ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރިޔަމް ނިހާޔަތު މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމައިފި

17/8/2015

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރިޔަމް ނިހާޔަތުގެ މައްޗަށް ހުށަހަޅާފައިވާ ނަންބަރު 2015/15 ޝަކުވާއާ ގުޅިގެން ތަޙްޤީޤުކުރަމުންދާ ތައުދީބީ ކޮމެޓީން ކޮމިޝަންގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރިޔަމް ނިހާޔަތު މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަންގެ މިއަދުގެ ޖަލްސާގައި މިގޮތަށް ނިންމީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ނަންބަރު 15/2015 ޝަކުވާ، ކޮމިޝަނުން ތަޙްޤީޤް ކުރުމަށް ކޮމިޝަނުގެ ނަންބަރު JSC-B-CB/15/101 (08 ޖުލައި 2015) ނިންމުން ނިންމުމާ ގުޅިގެން، ފަނޑިޔާރު ތަޙްޤީޤަށް ދީފައިވާ ބަޔާނާއި، ޝަކުވާގެ ބާވަތަށާއި، މިހާތަނަށް ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހުގައެވެ. މިގޮތުން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙްޤީޤުކޮމިޓީން މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި ޤާނޫނުގައިވާ ގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރިޔަމް ނިހާޔަތު މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ކޮމިޝަނުން ނިންމިއެވެ.