ވަކިފަރާތަކަށް ނުޖެހުން
ވަކިފަރާތަކަށް ނުޖެހުމާއި ފުރިހަމަ މުސްތަޤިއްލުކަމަކީ، ފަނޑިޔާރެއްގެ މަޤާމުގެ ވާޖިބު ފުރިހަމަގޮތުގައި އަދާކުރުމަށް ކޮންމެހެން ލާޒިމުކަމެކެވެ. މިގޮތުން، ޝަރީޢަތް ހިންގުމުގައާއި، ޙުކުމާ ހަމައަށް ވާސިލުވުމުގައާއި ޙުކުމް ކުރުމުގައި ފަނޑިޔާރުން ވަކިފަރާތަކަށް ނުޖެހި މުސްތަޤިއްލުވުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.
ޢަމަލުކުރަންވީ ގޮތް
ފަނޑިޔާރުން، އެމީހުންގެ ވާޖިބު އަދާކުރަންވާނީ، ތަޢައްޞުބުން އެއްކިބާވެހުރެ ހަމަހަމަކަމާއި މުސްތަޤިއްލުކަމާއެކު، ވަކިފަރާތަކަށް ނުވަތަ ވަކިފަރާތެއްގެ މަޞްލަޙަތަށް އިސްކަންދިނުމަކާނުލައެވެ.
ކޯޓުގައާއި، ކޯޓުން ބޭރުގައި، ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންވާނީ، ޤާނޫނީ އަދި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއި، މައްސަލަތަކުގައި ހިމެނޭ ޚަސްމުންނާއި ޢާންމުންގެ މެދުގައި، ޢަދުލުއިންޞާފު ޤާއިމުކުރާ ދާއިރާގެ އިތުބާރު ދެމެހެއްޓޭފަދަ ގޮތަކަށެވެ. މިގޮތުން، އެއްވެސް ފަނޑިޔާރަކު، ކޯޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ލަފާކުރެވޭ މައްސަލައެއްގައި، އެއްވެސް ފަރާތަކަށް އެއްވެސް ކަހަލަ ލަފައެއް ނުވަތަ މަޝްވަރާއެއް ދީގެންނުވާނެއެވެ.
ކޯޓަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ މައްސަލައެއްގެ ޙުކުމަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދަ ނުވަތަ މައްސަލައެއް އިންސާފުވެރިކަމާއެކު ބެލުމަށް ހުރަސްއެޅޭފަދަ ލަފައެއް ނުވަތަ މަޝްވަރާއެއް ވިޔަސް ފަނޑިޔާރަކު އެއްވެސް ފަރާތަކަށް ދީގެންނުވާނެއެވެ.
ޝަރީޢަތް ކުރުމުގައި ފަނޑިޔާރު ބަލަންވާނީ ޝަރީޢަތަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށެވެ.