ސިޔާސީ މަޤްސަދުތަކެއް ޙާސިލްކުރުމަށް ޝަރުޢީދާއިރާ ސިޔާސީ ކަންތައްތަކެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްނުކުރުމަށް ހުރިހާ ފަރާތްތަކަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިލްތިމާސްކުރައްވައިފި

28/1/2010

ބައެއްގެ ސިޔާސީ މަޤްސަދުތަކެއް ޙާސިލްކުރުމަށް ޝަރުޢީދާއިރާ ސިޔާސީ ކަންތައްތަކެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްނުކުރުމަށް ހުރިހާ ފަރާތްތަކަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި ޝަރުޢީދާއިރާގެ ކަންތައްތަކަށް ގޮތްކިޔާ ފާޑުކިޔާއިރު އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވާ ޤައުމުގެ ހަމަޖެހުމަށް ވިސްނުމަށްވެސް މިކޮމިޝަނުން ގޮވާލަމެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުޅި ދައުލަތް އޭގައި ޝާމިލްވާ ކޮމިޝަނެކެވެ. ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ރާއްޖޭގެ ޝަރުޢީދާއިރާ ރަގަޅުކޮށް އެދެވޭގޮތެއްގައި ހިންގޭނީ ސިޔާސީ ވިސްނުމުން އެއްކިބާވެ ފަނޑިޔާރުންނާއި، ދައުލަތާއި އަދި ޢާންމުރައްޔިތުންނާއި ވަކީލުންނާއި މި ހުރިހާ ފަރާތެއްގެ ފުރިހަމަ އެއްބާރުލުން އެދާއިރާއަށް ލިބިގެންކަން މިކޮމިޝަނުން ފާހަގަކުރަމެވެ.
އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން މިޒަމާނާ އެއްގޮތަށް ޝަރުޢީދާއިރާގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތްކުރާ ދުވަސްވަރެއްގައި އެޤާނޫނު އަސާސީގެ ދަށުން ޝަރުޢީދާއިރާ ހިނގަންފެށި މިހާ ޅަފަތުގައި އެދާއިރާގެ މުއައްސަސާތަކާއި އަދި އެދާއިރާގެ އިތުބާރު ގެއްލޭފަދަގޮތަކަށް ރައްޔިތުންގެ ތެރޭގައި ދޮގުވާހަކަތައް ދެއްކުމަކީ މިކޮމިޝަނުން އެކަމާމެދު ހިތާމަކުރާކަމެކެވެ. އަދި ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުން ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރައްވާ ވަކީލުން ވަކިފަނޑިޔާރަކަށް ތާއީދު ކުރައްވާ ނުވަތަ ތާއީދު ނުކުރައްވާ ވާހަކަ ދެއްކެވުމަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުސީދާކޮށް ނުފޫޒުފޯރުވުންކަމުގައި ނޫނީ މިކޮމިޝަނުން ނުދެކެމެވެ. މިކަމުގެ ސަބަބުން ޤާނޫނު އަސާސީގެ ރޫޙާއެއްގޮތަށް ރައްޔިތުންނާ ލިބެންޖެހޭ ހައްގުތައް އޭގެއެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށް ދަތިތަކަކާ ކުރިމަތިވަމުންދާނެކަން މިކޮމިޝަނުން ހިތާމަޔާއިއެކު ފާހަގަކުރަމެވެ.
8 ފެބުރުއަރީ 2009