ނޫސްބަޔާން

3/2/2013

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފަނޑިޔާރުންނާއި ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 26 ވަނަމާއްދާ (ކުރީގެ 25 ވަނަ މާއްދާ)ގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހެކިން ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު މި ކޮމިޝަނަށް ލިބިދީފައިވެއެވެ. އެގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި، ކޮމިޝަނުން ބަލަމުންދާ ޝަކުވާތައް ބެލުމުގައި ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ހާޒިރުކޮށް އެމީހުންގެ ބަޔާންތައް ނެގުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުން މިކޮމިޝަނަށް ލިބިދީފައިވާ ބާރެކެވެ. މި ވާޖިބު އަދާކުރުމުގައި ކޮމިޝަނަށް ހެކިންގެ ގޮތުގައި ހާޒިރުކުރެވޭ ފަރާތްތަަކަކީ ވަކި މަސައްކަތެއް ކުރުމުގެ ސިފަލިބިފައިވާ ބަޔަކަށް ވުމަކަށް ޤާނޫނު ލާޒިމެއް ނުކުރެއެވެ.

އެގޮތުން މި ކޮމިޝަނުން ބަލަމުންދާ ފަނޑިޔާރެއްގެ ޝަކުވާއާ ގުޅިގެން ހެއްކެއްގެ ގޮތުގައި ސަން އޮންލައިންގެ ކުރީގެ ސީނިއާ ޑެޕިއުޓީ އެޑިޓަރު އާދަމް ހަލީމް ކޮމިޝަނަށް ހާޒިރުކޮށް، ސުވާލުކޮށްފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް 03 ފެބުރުއަރީ 2013 ވަނަ ދުވަހު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރެފައިވާ ނޫސްބަޔާނަކީ، ޤާނޫނުއަސާސީއާއި ޤާނޫނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި މި ކޮމިޝަނަން ލިބިދީފައިވާ އިޙްތިޞާސައް ރިޢާޔަތްކުރުމެއްނެތި ދެއްވާފައިވާ ބަޔާނެއްކަމަށް މި ކޮމިޝަނުން ދެކެވެ.

ވީމާ، މި ކޮމިޝަންގެ މެންޑޭޓް ގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންގެ ސުލޫކާ ބެހޭގޮތުން ހުށަހެޅޭ މިބާވަތުގެ އެންމެހާ ޝަކުވާތައް ބެލުމުގައި ޤާނޫނީގޮތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް މިފުރުސަތުގައި ހުރިހާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ.