ނޫސްބަޔާން

2/10/2012

މިކޮމިޝަންގެ ކުރީގެ މެމްބަރު އަދި ކޮމިޝަންގެ ނާއިބުރައީސްކަން ގިނަ މުއްދަތަކަށް ކުރައްވާފައިވާ، އަދި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު ޑރ. އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރިގޮތެއްގައި އެމަނިކުފާނު އަވަހާރަކޮށްލާފައިވާތީ، އެކަން މިކޮމިޝަނުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރަމެވެ.

މިފަދަ ލާއިންސާނީ ޢަމަލުތައް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ތަކުރާރުވަމުންދާ ދިއުމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދި ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ގެއްލެމުންދާތީ، މިކަން އަވަސް ބާރުމިނެއްގައި ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤުކޮށް މިޢަމަލު ހިންގާފައިވާ ފަރާތްތައް ހޯދައި މިކަމާގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ އަވަސްފިޔަވަޅުތައް އެޅުމަށް މިކޮމިޝަނުން ގޮވާލަމެވެ.

އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޑރ. އަފްރާޝީމް ޢަލީގެ ލޮބުވެތި ޢާއިލާއަށް މާތްﷲ ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، އެ މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރު ކޮށްދެއްވުން އެދި ދުޢާދަންނަވަމެވެ.