ނޫސްބަޔާން

22/3/2012

މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ފަނޑިޔާރުންނަށް އަމާޒުކޮށް ތަފާތު އެކިކަހަލަ ހަމަލާތައް ދެމުންދިއުމާއި، އެފަދަ ހަމަލާތަކުގައި ފަނޑިޔާރުންނަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން އަދި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާދިއުމަކީ، ދިވެހިރާއްޖޭގައި އަދުލުއިންސާފު ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ހުރަސްއެޅި، މުޅި ގައުމުގެ އާންމު މަސްލަހަތު ގެއްލިދާނެކަމެއްކަމަށް ފެންނާތީ، މިކަން އެންމެ ހަރުކަށިއިބާރާތުން މިކޮމިޝަނުން ކުއްވެރިކޮށް ކަމާބެހޭފަރާތްތަކުން މި ކަންކަން ތަޙުޤީޤުކުރުމަށް ގޮވާލަމެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދާ ޤާނޫނުއަސާސިއާއި ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު އެފަރާތްތަކަށް ދިނުމަށްވެސް ކަމާބެހޭ ދައުލުމަތުގެ އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން ގޮވާލަކެވެ.

އެގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު ފާއިޒް ހުސެއިންގެ ކާރުކޮޅަށް 2012 މާޗް 21 ވަނަ ދުވަހުގެ ރޭ ނަލަހިޔާ ހޮޓަލް ހިމެނޭ ސަރަހައްދުން ބަޔަކު ގެއްލުންދީ، ކާރުގެ ފަހަތު ލައިޓްތައް ތަޅައި ދީފައިވާ ހަމަލާއާއި، 2012 މާޗް 16 ވަނަ ދުވަހު މިކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްﷲ، ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުން ނުކުމެވަޑައިގެން ކާރުކޮޅުގައި ގެއަށް ވަޑައިގަންނަވަނިކޮށް ޗާންދަނީމަގާއި ޖުމްހޫރީ މައިދާން ގުޅުނު ކަންމަތިންް، އެމަނިކުފާނުންގެ ކާރުކޮޅުގެ ބިއްލޫރިގަނޑު ތަޅާލައި، ބަޔަކުދިން ހަމަލާއާއި، 2012 މާޗް 08 ވަނަ ދުވަހު ފުވައްމުކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟީލް އަހުމަދު ލަތީފުގެ ވައަތުފައިގެ ތަނބިކަށިމަތީން ބިންދާލައި އަދިވެސް އިތުރު ޖިސްމާނީ އަނިޔާތެއް ދީ ހިންގާފައިވާ ޖަރީމާތަކަކީ، މިކޮމިޝަނުން އެންމެ ހަރުކަށިއިބާރާތުން ކުއްވެރިކުރާ ކަންކަމެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާތުވަމުންދާ ދިއުމަކީ އޭގެ ސަބަބުން މުޅި ދުސްތޫރީ ނިޒާމު ހަލާކުވެ، ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ގެއްލިގެން ހިގައިދާނެ ކަމެއްކަމަށް ފެންނާތީ، މިކަންކަން އަވަސް ބާރުމިނެއްގައި ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤުކޮށް އެފަދަ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާމެދު އަވަސްފިޔަވަޅުތަކެއް އެޅުމަށް މިކޮމިޝަނުން ގޮވާލަމެވެ.

މިފަދަ ޢަލަމުތަކީ އޭގެ ސަބަބުން މުޖުތަމަޢުގެ އާންމު ރައްކާތެރިކަމާއި، އަމަން އާމާންކަން ގެއްލިގޮސް، ފަނޑިޔާރުންނަށް ޤާނޫނީގޮތުން ލިބިދިފައިވާ ރައްކާތެރިކަމާއި، ހިމާޔަތް ނެތިކޮށްލައި، އަދުލުއިންސާފު ޤާއިމުކުރުމަށް ކުރެވޭ މަސައްކަތް ފުޑުފުޑުވެގެން ހިގައިދާނެކަމަށްކަމަށް ފެންނާތީ، މިފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް މިކޮމިޝަނުން ޢިލްތިމާސްކޮށް ނަޞޭހަތްތެރިވަމެވެ.