ފަނޑިޔާރުން އައްޔަންކުރުމަށާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާކަމަށް، ކުރެވޭ ތުހުމަތުތަކުގެ ޙަޤީޤަތް ހޯދުމަށް، ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެކުލަވާލި ކޮމިޓީގެ ރައީސަކަށް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަދި ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހިމް ރިފްޢަތު އައްޔަނުކުރައްވައިފި

10/1/2019

ފަނޑިޔާރުން އައްޔަންކުރުމަށާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާކަމަށް، ކުރެވޭ ތުހުމަތުތަކުގެ ޙަޤީޤަތް ހޯދުމަށް، ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެކުލަވާލި ކޮމިޓީގެ ރައީސަކަށް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަދި ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހިމް ރިފްޢަތު އައްޔަނުކުރައްވައިފިއެވެ.

މި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ހަޤީޤަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މަޢޫލޫމާތު ހޯދުމަށް ކޮމިޓީން ނިންމިއެވެ. އަދި މީގެ އިތުރުން އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ފަަރާތުން ފޯރުކޮށްދެވެންހުރި މަޢޫލޫމާތާއި ހެކި ހިއްސާކޮށްދެއްވުމަށް ދެންނެވުމަށާއި އަދި ދަޢުލަތުގެ ތަޙްޤީޤީ އިދާރާތަކުންނާއި އެހެނިހެން ފަރާތްތަކުން މަޢޫލޫމާތު ހޯދުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމިއެވެ. ފަނޑިޔާރުންނާ މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތައް އެކަމުގައި ޝާމިލްވާ ކަމަކަށްވާތީއާއި އަދި އެކަމުގެ ހަޤީޤަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖުޑިޝަރީއާމެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއްކަމަށްވާތީ، ކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމައި އަދި ކޮމިޓީގެ މަސައްކަތް ކުރިއަށްދާގޮތް އާންމުކޮށް ހިއްސާކުރަމުން ގެންދިއުމަށް ނިންމުނެވެ.