ނޫސްބަޔާން

2/7/2012

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤާނޫނީ ވަކީލު އަލްއުސްތާޛު އަޙުމަދު ނަޖީބަށް ހަމަލާދީ ވަރަށް އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައިވާތީ، އެކަން މިކޮމިޝަނުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރަމެވެ. އަދި މަރުހޫމްގެ އާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރަމެވެ.

މިފަދަ ލާއިންސާނީ އަމަލުތައް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ތަކުރާރުވަމުންދާ ދިއުމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދި ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ގެއްލެމުންދާތީ، މިކަން ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤުކޮށް މިޢަމަލު ހިންގާފައިވާ ފަރާތްތައް ހޯދައި މިކަމާގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ އަވަސްފިޔަވަޅުތަކެއް އެޅުމަށް މިކޮމިޝަނުން ގޮވާލަމެވެ.

މިފަދަ ޢަމަލުތަކީ އޭގެ ސަބަބުން މުޖުތަމަޢުގެ އާންމު ރައްކާތެރިކަމާއި، އަމަން އާމާންކަން ގެއްލިގޮސް، އަމިއްލަ ފަރުދުންނަށް ޤާނޫނީގޮތުން ލިބިދީފައިވާ ރައްކާތެރިކަމާއި، ހިމާޔަތް ނެތިކޮށްލައި، ޤަައުމުގެ އަމަން އަމާންކަން ގެއްލި ނަފުސުގެ ރައްކާތެރިކަން ނެތި، ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް މުޅި މުޖްތަމަޢު ހިގައިދާނެކަމަށްވާތީ، މިފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް މިކޮމިޝަނުން ޢިލްތިމާސްކޮށް ނަޞޭހަތްތެރިވަމެވެ.

02 ޖުލައި 2012