޙަލާއެއްގެ ކޯޓަކުން ދަށު މަރުޙަލާއެއްގެ ކޯޓަކަށްވިއަސް ނުފޫޒު ނުފޯރުވޭ ގޮތަށް ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ނިޒާމް ހަމަޖެހިފައިވާކަން މިފުރުސަތުގައި ފާހަގަކުރަމެވެ.