ހައިކޯޓުގެ 3 ފަނޑިޔާރަކު ސޮއިކުރައްވައި ޤަރާރެއް ނެރުއްވާފައިވާތީ އެކޯޓުން ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އެމަޤާމުން ވަކިވެފާވާކަން، ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނަށް އަންގަވައިފި

31/1/2010

ޤާނޫނުއަސާސީގެ 165 ވަނަ މާއްދާގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަދި ކޮމިޝަންގެ ރައީސްގެ މަޤާމުފުރުއްވަމުންގެންދަވާ ޢަބްދުލްޣަނީ މުޙަންމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް، 21 ޖެނުއަރީ 2010 ވަނަ ދުވަހު ހައިކޯޓުގެ 3 ފަނޑިޔާރަކު ސޮއިކުރައްވައި ޤަރާރެއް  ނެރުއްވާފައިވާތީ، އެމަޤާމު މިހާރުވަނީ ހުސްވެފައިކަން، ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަނަށް އަންގަވައިފިއެވެ.

ހައިކޯޓުގެ ތިންފަނޑިޔާރަކު ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރާގުޅިގެން ރައީސްއޮފީހުން ނެރުއްވި ނޫސްބަޔާނުގައި، މިއީ ޑިމޮކްރަސީގެ ރޫޙާ ޚިލާފަށް ކުރައްވާފައިވާ ޢަމަލެއްކަމަށް ރައީސް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.

ޤާނޫނުއަސާސީގެ 160 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައްޡިއްޔަތުން ރައީސުލް ޖުމްހޫރއިްޔާގެ ޒިންމާއަކަށް ވުމާއެކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 11 ވަނަ މާއްދާގައި، ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެމީހަކު އެމަޤާމަށް ޢަައްޔަންކުރިފަރާތަކުން، އެމަޤާމަށް އަލުން މީހަކު ޢައްޔަންކުރުމަށް ކަނޑައަޅާފައިވާތީ، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެމަޤާމަށް މީހަކު އިންތިޚާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަވާފައެވެ.