ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު 01 އޮކްޓޯބަރުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ކޮމިޝަނުން ނިންމައިފި

17/9/2015

ޞިއްޙީ ޙާލަތު ހުރިގޮތުން ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެވެން އުޒުރުވެރިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު 01 އޮކްޓޯބަރުން 2015 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަކުރައްވުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ފަނޑިޔާރުކަމުން ރިޓަޔަކޮށްދެއްވުމަށް ކޮމިޝަނުން ނިންމެވީ، ޞިއްޙީ ޙާލަތު ހުރިގޮތުން ފަނޑިޔާރުކަމުގެ މަގާމް އަދާކުރެވެން އުޒުރުވެރިވާކަމަށް ބަޔާކުރައްވައި ހުށަހަޅުއްވާފައިވާ ޑޮކްޓަރުގެ ލިޔެކިޔުންތަކަށް ބަލާއިރުވެސް ޞިއްޙީގޮތުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރިވާފަދަ ސީރިއަސް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭތީއެވެ. އެހެންކަމުން “އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު” ގެ ދަށުން 01 އޮކްޓޯބަރ 2015 ން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ރިޓަޔަރކޮށްދެއްވުމަށް ކޮމިޝަނުން ވަނީ ނިންމިއެވެ.