ނޫސްބަޔާން

18/7/2013

17 ޖުލައި 2013 ގައި ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ 68 ވަނަ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދާ ބެހޭގޮތުން ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައެއްގައި ފަނޑިޔާރު އަލީ ޙަމީދު ސަސްޕެންޑް ކުރުމަށް ނުފެންނަކަމަށް ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ.

 ކޮމިޝަނުން 17 ޖުލައި 2013 ގައި ކުރިއަށް ގެންދެވުނު ކޮމިޝަންގެ ރަސްމީ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ، ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދާ ބެހޭގޮތުން ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ ޝަކުވާގައި، ފަނޑިޔާރު އަލީ ޙަމީދު ގެ މައްޗަށް ވަގުތީ ފިޔަވަޅެއް އެޅުމަށްޓަކައި ތަޙްޤީޤު ކޮމެޓީން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދުގައެވެ. މި މައްސަލާގައި މެމްބަރުން ބަހުސްކުރައްވައި ފުރަތަމަ ހުށަހެޅުނު ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދު ސަސްޕެންޑް ނުކުރުމަށް ހުށަހެޅުނު ހުށަހެޅުމެވެ. ނަމަވެސް މި ނިންމުން ފާހެއް ނުވިއެވެ.

އިސްވެދެންނެވުނު ޖަލްސާގައި ކޮމިޝަންގައި ދެވަނައަށް ހުށަހެޅުނު ހުށަހެޅުމަކީ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދު ގެ މައްޗަށް ވަގުތީ ފިޔަވަޅެއް އެޅުމުގެ ކުރިން، މިހާރު ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު މަޢުލޫމާތުތަކެއް ސާފުކޮށްގެން އަލުން ކޮމިޝަނަށް ގެނައުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޝަންގެ އަޣުލަބިއްޔަތަށް ބުރެވެވުނީ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދުގެ ޝަކުވާ ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ ކުރިން ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު މަޢުލޫމާތުތަކެއް ސާފުކުރުމަށް ބޭނުންވާކަމަށާއި، (ކޮމިޝަނުންގެ މެމްބަރުން ޖަލްސާގައި ފާހަގަކޮށްފައިވާ މަޢުލޫމާތުތައް) އެ މަޢުލޫމާތުތައް  މިޝަކުވާ ތަޙްޤީޤުކުރާ ކޮމެޓީން ހޯއްދެވުމަށްފަހު، ރިޕޯޓު އަލުން މުރާޖާކޮށް މި މައްސަލަ ކޮމިޝަނަށް އަލުން އެޖެންޑާކުރުމަށެވެ.

ވީމާ، މިފަދަ ޚަބަރުތައް ކަމުގެ ހަޤީޤަތް އޮޅޭގޮތަށް މީޑިއާތަކުން އާންމުކުރުމަކީ އޭގެ ސަބަބުން ފިތުނަ ފަސާދަ އުފެދި ޤައުމުގެ ހަމަޖެހުމަށް ބުރޫއަރާނެކަމެއްކަމަށްވާތީ، ކަމުގެ ހަޤީޤަތް ސާފުކުރުމަކާނުލައި އެއްވެސް ފަރާތަކުން މިފަދަ ޚަބަރުތައް އާންމުކޮށް ޝާއިޢު ނުކުރުމަށް މި ކޮމިޝަނުން ޢިލްތިމާސްކުރަމެެވެ.