ނޫސް ބަޔާން – 3 އޯގަސްޓް 2010

3/8/2010

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން  ކަނޑައެޅުމުގެ ގޮތުން  27 ޖުލައި 2010 ވަނަ ދުވަހު ކޮމިޝަނަށް ޙާޟިރުވެވަޑައިގެން 9 މެންބަރުންގެ އިއްތިފާޤުން ނިންމި ނިންމުން ތަންފީޒު ކުރުމަށްޓަކައި މިކޮމިޝަންގެ އިދާރީ މުވައްޒަފުން ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދަނިކޮށް 2 އޯގަސްޓް 2010 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން  މި ކޮމިޝަންގެ މަސައްކަތް ހުއްޓުވައި، ކޮމިޝަންގެ މުވައްޒަފުން ކޮމިޝަނަށް ވަނުން މޯލްޑިވްސް ޕޮލިސް ސަރވިސް އިންވަނީ މަނާކޮށްފައެވެ. މި ކޮމިޝަނުން ދެކޭގޮތުގައި  މޯލްޑިވްސް ޕޮލިސް ސަރވިސްގެ މި ޢަމަލަކީ ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ ދަށުން  މިކޮމިޝަނުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައެޅިގެން ހުރަސް އެޅުމުގެ ގޮތުން، ޤާނޫނުއަސާސީއާއި ފުލުހުންގެ ޤާނޫނުގެ 13 ވަނަ މާއްދާގައި ކަނޑައެޅިފައިވާ  އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޣައިރުޤާނޫނީ ޢަމަލެކެވެ. އެހެންކަމުން 2 އޯގަސްޓް 2010  ދުވަހު މިކޮމިޝަންގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްޓުވި ހުއްޓުވުން ، މިކޮމިޝަނުން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2008/10 ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުފެދިފައިވާ މިނިވަން މުއައްސަސާއެކެވެ.

ފަނޑިޔާރުން ޢައްޔަން ކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުމާއި ފަނޑިޔާރުންނާބެހޭގޮތުން އުފުލޭ ޝަކުވާތައް ބެލުމާއި މަޤާމުން ވަކިކުރަންޖެހޭ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ ދަށުން މިކޮމިޝަންގެ އިޚްތިޞާޞްގެ ގޮތުގައި ހިމެނޭ ކަންކަމެވެ.

މިދުވަސްކޮޅަކީ ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު ފަނޑިޔާރުކަމުގައިތިބި މީހުންގެ ކިބައިގާ ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ހަމަވޭތޯ ނުވަތަ ނޫންތޯ، ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި ޝަރުޠު ފުރިހަމަވާކަމަށް ކޮމިޝަނުން ކަނޑައަޅާ މީހުން، ފަނޑިޔާރުކަމަށް ޢައްޔަންކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންގެންދާ ދުވަސްކޮޅެކެވެ.

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ” ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ތިބިފަނޑިޔާރުންގެ ކިބައިގާ މިޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، މި ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން، މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވވެގެން 2 (ދޭއް) އަހަރު ތެރޭގައި ކަނޑައަޅަން ވާނެ” ކަމަށެވެ.

މި މާއްދާގެ (ށ) އަށް ޙަވާލާދީ މިމާއްދާގެ (ރ) ގައި ބުނެފައި ވަނީ ” މި މާއްދާގެ (ށ) ގައި ވާ ގޮތުގެ  މަތިން  ބަލާބެލުމުގައި ފަނޑިޔާރެއްގެ މަޤާމުގައި ހުރިމީހެއްގެ ކިބައިގާ މިޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ވާކަމަށް ކަނޑައޅައިފި ނަމަ އެމީހަކު މިޤާނޫނުއަސާސީގެ ދަށުން ފަނޑިޔާރުކަމަށް ޢައްޔަން ކުރަން ވާނެ ކަމަށެވެ. ހަމައެހެންމެ އެމާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން ބަލާ ބެލުމުގައި ފަނޑިޔާރެއްގެ މަޤާމުގައި ހުރިމީހެއްގެ ކިބައިގާ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠެއް ނުވަތަ ޝަރުޠުތަކެއް ފުރިހަމަ ނުވާކަމަށް ކަނޑައަޅައިފި ނަމަ އެމީހަކު އެހިނދުން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން ވަކިވާނެ ކަމަށް ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވެއެވެ.”

އެހެންކަމުން ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ތިބި ފަނޑިޔާރުންގެ ކިބައިގާ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، މި ކޮމިޝަނުން ބަލައި ޝަރުޠު ފުރިހަމަވާ މީހުން ފަނޑިޔާރު ކަމަށް އައްޔަނުކުރުމަކީ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) އާއި (ރ) ގެ ދަށުން މިކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަމެއްކަން ވަރަށް ސާފުކޮށް އެނގެންއޮތް ކަމާއި މިކަން ކުރުމަށް ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް 2 އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާކަމާއި އެމުއްދަތު 7 އޮގަސްޓް 2010 އަށް ހަމަވާނެ ކަން އެނގެއެވެ.

ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ފަނޑިޔާރުކަމުގައި ތިބިމީހުންގެ ކިބައިގާ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައިވާ ޝަރުޠުތައް ހަމަވޭތޯ ނުވަތަ ނޫންތޯ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުން މިގެންދަނީ މިންގަނޑާމެދު ޚިޔާލުތަފާތުވި މެންބަރުންގެ ތަފާތުވި ޚިޔާލު ހިމަނައިގެން، 27 ޖުލައި 2010 ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއަށް ހާޒިރުވި 9 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާ މިންގަނޑެއްގެ ދަށުންނެވެ. އެމިންގަނޑުގެ ދަށުން 160 ފަނޑިޔާރަކު ޝަރުޠު ހަމަވާކަމަށް ކޮމިޝަންގެ އެޖަލްސާއަށް ހާޟިރުވި މެންބަރުންގެ އިއްތިފާޤުން ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ.

3 އޯގަސްޓް 2010