ނޫސްބަޔާން

10/9/2011

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒުފޯރުވައި ހަދައިގެން ނުވާނެކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެމައްދާގެ (ރ) ގައި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރި ކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހާ މީހުން ކޯޓުތަކަށް އެހީތެރި ވާންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވެއެވެ.

އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ޢާއްމުކޮށް ހުރިހާކޯޓުތަކަށް ލިބިދީފައިވާ ބާރުތައް ބަޔާންކުރަމުން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށްކަމަށް ކަނޑައެޅި ބަޔާންވެފައިވުމާއި، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ޚާއްޞަ ގޮތެއްގައި ސުޕްރީމްކޯޓަށް ޤާނޫނުއަސާސީގައި ލިބިދީފައިވާ  ބާރުތައް ބަޔާންކުރަމުން، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓުކަމަށާ އަދި ޤާނޫނުއަސާސީގެ 145 ވަނަ މާއްދަގެ (ނ) ގައި ޤާނޫނުއަސާސީއާއި ޤާނޫނު  މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ކަނޑައެޅި ބަޔާންވެފައިވެއެވެ.

ހަމައެއާއެކު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިދޭ ބާރުތައް ބަޔާންކުރަމުން އެ ޤާނޫނުގެ 2 ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ، ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، ޤާނޫނަކުން ކަނޑައަޅާ ދަށުކޯޓުތަކަށް ކަމަށް ކަނޑައެޅި ބަޔާންވެފައި ވެއެވެ. އަދި އަދުލު އިންޞާފު ޤާއިމު ކުރުމުގައި ޚާއްޞަ ގޮތެއްގައި ސުޕްރީމްކޯޓަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ލިބިދީފައިވާ ބާރުތައް ކަނޑައަޅަމުން، އެޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި މައްސަލައެއްގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި މުސްތަޤިއްލު މަޤާމުތަކުގަތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި، ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެމައްޗަށް ތަބާވުން ލާޒިމް ނިންމުމެއްކަމަށް ކަނޑައެޅި ބަޔާންވެފައިވެއެވެ.

އަދި ޤާނޫނުއަސާސީގެ 67 ވަނަ މާއްދާއިން ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤާނޫނުގެ ވެރިކަން ހިންގުމުގެ އުޞޫލަށް ޙުރުމަތް ތެރިކޮށް ހިތުމަކީ އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހެއްގެ މައްޗަށްމެ ލާޒިމްވެގެންވާ ކަމެއްކަން އެނގެއެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުގައި ކޯޓުތަކުގެ ހައިބަތާއި ކަރާމަތާއި، ޤަދަރު ކަށަވަރު ކޮށްދީފައިވާ މިބަޔާންކުރެވިދިޔަ ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކަށް އެއްވެސް ބެލުމެއްނެތި، ޢާއްމުފޯރަމްތަކުގައާއި، ޚަބަރުފަތުރާ ވަސީލަތްތަކުގައި ކޯޓުތަކުގެ ހައިބަތާއި، ޤަދަރަށް އުނިކަން ލިބޭފަދަ ވާހަކަތައް އެކިއެކި ފަރާތްތަކުން މަދުންނަމަވެސް މިހާރަކަށް އައިސް ދައްކަމުންދާކަން މި ކޮމިޝަނަށްވަނީ ފާހަގަކުރެވިފައެވެ.

ކޯޓުތަކުގެ ހައިބަތާއި ޤަދަރަށް އުނިކަން ލިބޭގޮތަށް މިފަދަ ވާހަކަތައް ކޮންމެ ފަރާތަކުންނަމަވެސް އަދި ކޮންމެ މީހަކުނަމަވެސް ދެއްކުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ޙުކުމަށް ބޯ ނުލެނބުމުގެ ރޫޙު ފެތުރިގެންދިއުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ. އަދި މިފަދަ ވާހަކަތައް މިގޮތަށް ދެއްކުމަކީ، ދިވެހިރައްޔިތުން ބުރަ މަސައްކަތުން މި ދިވެހި ވަޠަނުގައި ޤާއިމުކުރި ދުސްތޫރީ އަދި ޤާނޫނީ ނިޒާމް، އޭގެ ޅަފަތުގައި ފުނޑުފުނޑުވެ، ވިއްސިވިހާލިވެ، މުޅިޤައުމުގައި ދެބަސްވުމާއި އަރައިރުމާއި ފިތުނަ ފަސާދަ ޢާއްމުވެގެން ދިއުމަށް މަގުފަހި ވެގެން ހިނގައިދާނެ ކަމެއްވެސް މެއެވެ. ވީމާ، ކޯޓުތަކުގެ ހައިބަތާއި ކަރާމާތް ގެއްލޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން މިފަދަ ވާހަކަނުދެއްކުމަށާއި އަދި އެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.