ނޫސްބަޔާން

17/9/2012

ފަނޑިޔާރުންނާ ގުޅޭގޮތުން އެފަރާތްތަކުގެ އަގުވެއްޓޭފަދަ ގޮތަަކަށް ކަންކަމުގެ ހަޤީޤަތް ނޭންގޭ ހާލު، އަދި މަޢުލޫމާތު ސާފުކުރަންވާވަރަށް ސާފުނުކޮށް ބައެއް މީޑިއާތަކުން އެއްވެސް ޒިންމާދާރުކަމެއްނެތި ފަނޑިޔާރުންނާ ގުޅޭގޮތުން ކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންގެންދާ ވާހަކަތަކަކީ، މުޖުތަމަޢުގެ އާންމު ފަރުދުންގެ ހިތްތަކުގައި ފަނޑިޔާރުންނާމެދު ނަފުރަތު އުފެދި، ރައްޔިތުންނަށް އަދުލުއިންޞާފު ހޯދައިދިނުމުގައި ކޯޓުތަކުން ކުރަމުންގެންދާ މަސައްކަތަށް ބޫރުއަރާ، ރައްޔިތުންގެ އިތުބާރު ގެންލިގެންދާނެ ކަމެއްކަމަށް މިކޮމިޝަނުން ދެކެމެވެ. އަދި މިއީ މީޑިއާގެ ޒިންމާދާރުކަމާއި، މަޢުލޫމާތު ފެތުރުމުގެ މިނިވަންކަމުގެ ‘އިން’ ފަހަނައަޅާ ދާކަމެއްކަމަށް ވީހިނދު، މިކަމުގައި ހުރިހާ ފަރާތްތަކަކުންވެސް މިހާރަށް ވުރެބޮޑަށް ސަމާލުވެ، ޒިންމާދާރުވުމަށް މިކޮމިޝަނުން އިލްތިމާސްކޮށް ނަޞޭހަތްތެރިވަމެވެ.

ފަނޑިޔާރުންގެ މަސައްކަތަކަކީ އަބަދުވެސް ކޮންމެވެެސް އެއްފަރާތެއްގެ ހިތްހަމަ ޖެހުމާއި، ނުޖެހުން ރައްދުވާނެ ކަމެއްކަމަށް ޠަބީއީގޮތުން ވެފައިވާ ކަމަކަށްވުމާއި، ފަނޑިޔާރުންނާ މެދު ޝައްކުއުފައްދާ، ފަނޑިޔާރުންގެ ޒިންމާއާ  ވާޖިބުއަދާކުރުމުގައި، ހުރަސްއެޅޭފަދަ ގޮތަކަށް ބައެއްފަރާތްތަކުގެ ޢަމަލުތައް ބައްޓަވަންމުންދާ ދިއުމަކީ އެމަކުގެ ސަބަބުން ރާއްޖޭގެ މުސްތަޤުބަލަށާއި، އުފެދެމުން އަންނަ ޖީލުތަކަށް އެކަމުގެ ނޭދެވޭ ނުރަނގަޅު  އަސަރު ފޯރާނެ ކަމަކަށް ވުމާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސިއާއި ހެދިފައިވާ ޤާނޫނޫތަކުގެ މަފުޙޫމަކީ އެއްވެސް ފަރާތެއްގެ މައްޗަށް ކުއްސާބިތުނުވާހާ ހިނދަކު، އެފަރާތަކީ ކުއްވެރިއެއް ނޫންކަމާއި، ދަޢުލަތުގެ މުއައްސަސާތަކާއި، ވުޒާރާތަކަށް މައްސަލަތައް ހުށަހެޅުމަށް ހުޅުވިފައިވާ ދޮރަކީ، އޭގެ ސަބަބުން އެއްވެސް ބައެއްގެ އަގުވައްޓާލައި، އިންޓިގްރިޓީއާމެދު ސުވާލުއުފެއްދުމަށް ދެވިފައިވާ ފުރުސަތަކަށް ނުވާހިނދު، ފަނޑިޔާރަކާމެދު ކުރެވޭ ތުހުމަތެއްގައި ޝަކުވާ ހުށަހެޅުމަށް ފަހު މީޑިއާގައި އެކަން ހާމަކޮށް، ފަނޑިޔާރުންގެ އަގުވައްޓާލުމުގެ ސަގާފަތެއް ރާއްޖޭގައި ތަޢާރަފުވަމުންދާ ދިއުމަކީ، ދިވެހިރާއްޖެގެ ކުރިމަގަށް އެކަމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާއި ކުރިމަތި ލާންޖެހިދާނެކަމެއް ކަމަށްވުމުން، މިކަމުގައި ހުރިހާ ފަރާތްތަކަކުންވެސް މިހާރާށްވުރެ ބޮޑަށް ޒިންމާދާރުވުމަށް މިކޮމިޝަނުން ނަޞޭހަތްތެރިވަމުނެވެ.

ފަނޑިޔާރުންނާމެދު ސުލޫކީގޮތުން ކުރެވޭ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ޤާނޫނުއަސާސީގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، މިކަންކަމަކީ،  ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) އިންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/10) ގެ 21 ވަނަ މާއްދާގެ (ށ) އިން، ސާފުކޮށް އެނގެންއޮތްހިނދު، ފަނޑިޔާރުންނާ މެދު ސުލޫކީގޮތުން ފިޔަވަޅުއެޅުމަކީ، އެއްވެސް ޙައިޘިއްޔަތަކުން އެހެންމިނިވަން މުއައްސަސާތަކާށާއި އިދާރާތަކަށް ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދީފައިވާ ބާރެއް ނޫންކަން ސާފުކޮށް އެނގެން އޮތުމުން، މިކޮމިޝަނުން ގޮވާލަނީ ފަނޑިޔާރުންނާމެދު ކުރެވޭ ތުހުމަތުތަކާއި، ޝަކުވާތައް މިކޮމިޝަނަށް ހުށަހެޅުމަށާއި، މިކަމުގައި ހުރިހާ ފަރާތްތަކުންވެސް މިހާރަށް ވުރެވެބޮޑަށް ޒިންމާދާރުވެ، ޤައުމުގެ ކުރިމަގާމެދު ވިސްނައި، އިޙުލާސްތެރިކަމާއެކު މަސައްކަތުކުރަމުން ގެންދިއުމަށެވެ.