ނޫސްބަޔާން

3/1/2011

ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީގެ ހަށިކޮޅަށް ތޫނޫ އެއްޗަކުން މިއަދު (03 ޖެނުއަރީ 2011) ދީފައިވާ ހަމަލާ މި ކޮމިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރުމާއެކު، އަލްފާޟިލާ ޢާއިޝަތު ވެލެޒިނީއަށް މި ހަމަލާގެ ސަބަބުން ލިބިވަޑައިގެން ޒަހަމްތަކަށް ﷲ އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމެވެ.

މި ކޮމިޝަނުން ޤަބޫލުކުރާ ގޮތުގައި މިހަމަލާއަކީ ކޮމިޝަންގެ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީގެ ހަށިކޮޅަށް އެކަނި ދީފައިވާ ހަމަލާއެއް ނޫންކަމަށާ، އެއީ މުޅި މުއައްސަސާއަށް ދިފައިވާ ހަމަލާއެކެވެ. އަދި މި ހަމަލާއަކީ ރައްޔިތުންގެ ހިތުގައި ކޮމިޝަނާމެދު އޮތް އިތުބާރު ނަގާލުމަށާއި މިއަދު ރާއްޖެއަށް ތަޢާރަފު ވެފައިވާ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ފުނޑު ފުނޑު ކޮށްލުމަށް ބަޔަކު  ހިންގާފައިވާ ފިނޑި ޢަމަލެއްކެވެ.

މި ކޮމިޝަންގެ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީގެ ހަށިކޮޅަށް މިއަދު ބަޔަކު ދީފައިވާ ހަމަލާއަކީ މިކޮމިޝަނާއި ޝަރުޢީދާއިރާއަށް ދިފައިވާ ވަރަށް ނާތަހުޒީބީ ދަށުދަރަޖާގެ ހަމަލާއެކެވެ. އަދި މީގެ ކުރިންވެސް ކޮމިޝަންގެ މެމްބަރެއްގެ ހަށިކޮޅަށް ބަޔަކު ހަމަލާދިފައި ވުމާއި، މިއަދު ކޮމިޝަންގެ މެމްބަރު އަލްފާޟިލާ އާއިޝަތު ވެލެޒިނީގެ ހަށިކޮޅަށް ދީފައިވާ ހަމަލާ ހަރުއަޑުން ކުއްވެރިކުރުމާއެކު، މި މައްސަލަ ކަމާބެހޭ އެންމެހާ ފަރާތްތަކުން ބަލާދިނުމަށާއި، ޤައުމުގެ ދުސްތޫރު ހިމާޔަތްކޮށް، ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އެންމެހާ ޙައްޤުތައް ފޫއަޅުވާލާ، މިނިވަންކަމާ އަމާންކަމާއެކު އުޅުމުގެ ފުރުސަތު ގެއްލުވާލާ ހިންގާފައިވާ ދަށުދަރަޖައިގެ ފިނޑި މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނުގައިވާގޮތުގެމަތީން ފިޔަވަޅުއެޅުމަށް މި ކޮމިޝަނުން ގޮވާލަމެވެ.

މިކޮމިޝަނުން އެދެނީ މިނިވަންކަމާ މުސްތަޤިއްލުކަމާއެކު މި ކޮމިޝަން ހިންގުމަށްޓަކައި ކަމާބެހޭ އެންމެހާ ފަރާތްތަކުން ކޮމިޝަނުންގެ މެމްބަރުންގެ ވާޖިބުތައް އަދާކުރުމަށް އެ މެންބަރުންނަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއެކު މިފަދަ ޢަމަލުތަކުން މުޅި މުޖުތުމަޢު ރައްކާތެރިކޮށް ސަލާމަތްކޮށްދިނުމަށެވެ.