ޖުޑީޝަލް ސަރވިސް ކޮމިޝަނާއިބެހޭގޮތުން ބައެއް ފަރާތްތަކުންދައްކާ ވާހަކަތަކުގެ ޙަޤީޤަތް ހާމަކުރުން.

28/1/2010

1- ސުޕްރީމްކޯޓުގެ ރޫލިންގއެއްގެދަށުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމްކޯޓުގެ ދަށުން ހިނގާ އިދާރާއަކަށް ބަދަލުކުރުމުން އެއާޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަމަލުކުރާކަމަށް ދައްކަމުންގެންދާ ވާހަކަތަކުގެ ޙަޤީޤަތްހާމަކުރުން.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު (ޤާނޫނު ނަންބަރު 2008/10)ގެ 21 ވަނަ މާއްދާގެ (ބ) ގައި ކޯޓުތަކުގެ ޢާންމު އިދާރީކަންކަން ބެލެހެއްޓުމަށާއި އަދި އެކަންކަން ކުރުމަށް ފަންނީ އެޑްމިނިސްޓްރޭޓަރެއް ޢަައްޔަންކޮށް ޢާންމުއިދާރީ ކަންކަން ހިންގުން މިކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. ޢާންމު އިދާރީ ކަންކަމުގެ ތެރޭގައި ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހާ ކަންކަންކުރުން ހިމެނެއެވެ. ވީމާ މިކޮމިޝަނުން ފަންނީގޮތުން މިކަމުގައި ކޯޓުތަކަށް އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށްފަހު އެމަޤާމަކީ ސިވިލް ސަރވިސްގެ ޕާރމަނެޓް ސެކްރެޓަރީންގެ މަޤާމާ އެއްފަދަ މަޤާމެއްކަމަށް ހަމަޖައްސާ އެފަރާތާއިއެކު ޖުޑީޝަލް ސަރވިސް ކޮމިޝަނުން 5 އަހަރުދުވަހުގެ އެގްރީމެންޓެއްކޮށް އެފަރާތާއި މަސައްކަތް ހަވާލުކުރެވިފައިވާނެއެވެ. ޢާންމު އިދާރީ ކަންކަން ހިންގުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަކި ޑިޕާރޓްމެންޓެއް ހެދުމަށް ޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކޮމިޝަނުން އިއްތިފާގުވީ އާންމުއިދާރީކަމަކަށްވިޔަސް ސިދާ ކޮމިޝަން އޭގައި ޝާމިލްނުވެ ކޯޓުތަކުގެ ފަނޑިޔާރުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް (ފަންނީ އެޑްމިނިސްޓްރޭޓަރ) ދިނުމަށެވެ. މިގޮތުން އޭނާއަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި ވަކިއިދާރާއެއް ހަމަޖައްސާ މުވައްޒަފުންނާބެހޭ ޤަވާއިދު އެކުލަވާލައި ކޯޓުތަކުގެ ޢާންމު އިދަރީކަންކަން ހިންގުމުގެ ފުރިހަމަ އިޚްތިޔާރު އެޑިޕާޓްމަންޓަށް މިކޮމިޝަނުން ދީފައިވަނިކޮށް ސުޕްރީމްކޯޓުގެ ރޫލިންގ ނަންބަރު 01/RU-SC/2008 އިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) މިކޮމިޝަނަށް އެނގުމަކާނުލާ ބާތިލްކުރުމާއިއެކުވެސް މިކޮމިޝަނުން އެރޫލިންގއަށް އިޙްތިރާމްކޮށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ރޫލިންގއާއި އެއްގޮތަށް ފުރުޞަތު ދީފައިވާނެއެވެ. އެދުވަހުން ފެށިގެން ސުޕްރީމްކޯޓުގެ ދަށުން އިރުޝާދު ލިބިގެން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުން ދަނިކޮށް 2009 އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވިއިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މިކޮމިޝަނުގެ ސެކްރެޓޭރިއޭޓުގެ މުވައްޒަފުންކަމަށް ފާސްކޮށް އެޑިޕާޓްމަންޓުން ކުރުމަށް ކަނޑައަޅާއިވާ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޙަވާލުކުރެއްވުމަށް ނިންމެވުމުން އެކަންއެގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ތަންފީޒުކުރެއްވިއެވެ.
މިގޮތަށް ކަންތައްތައް ހިނގުމުން ކޮމިޝަނުންބެލީ ސުޕްރީމްކޯޓާއި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު ވީހާވެސް ސުލްޙަވެރިގޮތެއްގައި މިކަންޙައްލުކުރުމަށެވެ. އެހެންނަމަވެސް މިކަމުގައި އަދި އެހީތެރިކަން ލިބިފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލިސުންކަން މިކޮމިޝަނުން ހިތާމަޔާއެކު ފާހަގަކުރަމެވެ.
2- ޝަރުޢީ ކޯޓުތަކުގެ ބަޖެޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓް މިކޮމިޝަނުން ދޫނުކޮށް ހިފަހައްޓައިގެން އުޅޭކަމަށް ދައްކަމުންގެންދާ ވާހަކަތަކުގެ ޙަޤީޤަތްހާމަކުރުން.
މިކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ)ގެ 6 ވަނަ ނަންބަރުގައިވާގޮތުގެ މަތިން ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓަޑް ބަޖެޓް ކޯޓުތަކުގެ މަޝްވަރާއާއެކު އެކުލަވާލުމަށް ބަޔާންކޮށްފައިވާތީ، އެމަސައްކަތްކޮށް ޝަރުޢީދާއިރާގެ ބަޖެޓްވާނީ ކަމާބެހޭފަރާތަށް ފޮނުވާފައެވެ. 2009 ވަނަ އަހަރުގެ ބަޖެޓް ލިބުމާއިއެކު ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި އަދި ދަށުކޯޓުތަކަށް އެބަޖެޓް ހަވާލުކުރެވިފައިވާނެއެވެ. އަދި އެކޯޓެއްގެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތައްވެސް އެކޯޓެއްގެ ބަޖެޓުންދަނީ ކުރަމުންނެވެ. އަދި ރަށުކޯޓުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ އުސޫލުން މިކޮމިޝަނުން މިގެންދަނީ ފޮނުވަމުންނެވެ. މިއީ މިނިސްޓްރީ އޮފް ޖަސްޓިހުންވެސް ޢަމަލުކުރަމުންދިޔަ އުސޫލެވެ. އެހެންނަމަވެސް މިކޮމިޝަނުން ބޭނުންވަނީ ރަށްރަށުގެ ރަށުކޯޓުތަކަކީވެސް މާލޭ ކޯޓުތަކެކޭ އެއްފަދައިން ވަކިބަޖެޓެއް އޮންނަ ބަޖެޓު ވަކިކުރެވިފައިވާ ތަންތަންކަމަށް ހެދުމަށެވެ. އެކަމާބެހޭ އިންތިޒާމްތައްވެސް މިގެންދަނީ ކުރަމުންނެވެ.
3- ކޮމިޝަނުން ކޯޓުތަކުގެ އިދާރީ ކަންތައްތަކުގެ ތެރެއަށް ވަންނަކަމަށް ބައެއްފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކުގެ ޙަޤީޤަތް ހާމަކުރުން.
ރައްޔިތުންގެ މަޖިލީހުން 2009 ވަނަ އަހަރު، ޑިޕާރޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓް މިކޮމިޝަނާއި ހަވާލުކުރުމުން ބަޖެޓްގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ނުކޮށް މަޑުޖެއްސުމަކީ ޝަރުޢީދާއިރާއަށް އެކަމުގެ ނޭދެވޭ އަސަރު ކޮށް މުޅިދާއިރާ ހުއްޓުމަކަށް އަތުވެދާނެކަމެކެވެ. ވުމާއިއެކު މަޖިލީހާއި ސުޕްރީކޯޓާއި ދެމެދު ހިނގަމުންދާ މިމައްސަލަ ވަކިގޮތަކަށް ނިމެންދެން ބަޖެޓުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހުއްޓާލުމުގެ ބަދަލުގައި ދާއިރާއަށް މިކަމުގެ ނޭދެވޭ އަސަރުކުރިޔަ ނުދިނުމުގެ ގޮތުން އެކަންތައްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވެއެވެ. މިކޮމިޝަނަށް ފާހަގަކުރެވޭގޮތުގައި ޤާނޫނު އަސާސީން ވަކިކަންތައްތަކެއް ހާސިލުކުރަން ބޭނުންވިޔަސް ޝަރުޢީދާއިރާ ވޭތުވެ ދިޔަ 100 އަހަރަށްވުރެ ދިގުމުއްދަތުގައި ބައްޓަންވެފައި އޮތް ގޮތުން އެކަންކުރުމަށް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވަމުން ދާކަމެވެ. އެގޮތުން މިހާތަނަށް ޝަރުޢީދާއިރާގެ ހުރިހާކަމެއްވެސް ހިނގަމުން އައީ މަރުކަޒީ އުސޫލުންނެވެ.

ދައުލަތުގެ އެހެން މުއައްސަސާތަކާއި އަޅާބަލާއިރު ކޯޓުތަކުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ހާލަތު ވަރަށް ދަށުދަރަޖައިގައިވާކަމަށް ފާހަގަކުރެވެއެވެ. އެގޮތުން ކޮމިޝަނަށް ފާހަގަކުރެވުނު ބައެއް ކަންތައްތަކުގެތެރޭގައި ތަމްރީނުވެފައިވާ ފަނޑިޔާރުން ތިއްބެވިނަމަވެސް ތަމްރީނުވެފައިވާ އިދާރީ މުވައްޒަފުން މަދުންނޫނީ ނެތްކަމެވެ. މިގޮތުން އެކައުންޓެންޓުން، މެނޭޖްމަންޓް ދާއިރާގެ މީހުން، އައިޓީ ދާއިރާގެ މީހުން، ރަޖިސްޓްރާއިން ކޯޓުތަކުގައި މަދުންނޫނީ ނެތުމުން ޝަރުޢީދާއިރާގެ އިދާރީ ހިންގުމާއި ޢާންމުންނަށް ދޭޚިދުމަތްތައް ދިނުމުގައި ވަރަށްބޮޑެތި ދަތިތަކަކާއި ކޯޓު ތަކުން ކުރިމަތިލާންޖެހިފައިވެއެވެ.

މިކަންކަން ފާހަގަކުރެވުމާއިއެކު މިކޮމިޝަނުން އަވަސްވެގަތީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މަރުކަޒީއުސޫލުން ހިނގަމުންއަންނަ ކުދި ކަންތައްތަކުން ފެށިގެން ބޮޑެތިކަންތައްތަކާއި ހަމަޔަށް ކޯޓުތަކަށް ދޫކޮށްލާ ފަންނީ ގޮތުންނާއި އިދާރީ ގޮތުން ކޯޓުތައް ވަރުގަދަކުރުމަށް ރާވަންޖެހޭ ރޭވުންތައް ރޭވުމަށާއި އަދި އެކަމުގައި ކޯޓުތަކަށް އެހީތެރިވެ ދިނުމަށެވެ. މިކޮމިޝަނުން ދެކޭގޮތުގައި ޝަރުޢީ ކޮންމެ ކޯޓަކީވެސް ޝަރުޢީ ކަންތައްތަކާއި އިދާރީ ކަންތައްތައް ހިންގުމުގައިވެސް އެހެން އެއްވެސް ކޯޓެއް ނުވަތަ އެހެންއެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ހިނގާ މިނިވަން މުސްތަޤިއްލު ކޯޓެކެވެ. ޤާނޫނު އަސާސީ ބައްޓަންކުރެވިފައިވާ ގޮތުން ދިވެހިރާއްޖޭގެ ޝަރުޢީނިޒާމްގައި 3 މަރުޙަލާއެއްގެ ކޯޓުތައް އެކުލަވާލައްވާފައިވެއެވެ. އަދި ކޮންމެ މަރުހަލާއެއްގެ ކޯޓުތަކަށްވެސް އެކޯޓެއްގެ މަސައްކަތާއިގުޅޭގޮތުން ކަނޑައެޅިފައިވާ އިޚްތިޞާޞްއިން ބޭރުން މަތީ މަރުހަލާއެއްގެ ކޯޓުން ދަށުމަރުހަލާއެއްގެ ކޯޓުތަކަށް ނުފޫޒްނުފޯރުވޭ ގޮތަށް ޢަދުލު އިންސާފުޤާއިމްކުރުމުގެ ނިޒާމް ޤާއިމްކޮށްފައިވާކަން މިފުރުސަތުގައި ރައްޔިތުންނަށް ހާމަކޮށްދެމެވެ. މިސަބަބަށްޓަކައި ކޯޓުތަކުގެ މުސްތަޤިއްލުކަން ގެއްލިގެންދާފަދަ އެއްވެސް ޢަމަލެއް މިކޮމިޝަނުން މިހާތަނަށް ކޮށްފައެއް ނުވާނެއެވެ. މިކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ކޯޓުތަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤު މަޤާމު ހޯދައިދީ ކޯޓުތަކުގެ ޙުރުމަތް ދެމެހެއްޓުމަށެވެ.
4-    މިކޮމިޝަނުގެ މެންބަރަކު މެންބަރުކަމުން ވަކިކޮށްފައިވާކަމަށް ބަޔަކުމީހުން ދައްކަމުންދާ ތަކުގެ ޙަޤީޤަތް ހާމަކުރުން

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 5 ވަނަ މައްދާގެ (ޅ) ގައި ވަނީ އެޤާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި 8 ވަނަ ނަންބަރާއި އަދި 10 ވަނަ ނަންބަރުގައި ބަޔާންކުރާ މެމްބަރުން ސިޔާސީ ޕާޓީއެއްގެ މެމްބަރުކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކުކަމުގައި ނުވުމެވެ. އެމެމްބަރުންނަކީ ޢާންމުންގެ ތެރެއިން އައްޔަންކުރާ މެމްބަރާއި، ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރާއި އަދި ޤާނޫނީ ވަކީލުންގެ ތެރެއިން އެބައިމީހުން ހޮވާ މެމްބަރެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 10 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައި ވަނީ އެޤާނޫނުގެ 3 ވަނަ މާއްދާގެ 6، 8 އަދި 10 ގައި ބަޔާންކުރާ ކޮމިޝަނުގެ މެމްބަރެއްގެ ކިބައިގައި ހުރުން މިޤާނޫނު ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އެއިން މެމްބަރެއްގެ ކިބައިން އުނިވެއްޖެނަމަ އެމަޤާމް ހުސްވާނެކަމަށެވެ. އެހެންނަމަވެސް ކޮމިޝަންގެ ޤަނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގައިވާ މެމްބަރު ސިޔާސީޕާޓީއެއްގައި އުޅުއްވާކަމުގެ މަޢުލޫމާތު މިކޮމިޝަނަށް ލިބުމާއި ގުޅިގެން މިކޮމިޝަނުން ބެލިބެލިމުން 30 ނޮވެމްބަރ 2008 ގައި ސިޔާސީ ޕާޓީއަކާ އެމެމްބަރު ގުޅިވަޑައިގެންފައިވާކަން އެނގުނެވެ. އެހެންކަމުން އެކަމާމެދު ގޮތެއް ނިންމަވައިދެއްވާ މަޤާމު ހުސްވެފައިވާނަމަ މެމްބަރަކު ހޮއްވަވާދެއްވުން އެދި އެމެމްބަރު ޢައްޔަންކުރި ފަރާތުގައި މިކޮމިޝަނުންވާނީ ދަންނަވާފައެވެ. މިކޮމިޝަނުން މިހާތަނަށް އެއްވެސް މެމްބަރަކު މިކޮމިޝަނުގެ މެމްބަރުކަމުން ވަކިކޮށްފައެއް ނުވާނެއެވެ.
5-    މަދަނީކޯޓުގެ އިސް ޤާޟީ ވަޒީފާއިން ވަކިކުރެއްވިކަމަށް ދެކެވޭ ދޮގު ވާހަކައިގެ ޙަޤީޤަތް ހާމަކުރުން
ރަށްރަށުގެ ކޯޓުތަކެކޭ އެއްފަދައިން ކުޑަކުދިންނާބެހޭ ކޯޓަކީ ވަރަށް ބޮޑަށް އަޅާނުލެވި އޮތް ތަނެއްކަމަށް މިކޮމިޝަނަށް ފާހަގަކުރެވެއެވެ. ކުޑަކުދިން ކުށްކުރުންގިނަވެ އަދި ކުރާކުށްތައް ސީރިއަސް ވެފައިވާއިރު އެކުދިން ރަގަޅުކުދިންގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެވޭތޯ ބެލުމަކީ މިއަދު ދިވެހި ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ. މީގެކުރިން ކުޑަކުދިންނާބެހޭ ކޯޓު ހުންނަނީ ޖިނާއީ ކޯޓުގެ އިސްޤާޟީގެ ބެލުމުގެ ދަށުގައި ކަމަށްވެފައި ޖިނާއީ ކޯޓަކީ 18 އަހަރުން މަތީ މީހުން ކުރާ ކުށްތައްބަލާ ނިޔާކަނޑައަޅާ ކޯޓެއް ކަމަށްވާތީ އެކޯޓުގެ ފަނޑިޔާރުންނާ ކުޑަކުދިންނާބެހޭ ކޯޓާ ގުޅުވުން ރަގަޅުނޫންކަމަށް ކުޑަކުދިންނާ ބެހޭ ކޯޓުހިންގުމާ ބެހޭގޮތުން މިކޮމިޝަނުން ހޯދި މަޢުލޫމާތުން އެނގިފައިވެއެވެ. ކުޑަކުދިންނާބެހޭ ކޯޓަށް ބޮޑަށް ބޭނުންވަނީ ކުޑަކުދިންގެ ކަންތައްތަކަށާއި ޢާއިލީ ކަންތައްތަކަށް ހޭލުންތެރިވެފައިވާ ފަނޑިޔާރެއްކަމަށް ކޮމިޝަނަށް ފާހަގަކުރެވުމުން އެފަދަ ފަނޑިޔާރަކު އެމަޤާމަށް އިސްކުރުމުން އެފަދަ ކުޑަކުދިން އަނބުރާ މުޖުތަމަޢަށްގެނެސް އެމީހުންނަކީ ރަގަޅު ބަޔަކަށް ހެދުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރެވިދާނެ ކަމަށެވެ. މިބަދަލާއި ގުޅިގެން ބައެއް ނޫސްތަކުގައި ލިޔެވިފައިވާ ގޮތާއި ޚިލާފަށް ކުޑަކުދިންނާބެހޭ ކޯޓަކީ މަދަނީކޯޓާއި އެއްމަރުޙަލާއެއްގެ ކޯޓެކެވެ. ނަމަވެސް ބައެއްފަރާތްތަކުން ގަސްތުގައި ކުޑަކުކުދިންނާބެހޭކޯޓަކީ މަދަނީކޯޓަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓެއްކަމަށްބުނެ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރާތީ މިކޮމިޝަނުން މިކަންތައް ވަރަށްބޮޑަށް ކުށްވެރިކުރަމެވެ. އަދި މިފަދަ ކަންތައްތައްކޮށްގެން ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތްނުކުރެއްވުމަށް މިފުރުސަތުގައި އެފަދަފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ކުޑަކުދިންނާބެހޭ ކޯޓަށް ހުށައެޅޭ މައްސަލަތަކަކީ އަވަސްނިޔާއަކާއެކު އަވަސްޙައްލެއް ބޭނުންވެފައިވާ މައްސަލަތަކެއް ކަމަކަށްވާތީ މިކަންކަމަށް ރިޢާޔަތްކޮށް މިފަދަ ބަދަލެއްގެނައުމަކީ މިހާރު މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ކުޑަކުދިން ކުށްކުރުމުން ދުރުހެލިކޮށް އެކުދިން ރަގަޅުގޮތުގައި މުޖުތަމަޢަށް އަނބުރާއާދެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި މިކޮމިޝަނުން ކުރަންޖެހިފައިވާ ކަމެއްކަމުގައި ނޫނީ ނުދެކެމެވެ.
6. ސިޔާސީ މަޤްސަދުތަކެއް ޙާސިލްކުރުމަށް ޝަރުޢީދާއިރާ ސިޔާސީ ކަންތައްތަކެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްނުކުރުމަށް ހުރިހާ ފަރާތްތަކަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިލްތިމާސްކުރަމެވެ.
ބައެއް ފަރާތްތަކުން ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ޢަދުލު އިންސާފުޤާއިމްކުރުމުގެ ބާރުގެ ބައެއްނޫންކަމަށް ދެއްކުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޢަދުލު އިންސާފުގެ ދާއިރާއަށް ޤާނޫނު އަސާސީން ދީފައިވާ މުސްތަޤިއްލުކަން ކަނޑުވާލާ ވަކިބައެއްގެ ނުފޫޒުގެ ދަށަށް ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތެއްކަންވެސް ވަރަށްރަގަޅަށް ހާމަވެގެންދެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުޅި ދައުލަތް ތަމްސީލުވާގޮތަށް ޤާނޫނު އަސާސީން ޤާއިމްކޮށްފައިވާ ކޮމިޝަނެކެވެ. އެއީ ވަކިދާއިރާއަކަށް ބަރޯސާނުވެ މުޅިދައުލަތް ތަމްސީލުވުމުން ނޫނީ ޢަދުލު އިންސާފުޤާއިމްކުރުމުގެ ނިޒާމްގެ މުސްތަޤިއްލުކަން ނުހިފެހެއްޓޭނެތީއެވެ. ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ޝަރުޢީދާއިރާ ރަގަޅުކޮށް އެދެވޭގޮތެއްގައި ހިންގޭނީ ސިޔާސީ ވިސްނުމުން އެއްކިބާވެ ފަނޑިޔާރުންނާއި، ދައުލަތާއި އަދި ޢާންމުރައްޔިތުންނާއި ވަކީލުންނާއި މި ހުރިހާ ފަރާތެއްގެ ފުރިހަމަ އެއްބާރުލުން އެދާއިރާއަށް ލިބިގެންކަން މިކޮމިޝަނުން ފާހަގަކުރަމެވެ. ބައެއްގެ ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށް ޝަރުޢީދާއިރާ ސިޔާސީ ކަންތައްތަކެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްނުކުރުމަށް ހުރިހާ ފަރާތްތަކަކަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި ޝަރުޢީދާއިރާގެ ކަންތައްތަކަށް ގޮތްކިޔާ ފާޑުކިޔާއިރު އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވާ ޤައުމުގެ ހަމަޖެހުމަށް ވިސްނުމަށްވެސް މިކޮމިޝަނުން ގޮވާލަމެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން މިޒަމާނާ އެއްގޮތަށް ޝަރުޢީދާއިރާގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތްކުރާ ދުވަސްވަރެއްގައި އެޤާނޫ އަސާސީގެ ދަށުން ޝަރުޢީދާއިރާ ހިނގަންފެށި މިހާ ޅަފަތުގައި އެދާއިރާގެ މުއައްސަސާތަކާއި އަދި އެދާއިރާގެ އިތުބާރު ގެއްލޭފަދަގޮތަކަށް ރައްޔިތުންގެ ތެރޭގައި ދޮގުވާހަކަތައް ދެއްކުމަކީ މިކޮމިޝަނުން އެކަމާމެދު ހިތާމަ ކުރާކަމެކެވެ. އަދި ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުން ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރައްވާ ވަކީލުން ވަކިފަނޑިޔާރަކަށް ތާއީދު ކުރައްވާ ނުވަތަ ތާއީދު ނުކުރައްވާ ވާހަކަ ދެއްކެވުމަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުސީދާކޮށް ނުފޫޒުފޯރުވުން ކަމުގައި ނޫނީ މިކޮމިޝަނުން ނުދެކެމެވެ. މިކަމުގެ ސަބަބުން ޤާނޫނު އަސާސީގެ ރޫޙާއެއްގޮތަށް ރައްޔިތުންނާ ލިބެންޖެހޭ ހައްގުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބުމަށް ދަތިތަކަކާ ކުރިމަތިވަމުންދާނެކަން މިކޮމިޝަނުން ހިތާމަޔާއިއެކު ފާހަގަކުރަމެވެ.
8 ފެބްރުއަރީ 2009